Advertisement

އިމަޖެންސީ ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ގާނޫނީ ލަފާދޭނެ ބަޔަކު ހޯދަނީ

2 މާރިޗު 2024 - 12:10 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން : އެމަޖެންސީ ހާލަތްތަކުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ބެހޭގޮތުން ގާނޫނީ ލަފާދޭނެ ފަރާތެއް ހޯދަނީ - ފޮޓޯ: އަދަދު


އިމަޖެންސީ ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ގާނޫނީ ލަފާދޭނެ ބަޔަކު ހޯދަނީ

2 މާރިޗު 2024 - 12:10 2

އިމަޖެންސީ ހާލަތްތަކުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ފެށުމަށްޓަކައި ގާނޫނީ ލަފާ ދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓު އަދި ސިވިލް އޭވިއޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މެޑިކަލް އެވަކުއޭޝަނާއި ސާޗް އެންޑް ރެސްކިއުއަށް ހާއްސަކޮށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ފެބްރުއަރީ 28، ގައި ސަރުކާރުން ބުނެފައިވެ އެވެ.

"ވާދަވެރި ބީލަމެއްގެ ތެރެއިން ނުވަތަ ރެސްޓްރިކްޓެޑް ޓެންޑާއެއްގެ ތެރެއިން ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދުން، އަދި އެ ފަދަ ފަރާތްތަކަށް ފަސް އަހަރާއި ހަތް އަހަރު ދުވަހުގެ އެކްސްކްލޫސިވިޓީއެއް ދިނުން،" ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އެ ދުވަހު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނީ ހަ މަސްދުވަހުގެ މުއްދަތަކަށް ދިގުދެމިގެންދާނެ މި މަސައްކަތުގެ ދަށުން މަޝްރޫއުގެ ރިސްކުތަކާއި އިމްޕެކްޓުތައް ދެނެގަންނަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން މި މަސައްކަތުގެ ސްކޯޕުގެ ތެރޭގައި ހެލިކޮޕްޓަރު ހިދުމަތް ދޭނެ ފަރާތެއް ހޯދަން ކުރާ އިއުލާނުތައް އެކުލަވާލާ، ލިބޭ ބިޑުތައް ރިވިއު ކުރުމާއި މަސައްކަތަށް ބޭނުންވާ ހުރިހާ ގާނޫނީ ލިޔެކިޔުންތަކެއް ތައްޔާރުކުރުމުގެ އިތުރުން މަޝްރޫއުގެ ރަސްމީ އެއްބަސްވުން ތައްޔާރުކުރުން ހިމެނެ އެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ މުއްދަތު ހުޅުވާލާފައިވަނީ މި މަހުގެ 13، ގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.

ސަރުކާރުން މީގެ ކުރިން ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ކަމަށް ބުނި ނަމަވެސް ވަކި ތާރީހެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް މި އިއުލާނުގައިވާ ގޮތުން ގާނޫނީ މަސައްކަތް އަދި ބިޑިންގެ މަސައްކަތްތަކަށް މަދުވެގެން ހަ މަސްދުވަސް ނަގާނެ އެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރު ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓުކުރަމުން ގޮސްފައިވަނީ އިންޑިއާގެ ސިފައިންނެވެ. އެ ދެ ހެލިކޮޕްޓަރު މިހާރުވެސް ރާއްޖެގައި އެބައޮތެވެ. އެގޮތުން ސ. ގަމުގައި އޮތް ހެލިކޮޕްޓަރު އޮޕަރޭޓުކުރަން ސިފައިންގެ ބަދަލުގައި އިންޑިއާއިން މިހާރު ވަނީ މަދަނީން ފޮނުވާފަ އެވެ.