Advertisement

ކެނދިކުޅުދޫ ކައުންސިލަށް އެލްޖީއޭއިން ބަސް ބުނުމުން ޓްރާންސްޕޭރެންސީން ކަންބޮޑުވެއްޖެ

3 މާރިޗު 2024 - 18:33 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް މުއިއްޒު ކެނދިކުޅުދޫ ކައުންސިލާ ބައްދަލުކުރައްވަނީ: ކައުންސިލުން ޝަކުވާކުރީ ޖަލްސާގައި ސަރުކާރު ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރައްވާ ރައީސް ވާހަަކަދެއްކެވުމުން


ކެނދިކުޅުދޫ ކައުންސިލަށް އެލްޖީއޭއިން ބަސް ބުނުމުން ޓްރާންސްޕޭރެންސީން ކަންބޮޑުވެއްޖެ

3 މާރިޗު 2024 - 18:33 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ކެނދިކުޅުދޫއަށް ވަޑައިގެން ކެމްޕެއިން ކުރެއްވި ކަމަށް ބުނެ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެންގި މައްސަލައިގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އެ ކައުންސިލަށް އެންގުމެއް ނެތި، އަންނަން އޮތް ރިޔާސީ އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ރައީސް މުއިއްޒު ކެމްޕެއިން ކުރެއްވީ ކަމަށެވެ. ނަމަވެސް އެލްޖީއޭއިން ވަނީ މިއީ ކައުންސިލުގެ ލިބޭ ބާރުތަކުގެ ބޭރުން ނެރުނު ބަޔާނެއް ކަމަށް ބުނެ އެ ބަޔާން ބާތިލުކުރަން ސިޓީއެއްގެ ޒަރިއްޔާއިން ކައުންސިލަށް އަންގާފަ އެވެ.

މިހެން ސިޓީ ފޮނުވާ ކަައުންސިލުތަކަށް ނުފޫޒު ފޯރުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ބުނި ގޮތުގައި އެލްޖީއޭގެ މި އަމަލަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިިލާފު، ލާމަރުކަޒުކޮށް ސަރުކާރު ހިންގުމުގެ އަސާސްތަކާ އިދިކީލި އަމަލެކެވެ.

އެލްޖީއޭގެ އަމަލު ކުށްވެރިކުރުމުގެ އިތުރުން، ކެނދިކުޅުދޫ ކައުންސިލުން ފާހަގަކުރި ފަދައިން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ވެސް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި ކެމްޕެއިން ކުރައްވާ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

"މިފަހުން ރައީސް ކުރެއްވި ރަސްމީ ދަތުރުތަކުގައި، [އިލެކްޝަންސް ކޮމިޝަނުން] ކުރިން އިއުލާންކޮށްފައިވާ ރަސްމީ ކެމްޕެއިން ކުރުމުގެ މުއްދަތުގެ ތެރޭގައި އައްޑޫ، ފުވައްމުލައް، ގއ.، ގދ.، ހއ.، ހދ.، ށ.، ނ.، އަދި ރ. އަތޮޅުގައި، ދައުލަތުގެ މުދަލުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމުގެ ސާފު މަންޒަރު ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ވެސް ފާހަގަކުރެވުނު," އެ ޖަމިއްޔާއިން ބުންޏެވެ.

އޭގެ ބައެއް މިސާލުތައް ދެމުން ޓްރާންސްޕޭރެންސީން ފާހަގަކުރީ، އާ ޕްރޮޖެކްޓުތައް އިއުލާންކޮށް އެ ޕްރޮޖެކްޓުތަކުގެ ފަހުމުނާމާގައި ސޮއިކުރުމާއި ސަރުކާރުގެ އިސް އޮފިޝަލުން ސަރުކާރު ތަމްސީލުކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމާއި މަޖިލީހުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އެލަވަންސުތައް އިތުރުކުރަން ވައުދު ވުމެވެ.

މިފަދަ ކަންކަމުގައި ކޮރަޕްޝަނަށް ފާރަވެރިވާ ދައުލަތުގެ އިދާރާތަކަށް ބިރުދެއްކުމުގެ ބަދަލުގައި، ޓްރާންސްޕޭރެންސީން ބުނީ، ސަރުކާރުން އިސްކަންދޭންވީ ޖަވާބުދާރީކުރުމާއި ދެފުށްފެނުމާއި ވަކި އަތަކަށް ބުރަ ނުވެ މިނިވަން ހާމަކަން ބޮޑު އިންތިހާބަކަށް ކަމަށެވެ.

އެލްޖީއޭ ފަދަ އިދާރާތަކުން އަދާކުރަންވީ ދައުރަކީ ގާނޫނީ ބާރުވެރިކަން ދެމެހެއްޓުމަށާާއި ހިންގުމުގެ ރަނގަޅު އުސޫލުތައް ކުރިއަރުވާ ކައުންސިލުތައް ބާރުވެރިކޮށް ވާގިވެރިވުން ކަމަަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެލްޖީއޭއިން ކައުންސިލުތަކަށް ދެމުން ގެންދާ އިންޒާރުތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާނެ ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ބުނެފަ އެވެ. މިކަމަށް މަރުހަބާ ކިޔަމުން ޓްރާންސްޕޭރެންސީން ބުނީ ނުފޫޒާއި ބިރުދެއްކުމާ ނުލާ ކައުންސިލުތަކަށް މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެ ކޮމިޓީން އެލްޖީއޭ ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުން ދައުލަތުގެ މުދަލުގެ ބޭނުން ނަހަމަ ގޮތުގައި ހިފި މައްސަލަ ބަލައި، އެކަށީގެންވާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ޓްރާންސްޕޭރެންސީން ގޮވާލާފައިވެ އެވެ. އަދި އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކޮންމެ ކަމެއް ރަނގަޅަށް ބަލައި ތަހުގީގުކުރަން ޖެހޭ ކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.