Advertisement

ރޯދަމަހު އިންތިހާބު ނުބާއްވާ ބިލާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭ: އޭޖީ

29 ފެބުރުވަރީ 2024 - 17:50 0

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް


ރޯދަމަހު އިންތިހާބު ނުބާއްވާ ބިލާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭ: އޭޖީ

29 ފެބުރުވަރީ 2024 - 17:50 0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހާ ދިމާވާ ގޮތަށް ތާރީހު ކަނޑައެެޅުމުން އެކަން ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވައިލުމުން މަޖިލީހުން އެ ބިލު އިއްޔެ ދެވަނަ ފަހަރަށް ފާސްކުރި އެވެ. ބިލު ދެވަނަ ފަހަރަށް ފާސްކުރުމުން ތަސްދީގުކުރައްވަން ގާނޫނު އަސާސީ ލާޒިމު ކުރި ނަމަވެސް ރައީސް މިއަދު ވަނީ އެ ބިލުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައި އޭޖީގެ ލަފަޔަކަށް އެދިވަޑައިގެންފަ އެވެ.

ރައީސް އެދިވަޑައިގެންނެވި ލަފާ މިއަދު ދެއްވާނެ ކަން ހާމަކުރައްވަން އޭޖީ އުޝާމް ސޯޝަލް މީޑިއާ (އެކްސް) ގައި ލިއުއްވި ލިއުމެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަދަދަކީ މިހާރު ތިއްބެވި 80 މެމްބަރުން ކަމަށް ބަލައިގެން މަޖިލީހުން ނިންމި ނިންމުންތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލާ މެދު (ރޯދަމަހު އިންތިހާބުތައް ބޭއްވުން މަނާކުރާ ބިލު) އާ މެދު ސުވާލު އުފެދުނީ ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެންނެވެ. އެކަމުގައި ރައީސަށް މިއަދު ލަފާ އަރުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް އެމަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފުކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާ މެދު ގާނޫނީގޮތުން ސުވާލު އުފެދިފައިވާތީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 5 ވަނަ އިސްލާހު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނީ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާވަނީ އެދިވަޑައިގެންފައި. އެކަމާ ގުޅޭގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާނަން،" އުޝާމް ވިދާޅުވި އެވެ.

އޭޖީގެ ލަފަޔަކަށް ރައީސް އެދިވަޑައިގެންނެވި ނަމަވެސް, ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ. އަދި މިފަދަ ބިލެއް ތަސްދީގުކުރުން ލަސްކުރުން މަނާކުރާ ސުޕްރީމް ކޯޓުގެ ހުކުމެއްވެސް އެބަ އޮތެވެ.

މި އަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގައި ކަމަށްވާއިރު، އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ.

ނަމަވެސް މަޖިލީހުން ފެބްރުއަރީ 11، ގައި ފާސްކުރީ ރޯދަމަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށެވެ.