Advertisement

ކިންގުގެ ތާޖަށް ވުރެ ސައްޓު އަށް މުހިންމުވީ އުފަން ރަށަށް ގޯލްޑަންގެ ތަށި

11 މާރިޗު 2024 - 13:31 1


ކިންގުގެ ތާޖަށް ވުރެ ސައްޓު އަށް މުހިންމުވީ އުފަން ރަށަށް ގޯލްޑަންގެ ތަށި

11 މާރިޗު 2024 - 13:31 1

މީގެ 10 ވަރަކަށް އަހަރު ކުރިން، 2014 ވަަނަ އަހަރު، ބ. އޭދަފުށިން ހާފް އައިލެންޑާސް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިއަކީ އިޝާން އިބްރާހިމް (ސައްޓު) އެވެ.

އޭގެ 10 އަހަރު ފަހުން، އަނެއްކާ ވެސް ފުޓްސަލްގެ ބޮޑު ތަށްޓެއް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި އޭދަފުށްޓަށް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައިވަނީ، މުބާރާތުގެ މޮޅު ކުޅުންތެރިޔާ، "ކިންގް އޮފް ފުޓްސަލް" ގެ ތާޖު ބޮލުގައި އެޅި ސައްޓު އެވެ. އެކަމަކު، އެ އަށް ވުރެ، ސައްޓު ހިތުގައި ރަށުގެ ކާމިޔާބީ އަށް އޮތް ލޯތްބާއި އިހުތިރާމް އެތަށް ގުނައެއް މައްޗެވެ. މި ތަށި ރަށަށް ގެންދިއުމުގެ އުފާ މާ ބޮޑެވެ.

މި ފަހަރުގެ ކާމިޔާބީ ސައްޓު، 35، އަށް ހާއްސަ އެވެ. އޭގެ ސަބަބުތައް ވެސް ބައިވަރެވެ.

"މީ ކީކޭ ބުނާނީ، މި އެއްޗަށް މަސައްކަތް ކުރާތާ ވެއްޖެ ހަމަ ގޯލްޑަން ފެށުނުއިރުއްސުރެ، އޭދަފުށި އަބަދުވެސް ނުކުންނަނީ މި ތަށި ކާމިޔާބުކުރަން. ދެން، އަލްހަމްދުލިއްލާހި ނަސީބު ދިމާކުރި ގޮތުން، މި ފަހަރު މި ކަން ވެއްޖެ، އަލްހަމްދުލިއްލާހި ޝުކުރު،" 2015 ވަނަ އަހަރު ފެށި ގޯލްޑަން ފުޓްސަލް ޗެލެންޖާއި މި މުބާރާތުގައި މި ފަހަރު ލިބުނު ކާމިޔާބާ ގުޅޭގޮތުން ސައްޓު ބުންޏެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ މޮޅު ކުޅުންތެރިޔާ، ކިންގް އޮފް ފުޓްސަލްގެ މަގާމު ހޯދި ސައްޓު.--- ފޮޓޯ: އަދަދު


ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އޭދަފުށިން ވަނީ މީގެ ކުރިން، 2019 ވަނަ އަހަރު ފައިނަލުގައި ކުޅެ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ތ. ތިމަރަފުށި އަތުން ބަލިވެފަ އެވެ.

އެ ފަހަރު، ތިމަރަފުށި އަތުން ފައިނަލުގައި ބަލިވިއިރު، އެ މުބާރާތަށް ނުކުތް އޭދަފުށީ ޓީމަކީ، މި ފަހަރުގެ މުބާރާތް ނުލައި، އެ ރަށުން މި މުބާރާތަށް ނުކުތް އެންމެ ރަނގަޅު ޓީމެވެ.

މި ފަހަރު ރާއްޖޭގެ ފުޓްބޯޅައިގެ އޮފް ސީޒަނާ ދިމާވުމުން، ފުރަތަމަ ޑިވިޝަނުގައި ކުޅޭ އޭދަފުށީ ނަން މަޝްހޫރު ކުޅުންތެރިންނާ އެކު، އެ ޓީމު އޮތީ ވަރަށް ވަރުގަދަކޮށެވެ. ހުނަރާއި ތަޖުރިބާ އިން ފުރިފަ އެވެ. ނަތީޖާތަކުން ވެސް މެޗަކަށް ފަހު މެޗެއް އޭދަފުށި ދިޔައީ އިތުބާރު ބޮޑުކުރަމުންނެވެ.

މުބާރާތުގެ ތެރެއިން އޭދަފުށިން ހޯދަމުން އައި ކުރިއެރުމަކީ، ތަށްޓާ ހަމައަށް ވާސިލްވާން، އިތުބާރު ހޯދަން ކޮށުނު މަގު ކަމަށް ސައްޓު ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އަތޮޅު ޗެމްޕިއަންކަން ހޯދުމަށް ފަހު، ޒޯނަށް ކުރިމަތިލައި، އޭދަފުށި މި ފަހަރު ވަނީ، ކ. ގާފަރު އަތުން ދެ ފަހަރު، (ޒޯން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން) ބަލިވެފަ އެވެ. އެ މެޗަށް ފަހު، ދިން އިންޓަވިއުގައި ވެސް ސައްޓު ދިނީ މެސެޖެކެވެ. އެއީ ދަސްވި ކަންތައްތަކުން އިބުރަތް ހާސިލްކޮށް، ނޮކައުޓަށް ދެގުނަ ރަނގަޅަށް ތައްޔާރުވުމެވެ.

ގަދަ 16 ބުރަށް އޭދަފުށިން އާ ރޫހެއްގައި ނުކުތެވެ. ގަދަ 16 ގައި، ޒޯން އަށެއްގެ ޗެމްޕިއަން، މާފަންނު އަތުން އޭދަފުށި ވަނީ ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ. އަދި ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ތިމަރަފުށި ބަލިކޮށް، ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން، ގާފަރު ބަލިކުރި އެވެ. މިއީ، މުޅިން ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހާ ގުޅިފައި އޮތް ވަރުގަދަ ރަށްތަކުގެ މައްޗަށް އޭދަފުށިން ހޯދި ކާމިޔާބެވެ.

މާފަންނާއި ތިމަރަފުށްޓަކީ މި މުބާރާތުގެ ތަށި ކުރިން އުފުލާލައިފައިވާ ދެ ޓީމެވެ. ގާފަރަކީ ދެ ފަަހަރު މި މުބާރާތުގެ ފައިނަލުގައި ކުޅުނު ޓީމެކެވެ. މި ފަަހަރުގެ މުބާރާތުގައި ފޭވަރިޓެއްގެ ގޮތުގައި އޮތް ޓީމެއް ވެސް މެ އެވެ.

މި ހުރިހާ ޓީމެއް އަތުން މޮޅުވެ، ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަން އަތުން 4-2 އިން މޮޅުވެ، ތަށި އުފުލާލެވުމަކީ، ސައްޓު ދެކޭ ގޮތުގައި، "ވަރަށް ބޮޑު ކާމިޔާބެ" ކެވެ.

ގައުމީ ފުޓްސަލް ޓީމާ އެކު، ކިރްގިސްތާންގައި އޮތް އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ކުޅުނު މެޗެއްގެ ވޯމްއަޕްގައި ސައްޓު


"މިއީ، އަޅުގަނޑުމެން ނޮކައުޓް ރައުންޑުން ފެށިގެން ކުޅެން މި ޖެހުނީ ހަމަ ރާއްޖޭގެ ހަމަ ފުޓްސަލްގެ ތަރިންގެ ޓީމުތަކާ އަނެއްހެން ނޮކައުޓްް ރައުންޑުން ފެށިގެން ކުއާޓާ އާއި ސެމީ ފައިނަލާ ހަމައަށް ފުޓްސަލްގައި ފާހަގަކޮށްލެވޭ ރަށްތަކާ މި ކުޅެން ޖެހުނީ. މި ހުރިހާ އޮޅިގަނޑެއް ގިރާކޮށްފައި ތަށްޓާ ހަމައަށް އާދެވުނީމަ މި އޭދަފުށްޓަށް ވަރަށް ބޮޑު ކާމިޔާބެއް،" މުބާރާތުގެ ކާމިޔާބަށް ފަހު، ރަތް ދޫލައިގެ މަރުހަބާ އަކާ އެކު، އަމިއްލަ ރަށުގައި އުފާފާޅުކުރި ސައްޓު ބުންޏެވެ.

"މިއީ އޭދަފުށްޓަށް ނުލިބޭ ތަށްޓެއް މިއީ، ގޯލްޑަން މިއީ، ފުޓްސަލްގެ ބޮޑު ތަށްޓެއް މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެންމެ ފަހުން އަޅުގަނޑުމެންނަށް ލިބުނީ 2014 ގައި، އޭގެ ފަހުން އޭގެ ކާމިޔާބެއް، ގޯލްޑަން ފެށި ފަހުން ނުލިބޭ،"

އަސްލު އޭދަފުށްޓަށް ބޭނުންވާ (ފުޓްސަލްގެ) އެންމެ ބޮޑު ތަށި މި ލިބުނީ، "ސައްޓު"

ޒަމާނުއްސުރެ އޭދަފުށްޓަކީ ފުޓްބޯޅައިގައި ހުނަރުވެރި ކުޅުންތެރިން އުފައްދާ ރަށެކެވެ. މި ފަހަަކަށް އައިސް ފުޓްސަލްގައި ވެސް ވިދަމުން އަންނަ އޭދަފުށީ ކުޅުންތެރިން މަދެއް ނޫނެވެ.

މި ފަަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސްކޮޑުގައި ނެތް ނަމަވެސް، ޓީމުގައި ތަފާތު ދެއްކޭނެ ހުނަރުވެރި މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި އެވެ. ޓީމު ނަގަން ޖެހުނީ ވެސް ޓްރަޔަލެއް ބާއްވައިފަ އެވެ. ރަށާއި މާލޭގައި ޓްރަޔަލް ބޭއްވި އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗެއްގެ ތެރެއިން ސައްޓު (ވ) އާއި ހަމްޕު ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ސައްޓު ދެކޭ ގޮތުގައި، ގޯލްޑަން ފުޓްސަލް ޗެެލެންޖްގެ ތަށި ލިބުމާ އެކު، ފުޓްސަލްގައި އޭދަފުށިން ފައިތިލަ ސާބިތުކޮށް، ފުޓްސަލްގައި ކާމިޔާބު ރަށެއްގެ ގޮތުގައި ކުރިއަށްދާން ހިތްވަރު ލިބޭނެ އެވެ. ކަންކަން ރޭވުންތެރިކަމާ އެކު ކުރަން، އިތުރަށް ފުރުސަތު ވެސް ލިބޭނެ އެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އަންނަން އޮތް އެ ރަށުގެ ޖީލުތަކުން ވެސް މަސައްކަތްތަކެއް ކޮށްގެން ކުރިއަށްދާން ހިތްވަރު ލިބޭނެ ކަމަށް ސައްޓު ގަބޫލުކުރެ އެެވެ.

"މި ތަށި އޭދަފުށްޓަށް ލިބުނީމަ ޔަންގް ޖެނެރޭޝަން އާއި ފުޓްސަލްގެ ތެރޭގައި އުޅޭ ކުދިންނަށް ވެސް، އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއީ ލިބުނު ހިތްވަރެއް ކަމަށް މީތި ކުރިއަށް ގެންދަން، ދެން އަންނަ އަހަރެއްގައި ވެސް މި ފޯރީގައި މި ތަށި ދިފާއުކުރަން ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ގަބޫލުކުރަނީ،" ސައްޓު ބުންޏެވެ.

އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކާމިޔާބީގެ އުފާފާޅުކުރުމަށް ރަށުގައި ބޭއްވި އިވެންޓްގެ ތެރެއިން ސައްޓު އެ ރަށުގެ ސްކޫލް ކުދިންނާ އެކު.-- ފޮޓޯ: އަދަދު


ގައުމީ ފުޓްސަލް ޓީމުގައި ވެސް ހިމެނޭ ސައްޓު ވަނީ ފުޓްސަލްގައި ރާއްޖޭގައި ބޭއްވޭ ބޮޑެތި މުބާރާތްތަކުގެ ތަށި ހޯދައިފަ އެވެ. އައިލެންޑާސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕްގެ މުބާރާތުގައި ވެސް ސައްޓު ތަފާތު ދައްކާފައިވެ އެވެ. އެ މުބާރާތްތަކުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ލިބިފައިވެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހުގައި ސަރުކާރުގެ އިސް ފަރާތެއް އަތުން، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ސައްޓު އެވެ. ސައްޓު ބޮލުގައި، ކިންގް އޮފް ފުޓްސަލްގެ ތާޖު އެޅުވީ ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް އެވެ.

ރާއްޖޭގެ 129 ޓީމެއް ކުޅުނު މުބާރާތަށް ޖުމްލަ އެކު، 20.2 މިިލިއަން ވިއުސް ލިބުނުއިރު، މި ލެވަލްގެ މުބާރާތެއްގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީގެ ބުރަދަނަށް ވުރެ، ސައްޓު އަށް ހިތްގައިމީ، އަމިއްލަ ރަށަށް ގެންދެވުނު، މުޅި މުބާރާތުގެ ތަށްޓެވެ.

"ވަރަށް އުފާވޭ އަސްލު، އެ އަށް ވުރެ ބޮޑަށް އަޅުގަނޑު އުފާވަނީ ގޯލްޑަންގެ ތަށި އޭދަފުށްޓަށް ލިބުނީމަ، އިންޑިވިޖުއަލް އެވޯޑަކަށް ވުރެ އަޅުގަނޑުމެން އަބަދުވެސް އަޅުގަނޑު މި ކިޔަމުން އަންނަނީ ޓީމު ކުދިން ކައިރީ، އަޅުގަނޑުމެން ނުކުންނާނީ މި ތަށި އޭދަފުށްޓަށް ގެންދެވޭތޯއޭ، އެކަން ކާމިޔާބުވީމަ އަޅުގަނޑުމެންގެ މިޝަން ނިމުނީ މި މުބާރާތަށް،" އިންޓަވިއު ނިންމާލަމުން ސައްޓު ބުންޏެވެ.