Advertisement

ކައުންސިލުތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 25 އަހަރަށް އިތުރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

3 މާރިޗު 2024 - 10:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރ. މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ: ރައީސް ވިދާޅުވަނީ 25 އަހަރަށް އިތުރުކުރުމުން ކައުންސިލުތަކަށް އިތުރު މަންފާ ހޯދަން ފަހިވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ކައުންސިލުތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 25 އަހަރަށް އިތުރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

3 މާރިޗު 2024 - 10:59 0

ކައުންސިލުތަކަށް ފަޅު ރަށްތައް ދޫކުރާ މުއްދަތު 25 އަހަރަށް އިތުރުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރ. މީދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކައިގައި ވިދާޅުވީ މިހާރު ގެޒެޓް ކޮށްފައި އޮތް ގަވާއިދުގެ ދަށުން ކައުންސިލްތަކަށް ފަޅު ރަށްތައް ލިބޭނީ ގިނަވެގެން 10 އަހަރަށް ކަމަށާއި، ނަމަވެސް އެ މުއްދަތު 25 އަހަރަށް އިތުރުކުރަން ރައީސް އޮފީހުގެ ލީގަލް ޓީމާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ފަޅު ރަށްތައް ދިގު މުއްދަތަށް ކައުންސިލްތަކަށް ދިނުމުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަން ފުރުސަތު ލިބޭނެ ކަމަށާއި، ގާނޫނުގައި އޮތް ގޮތުން 50 އަހަރާ ހަމައަށް ވެސް މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ހޯދޭނެ އެވެ.

ހުރިހާ ކައުންސިލަކަށް ވެސް ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިހާރު ގެޒެޓް ކޮށްފައިވާ ގަވައިދުގެ ދަށުން ކޮންމެ ކައުންސިލަކަށް ވެސް ކޮންމެވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު އޮންނައިރު، ކޮންމެ ސަރަހައްދަކުން ވެސް ރަށް ހޯދިދާނެ ކަމަށެވެ.

"ފުރަތަމަ ގެޒެޓް މި ކުރެވުނީ ވަރަށް މަދު އަދަދެއްގެ ރަށްތައް. ސަބަބަކީ އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް ކަހަލަ ރިސްކެއް ނަގާކަށް މިދިޔަ ސަރުކާރުން އެއްވެސް ބަޔަކަށް އެގްރީމަންޓެއް ހަދާފައި ނުވަތަ ކޯޓުގެ މަރުހަލާގައި އޮތް ނޫނީޔާމުން އެހެން އެއްވެސް މިނިސްޓްރީއަކާ ހަވާލުކޮށްފައި އޮތް މިކަހަލަ އެއްވެސް ކަމަކާ ގުޅިފަ އޮތް ރަށެއް އެ ލިސްޓަށް ލާކަށް," ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ފުރަތަމަ 25 ރަށް އިއުލާން ކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ހުރިހާ ކައުންސިލަކަށް މަދު ނުވާ ވަރަށް ރަށްތައް ގެޒެޓް ކުރާނެ ކަމަށާއި، ބޭނުމަކީ ކައުންސިލުގެ އިތުރުން ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް މަގުފަހި ކޮށްދިނުން ކަމަށެވެ.

ދިރާސާ ކުރުމަށާއި އިޖުތިމާއީ ބޭނުންތަކަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު"ގެ ނަމުގައި މިދިޔަ އަހަރު ގެޒެޓްކުރި ގަވައިދުގެ ދަށުން ކައުންސިލްތަކަށް ދޫކުރަން ފެބްރުއަރީ 17، ގައި އިއުލާން ކުރީ 25 ރަށެވެ.

މި 25 ރަށް ބޭނުންވާ ކައުންސިލްތަކަށް ދޫކުރުމަށް ނިންމާފައި ވަނީ އެ ރަށެއް ތަރައްގީ ކުރުމަށް ކައުންސިލުން ހުށަހަޅާ ޕްރޮޕޯޒަލްއަށް ބެލުމަށްފަހު އެވެ.