Advertisement

ބަންގްލަދޭޝްގެ ޝޮޕިން މޯލެއްގައި ރޯވެ 45 މީހުން މަރުވެއްޖެ

2 މާރިޗު 2024 - 08:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބަންގްލަދޭޝްގެ ޝޮޕިން މޯލެއްގައި ރޯވި އަލިފާން ނިއްވަނީ -- ފޮޓޯ: އޭޕީ


ބަންގްލަދޭޝްގެ ޝޮޕިން މޯލެއްގައި ރޯވެ 45 މީހުން މަރުވެއްޖެ

2 މާރިޗު 2024 - 08:02 0

ބަންގްލަދޭޝްގެ ޑާކާގެ ޝޮޕިން މޯލެއްގައި ރޯވެ 45 މީހުން މަރުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ގްރީން ކޯޒީ ކޮޓެޖް ޝޮޕިން މޯލްގައި ހިނގި މި ހާދިސާގައި ފުރަތަމަ އަލިފާން ރޯވީ މޯލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ބިރިޔާނީ ރެސްޓޯރެންޓެއްގަ އެވެ.

ބަންގްލަދޭޝްގެ ޑޮކްޓަރުން ބުނީ ހާދިސާއާ ގުޅިގެން އެންމެ ގިނައިން މީހުން މަރުވެފައި ވަނީ ދުމުގެ އަސަރުން ނޭވާލާން އުނދަގޫވެގެން ކަމަށާއި، ބައެއް މީހުން މަރުވީ އިމާރާތުގެ މަތިން ފުންމާލުމުން ކަމަށެވެ.

ހާދިސާގައި ގިނަ ބަޔަކު ޒަހަމްވެފައިވާއިރު، ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވެގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

މީގެ އިތުރުން އިމާރާތުގައި އަލިފާން ފެތުރެން ދިމާވި އެންމެ ބޮޑު ސަބަބަކީ ކޮންމެ ފަންގިފިލާއެއްގައިވެސް ގިނަ އަދަދަކަށް ގޭސް ސިލިންޑަރުތައް ހުރުމުން ކަމަށް ވެސް އިދާރާތަކުން ބުނެ އެވެ.

ފަސް މެމްބަރުންގެ ކޮމިޓީއެއް ނަގައި، ހާދިސާއާ ގުޅޭ ތަހުގީގެއް ހިންގުމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ފަށައިފަ އެވެ. ހާދިސާއާ ގުޅިގެން އެ ގައުމުގެ ރައީސް ޝެއިހް ހަސީނާ ވަނީ ހިތާމަ ފާޅުކުރައްވައިފަ އެވެ.

ބަންގްލަދޭޝްގައި ހުންނަ ގިނަ މީހުން އެއްވާ އިމާރާތްތަކުގައި ސަލާމަތީ ކަންކަން ކަށަވަރު ނުކޮށް ހުރުމުން ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގަ އެވެ.

އެގޮތުން 2021 ވަނަ އަހަރު ކާބޯތަކެތި ޕްރޮސެސްކުރާ ފެކްޓްރީއެއްގައި ރޯވެ 54 މީހުން މަރުވެފައި ވާއިރު، 2019 ވަނަ އަހަރު ހިނގި ހާދިސާއެއްގައި 70 މީހުން ވަނީ މަރުވެފަ އެވެ.