Advertisement

ފަހަތުން އަރައި ޔުނައިޓެޑް ބަލިކުރި ސިޓީން ރޭހުގައި ދުލެއް ނުދޭނެ

4 މާރިޗު 2024 - 00:40 0


ފަހަތުން އަރައި ޔުނައިޓެޑް ބަލިކުރި ސިޓީން ރޭހުގައި ދުލެއް ނުދޭނެ

4 މާރިޗު 2024 - 00:40 0

މެންޗެސްޓާ (މާޗު 3) - އިންގްލެންޑްގެ މިޑްފީލްޑަރު ފިލް ފޯޑެންގެ ދެ ލަނޑާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ފަހަތުން އަރައި 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު، ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސިޓީން ވަނީ ތާވަލްގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ލީޑު އެއް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. މި މަހުގެ 10 ވަނަ ދުވަހު ލިވަޕޫލްއާ ދެކޮޅަށް ސިޓީ ނުކުންނައިރު، މިއީ އެ ޓީމަށް ލިބުނު މުހިންމު މޮޅެކެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ސިޓީގެ ސަޕޯޓަރުން ހަމަހިމޭންކޮށްލައި، ޔުނައިޓެޑުން ލީޑު ނެގީ އެ ޓީމުގެ ފޯވަޑް މާކަސް ރެޝްފޯޑް ޖެހި ހިތްގައިމު ލަނޑުންނެވެ. ސިޓީގެ ޕެނަލްޓީ އޭރިޔާ ބޭރުން ރަޝްފޯޑް ފޮނުވާލި ބާރު ޝޮޓު އަމާުޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ފަހުން، ކައުންޓަ އެޓޭކުގައި ދެ ވަނަ ލަނޑެއް ޖަހަން ރެޝްފޯޑަށް ލިބުނު ފުރުސަތު ގެއްލުނީ ރަނގަޅަށް ބޯޅަ ފޮނުވާނުލެވުމުންނެވެ.

ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފުގައި ގިނައިރު ބޯޅަ ހިފަހައްޓައި، ސިޓީން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ފުރަތަމަ ހާފު ލީޑުގައި އޮވެ، ޔުނައިޓެޑަށް ނިންމާލެވުނީ ނަސީބު ވެސް ރަނގަޅުކަމުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް، ސިޓީގެ ފޯވަޑް އާލިން ހާލާންޑް ވަނީ ރަނުގެ ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ. ގޯލު ބުޑުގައި ހުރެ، ހުސްގޯލަކަށް އަމާޒުކޮށްލަން ލިބުނު ބޯޅަ ހާލަންޑް ފޮނުވާލީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.

ސިޓީ އަށް މެޗުގެ 56 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ފޯޑެން އެވެ. ޔުނައިޓެޑްގެ ޑިފެންސްލައިންގެ ތެރެއިން ޖާގައެއް ހޯދުމަށްފަހު، އޭރިޔާ ބޭރުން ފޯޑަން ފޮނުވާލި ބާރު ޝޮޓު ދިޔައީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 80 ވަނަ މިނިޓުގައި ސިޓީ އަށް ލީޑުވެސް ހޯދައިދިނީ ފޯޑެން އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ހާލަންޑް ވަނީ ސިޓީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ ސިޓީއާ ވާދަވެރި ޔުނައިޓަޑާ ދެކޮޅަށް ހާލަންޑް މިހާތަނަށް ކުޅުނު ހަތަރު މެޗުގައި އޭނާ ޖެހި ހަ ވަނަ ލަނޑެވެ.

މެޗަށް ފަހު ފޯޑެން ބުނީ މިއީ ސިޓީ އަށް ވަރަށް މުހިންމު މޮޅެއް ކަމަށާއި މި ކަހަލަ ބޮޑެތި މެޗުތަކުގައި ތަފާތު ދެއްކުމަށް އޭނާ އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.

"އަހަރެން އަބަދުވެސް ބޭނުންވޭ ބޮޑެތި މެޗުތަކުގައި ތަފާތު ދައްކަން. މި ސީޒަންގައި އަހަންނަށް އެކަން ކުރެވޭނެކަން ސާބިތުކޮށްދެވިއްޖެކަމަށް ގަބޫލްކުރަނީ،" ފޯޑަން ބުންޏެވެ.

މިއީ މި ސީޒަންގައި ޔުނައިޓެޑް ބަލިވި 11 ވަނަ މެޗެވެ. އަދި ތާވަލްގެ ހަ ވަނައިގައި މިހާރު އޮތް ޔުނައިޓެޑަށް ގަދަ ހަތަރެއްގެ ޖާގައެއް ހޯދަން ކުރަންޖެހޭ މަސައްކަތް ވަނީ މިހާރު އިތުރުވެފަ އެވެ.

ޔުނައިޓެޑް މި ވަނީ ޕްރިމިއާ ލީގުގެ މެޗެއްގެ ފުރަތަމަ ހާފު ލީޑުގައި އޮވެ ނިންމާލުމަށް ފަހު، 144 މެޗުގެ ތެރެއިން ފުރަތަމަ ފަހަރަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ބަލިވެފަ އެވެ.