Advertisement

އަންހެނުންގެ ނޭޝަންސް ލީގު ކާމިޔާބުކުރީ ސްޕެއިން

29 ފެބުރުވަރީ 2024 - 10:43 0


އަންހެނުންގެ ނޭޝަންސް ލީގު ކާމިޔާބުކުރީ ސްޕެއިން

29 ފެބުރުވަރީ 2024 - 10:43 0

ސެވިލް (ފެބްރުއަރީ 29) - އަންހެނުންގެ ނޭޝަންސް ލީގުގެ ފައިނަލްގައި ރޭ ފްރާންސް އަތުން 2-0 އިން މޮޅުވެ، ސްޕެއިން އިން މުބާރާތުގެ ތަށި އުފުލާލައިިފިއެވެ.

މީއީ ހަ މަސް ދުވަހުގެ ތެރޭގައި ސްޕެއިންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ބައިނަލްއަޤުވާމީ މުބާރާތެއް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލްގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު އިންގްލެންޑް އަތުން މޮޅުވެ، ސްޕެއިން ވަނީ ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އަށް ލީޑު ހޯދައިދިނީ އެންމެ ފަހުގެ ބެލޮންޑޯ އެވޯޑް ހާސިލްކުރި އައިޓާނާ ބޮންމަޓީއެވެ. އަދި ދެވަނަ ހާފުގައި ސްޕެއިންގެ ދެވަނަ ލަނޑު ޖެހީ މަރިއޯނާ ކަލްޑެންޓީއެވެ.

މިއީ އަންހެނުންގެ ނޭޝަންސް ކަޕްގެ ފުރަތަމަ މުބާރާތެވެ. އެހެންކަމުން ސްޕެއިން އަށް ވަނީ މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ގައުމަށްވުމުގެ ޝަރަފުވެސް ލިބިފައެވެ.

ފައިނަލަށް ނުކުތުމުގެ ކުރިން މި ދެ ޓީމު ބައްދަލުކުރި 13 މެޗުގައި ސްޕެއިން އަށް މޮޅެއް ނުލިބެއެވެ. އެކަމަކު މި ފަަހަރުގެ ފައިނަލް މެޗު ފެށުނީންސުރެ، ފްރާންސަށްވުރެ ވަރުގަދަކޮށް ފެނުނީ ސްޕެއިންއެވެ.

މެޗަށް ފަހު އައިޓާނާ ބުނީ ވޯލްޑް ކަޕާއި ނޭޝަންސް ލީގު ކާމިޔާބުކުރެވުމަކީ ސްޕެއިން އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ދެން ސްޕެއިން އިން އަމާޒު ހިފާނީ އޮލިމްޕިކްސްގެ ރަން މެޑަލް ހޯދުމަށް ކަމަށެވެ.