Advertisement

ސްޕެއިން ކުއާޓާ ފައިނަލަށް

17 ޖުލައި 2022 - 20:23 0


ސްޕެއިން ކުއާޓާ ފައިނަލަށް

17 ޖުލައި 2022 - 20:23 0

ލަންޑަން (ޖުލައި 17) - މިހާރު ކުރިއަށްދާ އަންހެނުންގެ ޔޫރޯގެ ގުރޫޕް ސްޓޭޖުގައި ޑެންމާކް އަތުން 1-0 އިން މޮޅުވެ ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިންގްލެންޑްގައި ކުރިއަށްދާ މުބާރާތުގެ ގުރޫޕް ބީގެ ފަހު މެޗަށް ރޭ ސްޕެއިން ކުރިމަތިލިއިރު، ކުއާޓާގެ ޖާގައެއް ހޯދުމަށް އެ ޓީމަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ.

އެކަމަކު، ސްޕެއިން އިން ތިން ޕޮއިންޓާއެކު، ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ މެޗުގެ 89 ވަނަ މިނިޓުގައި މާޓާ ކަޑޯނާ ޖެހި ލަނޑުންނެވެ.

ގުރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައި ސްޕެއިން ކުއާޓާގެ ޖާގަ ހޯދީ ހަ ޕޮއިންޓާ އެކު އެވެ. ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ގުރޫޕްގެ އެއް ވަނަ ހޯދީ ޖަރުމަނެވެ. ޑެންމާކް ތިން އަށް ދިޔައީ ތިން ޕޮއިންޓާ އެކު އެވެ. ޕޮއިންޓެއް ނުލިބި، ތާވަލްގެ ފުލުގައި މުބާރާތް ނިންމާލީ ފިންލެންޑެވެ.

މި ގުރޫޕްގައި ރޭ ފިންލްނެޑް އަތުން ޖަރުމަން ވަނީ 3-0 އިން މޮޅުވެފަ އެވެ. މި މެޗުގެ ކުރިން ވެސް ޖަރުމަނަށް ވަނީ ކުއާޓާ ފައިނަލްގެ ޖާގައެއް ޔަގީންވެފަ އެވެ.

ކުއާޓާ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ނުކުންނާނީ، ގުރޫޕް އޭގެ އެއް ވަނަ ޓީމު ކަމަށްވާ އިންގްލެންޑް އެވެ.

އިންގްލެންޑް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. މި ތިން މެޗުން އިންގްލެންޑް ވަނީ ޖުމްލަ 14 ލަނޑު ޖަހައިފަ އެވެ.

މި ގުރޫޕް ދެވަނަ ހޯދީ އޮސްޓްރިއާ އެވެ. އޮސްޓްރިއާ ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ.

ޔޫރޯގެ ކުއާޓާ ފައިނަލުން މިހާތަނަށް ޖާގަ ކަށަވަރުކޮށްފައިވަނީ އިންގްލެންޑާއި ސްޕެއިން، އޮސްޓްރިއާ، ޖަރުމަން، އޮސްޓްރިއާ އަދި ފްރާންސް އެވެ.