Advertisement

ގާފަރުން ސެމީ އަށް ނުކުންނާނީ ހުރިހާ ގޮތަކުން ވެސް ތައްޔާރުވެގެން

4 މާރިޗު 2024 - 09:36 0

އަތޫފް އާތިފް

އަތޫފް އާތިފް

ގާފަރު ޓީމުގެ ބަދަލު ގޯލްކީޕަރު ސައްމާން: މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ތިން ޕެނަލްޓީ ޝޫޓްއައުޓްގައި ގާފަރަށް ވަނީ ކުރިހޯދައިދީފައި.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ގާފަރުން ސެމީ އަށް ނުކުންނާނީ ހުރިހާ ގޮތަކުން ވެސް ތައްޔާރުވެގެން

4 މާރިޗު 2024 - 09:36 0

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ސެމީ ފައިނަލުގައި އޭދަފުއްޓާއި ދެކޮޅަށް ގާފަރުން ނުކުންނާނީ ވެވެންހުރި ހުރިހާ ގޮތަކުން ތައްޔާރުވެގެން ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ނިޝާން (ކާނޫ) ބުނެފި އެވެ.

މި އަހަރުގެ މުބާރާތުގެ ޒޯން ބުރުގައި މި ދެ ޓީމު ދެ ފަހަރެއްގެ މަތިން ވާދަކުރި އެވެ. އެކަމަކު، އެ ދެ ފަހަރުވެސް އޭދަފުށީގެ މައްޗަށް ގާފަރުން ވަނީ ކުރި ހޯދައިފަ އެވެ.

ގާފަރުން ސެމީ ފައިނަލުގެ ޖާގަ ހޯދީ ޕެނަލްޓީގައި ކުޑަހުވަދޫ ބަލިކޮށެވެ. އެ މެޗަށްފަހު "އަދަދު"އާ ވާހަކަ ދައްކަމުން ކާނޫ ބުނީ އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫން ކަމަށެވެ. އަދި މި ފަހަރުގެ މުބާރާތުގައި ދެ ފަހަރެއްގެ މަތިން އޭދަފުށްޓާ ވާދަކުރި ނަމަވެސް ސެމީ ފައިނަލުގެ މެޗަކީ އާ މެޗެއް ކަމަށް ކާނޫ ދެެކެ އެވެ.

އެހެންވެ, ގާފަރުން އެ މެޗަށް ނުކުންނާނީ ހުރިހާ ގޮތަކުންވެސް ތައްޔާރުވެގެން ކަމަށް ކާނޫ ފާހަގަ ކުރި އެވެ.

"މުބާރާތުގައި ތިން ވަނަ މިޗު އޭދަފުއްޓާ މި ޖެހެނީ. އަޅުގަނޑުމެން ނުކުންނާނީ ހުރިހާ ގޮތަކުންވެސް ތައްޔާރުވެގެން. ކާމިޔާބު ހޯދުމާ އެއް "ސްޓެޕް" ގާތައް ޖެހިލަން މި ތިބީ ކެތް މަދުވެފައި" ކާނޫ ބުންޏެވެ.

އޭނާ ބުނީ ގާފަރު ޓީމަށް ދިމާވާ މައްސަލަ އަކީ ލީޑު ނެގުމަށް ފަހު ކުޅުންތެރިން ކުޑަކޮށް "ރިލެކްސް" ވުން ކަމަށެވެ.

"މި ޓީމު ދެ ފަހަރެއްގެ މަތިން ޕެނަލްޓީ ޖަހައިގެން ކަޓާގެން މި ދިޔައީ, އެހެންވެ މި ފަހަރު ދުރާލާ އެކަމަށް ތައްޔާރުވިން. އަދި ޝައްމަންގެ ކޮންފިޑެންސް ލިބުން އެއީ ބޮޑު ހިތްވަރެއް" ކަމަށް ކާނޯ ބުންޏެވެ. ގާފަރުން މި މުބާރާތުގެ ޒޯން ބުރުގެ ފައިނަލް, ގަދަ 16 އަދި ކުއާޓާ ފައިނަލް މެޗު ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

އޭދަފުށިން ވަނީ މީގެ ކުރިން އެއް ފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ކުޅެފަ އެވެ. ގާފަރު ވަނީ ދެ ފަހަރު ފައިނަލުގައި ކުޅެފަ އެވެ.

ސެމީ ފައިނަލުގައި މިރޭ 22:15 ގައި ގާފަރުން ނުކުންނާނީ އޭދަފުއްޓާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ރެހެންދި އެއް ނަމްބަރު ޓާފް ދަނޑުގަ އެވެ.