Advertisement

ހޯދައިދޭ ވަގުތީ ވަޒީފާއަކުން ކެންޑިޑޭޓުގެ ގާބިލުކަން ވަޒަން ކުރެވިދާނެ؟

5 މާރިޗު 2024 - 06:50 3

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ހޯދައިދޭ ވަގުތީ ވަޒީފާއަކުން ކެންޑިޑޭޓުގެ ގާބިލުކަން ވަޒަން ކުރެވިދާނެ؟

5 މާރިޗު 2024 - 06:50 3

މިނިވަންކަމާއެކު ވޯޓު ދިނުމުގެ ހައްގަށް ނުފޫޒު ފޯރުވުމަކީ ޖިނާއީ ކުށެކެވެ. މި ހައްގުގެ މަންފާ ވަކިފަރާތަކަށް ލެންބުމަށްޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމާއި، އެ ނޫން ގޮތަކުން ވިޔަސް ނުފޫޒެއް ފޯރުވުމަކީ ގާނޫނުތަކުން ކަނޑައެޅިގެން މަނާކޮށް، އަދަބު ކަނޑައަޅާފައި ހުރި ޖިނާއީ ކުށްތަކެކެވެ. އެ ވާހަކަ ބުނެފައި އޮތް ގާނޫނު އޮތްތަނުގައި އޮތީ އެވެ.

ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން ވޯޓު ހޯދަން ވިއްކާ ހަމައެކަނި އެއްޗަކީ ވަޒީފާ ދޭނޭ ކަމުގެ ވައުދެވެ. ރަށުގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ބޭނުން ނުވާނޭ އެކަކުވެސް ނެތެވެ. އެއީ ވޯޓު ހޯދަން އޮތް ފުރުސަތެއްގެ ގޮތުގައި ދެކި، ބައެއް ކުންފުނިތަކުގެ މަސައްކަތެއް ނުވެސް ހިނގާ ރަށްރަށުންވެސް އެ ކުންފުނިތަކުގެ ވަޒީފާތައް އުފައްދާފައި ދެނީ އެވެ. ވަޒީފާއަށް ނުކުންނާންޖެހޭ ތަނެއް، ކުރާންޖެހޭ މަސައްކަތެއްވެސް ކަނޑައެޅިފައި އޮންނަނީކީއެއް ނޫނެވެ. ހަމައެކަނި ހަމަޖެހިފައި އޮތީ ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަށް މުސާރަ ލިބޭނޭ ކަމެވެ. އިންތިހާބު ނިމުމުން ދެން ވާނޭ ގޮތެއް ނޭނގެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މީހަކު އިންތިހާބު ކުރާ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން އެމައްޗަށް އަމަލުކުރަންޖެހޭ ގާނޫނުތައް ހެދުމުގައި ރައްޔިތުންގެ ފަރާތުން ބަސް ބުނުމެވެ. އެ މަސައްކަތް ކުރަން ހަވާލުކުރާ މީހާއާ އެކަން ހަވާލުކުރެވޭ ސަބަބަކަށް ވާންވާނީ އޭނާ އެކަމަށް ގާބިލުވުމެވެ. ގައިމު އެހެން ކަންކަމުގައިވެސް އަޅުގަނޑުމެން މި އަމަލުކުރަނީ އެހެން ނޫންތޯ އެވެ. އަމިއްލައަށް ނުކުރެވޭ ކޮންމެ ކަމެއްމެ އަޅުގަނޑުމެން މީހަކާ ހަވާލުކުރަނީ އެމީހަކީ އެކަމެއް ކުރާން ދަންނަ މީހެއްތޯ ކަށަވަރުކުރުމަށް ފަހުގަ އެވެ.

އަޅުގަނޑުމެންގެ އެއްވެސް މީހަކު ކަކުލުހުޅުގެ އޮޕަރޭޝަނެއް ކުރަން ކަންމަތީ ފިހާރައިގެ ސޭޓާ ހަވާލެއް ނުކުރާނެ އެވެ. އެކަން ކުރަން ދާނީ އެކަމުގެ އިލްމު ހުރި ޑޮކްޓަރެއް ކައިރިއަށެވެ. އެކަން ހަވާލުކޮށްދޭން އެދި ސޭޓުގެ ފިހާރައިން ވަޒީފާ ދޭނޭކަމަށް ބުންޏަސް އަޅުގަނޑުމެން ހަމަހޭގައި ތިބެ ހިލާ އެކަމެއް ނުކުރާނެ އެވެ. އެކަމަކު އަޅުގަނޑުމެންގެ މުޅި ގައުމުގެ މުސްތަގުބަލާ ގުޅިފައި އޮތް ކަމެއް، އާރުޑީސީއިން ވަގުތީ ވަޒީފާއެއް ހޯދައިދޭނޭކަމަށް ބުނާ މީހާއާ ހަވާލުކުރަން އަޅުގަނޑުމެން އެއްބަސްވުމަށްވުރެ އަޖައިބު ކަމެއް ނެތެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން ދައްކާ ވާހަކަ އައްސަވާށެވެ. ކަލެއަށް ވޯޓުދީ ހޮވަންވީ ސަބަބަކީ ކޮބައިތޯ އަހާލާއިރަށް އެބަ ބުނެ އެވެ. މިދާއިރާގެ މިތައް ޒުވާނުންނަށް ތިމަންނާ ދައުލަތުގެ ކުންފުނިތަކުން ވަޒީފާ ހޯދައިދީފީމެވެ. އަދި އިންތިހާބާ މިދޭތެރޭގައި މިތައް ވަޒީފާ އިތުރަށް ހޯދައިދޭނަމެވެ. މޭ ފުޅާކޮށް، ސާބިތުކަމާއެކު ކެރިގެން މި ވައުދުވާއިރު، އެ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހަރަދު ކުރަނީ މި ވައުދުވާ ކެންޑިޑޭޓަށް މައިމަތިފުށުން ވާރުތަވީ ފައިސާއެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ފައިސާ އެވެ. ތިމާއާ ނުވެސް ބެހޭ ކަމެއްގައި ނުފޫޒުން ހޯދައިދޭނޭ ވަގުތީ މަންފާއެއްގެ ދަޅައިން ރައްޔިތުން ގުނބޯ ހެއްދިދާނޭކަމަށް ވިސްނާނީ ނިކަން ކޮސްވީމަ އެވެ.

މިފަދަ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ ސަބަބުކަމަށް އެ ކިޔައިދޭ ސަބަބަކީ ހަގީގަތުގައި އެ ކެންޑިޑޭޓަށް ވޯޓު ނުދޭންވީ ސަބަބެވެ. ރައްޔިތުންގެ މަޖިލީހަށް ތިމާ ހޮވަންޖެހޭ ސަބަބަކީ ތިމާގެ ނުފޫޒުން ހޯދައިދޭ ވަޒީފާކަމަށް ބުނާ މީހާއަށް އެ އިއުތިރާފުވެވެނީ ރައްޔިތުންގެ މަޖިލީހުގެ ހަގީގީ މަސައްކަތްތައް އޭނާއަށް ނޭނގޭ ކަމުގެ މައްޗަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރާ މީހާއަކީ ރާއްޖޭގެ ރައްޔިތުންގެ ބޭނުންތަކާއި، ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކާއި، މި ރާއްޖޭގެ ގާނޫނީ ނިޒާމު ހިނގާ ގޮތްވެސް ދަންނަ މީހަކަށް ވާން ޖެހެ އެވެ. ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކުގައި ހިތްހެޔޮކަމާއެކު އެހީތެރިވެދިނުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެ ތަކުލީފެއް ދުރުކުރެވޭތޯ ކުރެވެން އޮތް މަސައްކަތެއް އޭނާ ކޮށްދޭންވާނެ އެވެ. އޭނާގެ ހެވަތުގައި ރަށުގައި ހުރި ގާބިލު ޒުވާނަކަށް ވަޒީފާއެއް ހޯދައިދޭން މަސައްކަތްކުރުމަކީވެސް ހަމަ ރަނގަޅު ކަމެކެވެ. އެކަމަކު، އެކޮށްދޭ ކަމެއް ކޮށްދެނީ އޭނާގެ ނެތް ގާބިލުކަމެއް ހުރިކަމަށް ބުނުވަން ޝަރުތުކޮށް ކަމުގައިވާނަމަ އެ ނެގޭނީ ހައިސިއްޔަތުގެ ނާޖާއިޒް މަންފާއެކެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ދަށެވެ. ކޮންމެ މަހެއްގެ މުސާރައިގެ ކަންކަން ހަމަޖެއްސުމަށްޓަކައިވެސް ސަރުކާރުން އެދަނީ ލޯނު ނަގަމުންނެވެ. ދައުލަތް ދަނީ ދަރަނިވެރިވަމުންނެވެ. މިއީ އަޅުގަނޑުމެން އެންމެންނަށް ސާފުކޮށް އެނގޭ ކަމެކެވެ. ކަން މިހެން އޮތްއިރު، ކުންފުންޏަކަށް ބޭނުންވެސް ނުވާ ވަޒީފާއެއް އުފައްދާފައި މުސާރަ ދެވޭނީ ދުވަސްކޮޅަކު އެވެ. އިންތިހާބު ނިމުނީމާ އެ ވަޒީފާގެ މުއްދަތުވެސް ނިމުނީ އެވެ. ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ނަމުގައި އެ ވަޒީފާތައް އެހާރުން އުވާލާނެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓު ރައްޔިތުންގެ ކުރިމަތީގައި ހުއްޓިހުރެ ނިކަން ބުނެބަލާށެވެ. ތިމަންނާއަކީ މި ދާއިރާގެ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގައި ވަކާލާތު ކުރާނޭ ކެންޑިޑޭޓެވެ. ތިމަންނާއަކީ ރައްޔިތުންގެ ހައްގުގައި ސަރުކާރުގެ ވަޒީރުންނާ ސުވާލުކޮށް ޖަވާބުދާރީ ކުރުވާނޭ ކެންޑިޑޭޓެވެ. ތިމަންނާއަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ ގާނޫނުތައް ހަދައި، އެ ގާނޫނުތަކުގައި ރައްޔިތުންގެ ވިސްނުން ހިމަނާނޭ ގޮތް އެނގޭ ކެންޑިޑޭޓެވެ. ވަގުތީ ވަޒީފާއެއް ހޯދައިދޭނޭކަމަށް ވައުދުވާ ކެންޑިޑޭޓަށްވުރެ ރައްޔިތުން އިސްކުރާނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ގާބިލު ކެންޑިޑޭޓެވެ.