Advertisement

ޔުނައިޓެޑް ނުކުންނާނީ ވަރުގަަދަކޮށް، ފަސޭހައެއްނުވާނެ: ގާޑިއޯލާ

3 މާރިޗު 2024 - 11:13 0


ޔުނައިޓެޑް ނުކުންނާނީ ވަރުގަަދަކޮށް، ފަސޭހައެއްނުވާނެ: ގާޑިއޯލާ

3 މާރިޗު 2024 - 11:13 0

މެންޗެސްޓާ (މާޗު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަވައްޓެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ ނުކުންނައިރު، ޔުނައިޓެޑް ނުކުންނާނީ ވަރުގަދަކޮށް ކަމަށާއި މެޗު ފަސޭހަނުކުރާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މެންޗެސްޓާ އަށް ނިސްބަތްވާ މި ދެ ކްލަބު އެންމެ ފަހުން ބައްދަލުކުރި ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށްފައިވަނި ސިޓީ އެވެ. ޕްރިމިއާ ލީގުގައި ސިޓީ އޮތީ ޔުނައިޓެޑަށް ވުރެ 15 ޕޮއިންޓް ކުރީގަ އެވެ.

މި ފަހަކަށް އައިސް ޔުނައިޓެޑްގެ މައްޗަށް ސިޓީން ގިނަ މެޗުތަކުގައި ކުރި ހޯދާފައި އޮތް ނަމަވެސް، ގާޑިއޯލާ ބުނީ މިރޭގެ މެޗު ފަސޭހަނުވާނެ ކަމަށެވެ.

"މިރޭގެ މެޗުގައި އަހަރެން މި ބަލަނީ ޔުނައިޓެޑް އެންމެ ވަރުގަދަކޮށް ފެންނާނެ ކަމަށް. އަހަރެން ޔުނައިޓަޑަށް ވަރަށް އިހުތިރާމްކުރަން." ގާޑިއޯލާ ބުންޏެވެ.

"ޔުނައިޓަޑް މި އަހަރު ބަލިވީ އެންމެ މެޗަކުން. ޔުނައިޓެޑަކީ ހާސްނުވެ، ހަމަޖެހިލައިގެން ކުޅޭ މެޗެއްގައި މޮޅަށް ކުޅެ، މެޗުތައް ކާމިޔާބުކުރާ ޓީމެއް."

ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސިޓީ މި ވަގުތު އޮތީ ތާވަލްގެ ދެ ވަނައިގަ އެވެ. ތާވަލްގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 63 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ސިޓީ އޮތީ 59 ޕޮއިންޓާއެކު އެވެ.

ޔުނައިޓެޑް ހަ ވަނައިގައި އޮތީ 44 ޕޮއިންޓާއެކު އެވެ. ލީގު ހޯދުުމުގެ ރޭހުން ޔުނައިޓެޑް ބޭރުވެފައި އޮތް ނަމަވެސް، ގަދަ ހަތަރެއްގެ ޖާގައެއްގެ މުހިންމުކަން ޔުނައިޓެޑަށް ބޮޑެވެ.

ސިޓީއާ ދެކޮޅަށް ނުކުންނައިރު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް އެންމެ ބޮޑު ފިކުރަކީ ޓީމުގެ ޑިފެންސް އެވެ. ޓީމުގެ މުހިންމު ޑިފެންޑަރު ކަމަށްވާ ލިސަންދުރޯ މާޓިނޭޒް، ލޫކް ޝޯ، ހެރީ މެގުއާ، ޓައިރެލް މަލާސިއޯ އަދި ވެރަން ވެން ބިސާކާ ތިބީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.

ޓެން ހާގް ބުނީ ސިޓީއާ ދެކޮޅަށް ނުކުންނައިރު ޑިފެންސަށް ދިމާވެފައިވާ މައްސަލައަށް އޭނާ "ހައްލު" ހޯދާނެ ކަަމަށެވެ. އަދި މިއީ ޔުނައިޓަޑަށް ވަރަށް މުހިންމު މެޗެއް ކަމަށެވެ.

ޔުނައިޓަޑާއި ސިޓީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:30ގަ އެވެ.