Advertisement

ގަދަ ހިތްވަރާ އެކު ޝިޔާނާ މި ދައްކައިދެނީ އަންހެން ކޯޗުންނަށް ވެސް ވާނެކަން!

25 ފެބުރުވަރީ 2023 - 09:03 1

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން


ގަދަ ހިތްވަރާ އެކު ޝިޔާނާ މި ދައްކައިދެނީ އަންހެން ކޯޗުންނަށް ވެސް ވާނެކަން!

25 ފެބުރުވަރީ 2023 - 09:03 1

އަތަށް "ފެންފައިވާނެއް" ލައްވައިގެން ގޯލުގައި ހުރެ ފިރިހެން ކުދިން ޖަހާ ބޯޅަތައް މަތަކުރަން އުޅެމުން ގޮސް ގޯލްކީޕަރަކަށް ކުޅެން ފެށި އާމިނަތު ޝިޔާނާގެ ހަޔާތުގެ އެންމެ މުހިންމު އެއް ބައިވެރިއަކީ އޭރުވެސް މިހާރުވެސް ފުޓްބޯޅަ އެވެ. ފުޓްބޯޅަ އަށް ޝައުގުވެރިކަން ނުހުންނަ ދުވަހެއް އޭނާ ހަނދާނެއް ނެތެވެ. އެފްއޭއެމުން ކުރިއަށްގެންދިޔަ މުބާރާތެއްގައި އުމުރުން އެންމެ 14 އަހަރުގައި ފުޓްބޯޅަ ކުޅެން ފެށި ޝިޔާނާގެ ފުޓްބޯޅަ ހަޔާތް ހުއްޓުނީ ކައިވެންޏާ އެކު އާއިލީ ޒިންމާތައް ބޮޑުވި ހިސާބުންނެވެ.

މިހާރު މިއީ އޭގެ 24 އަހަރު ފަހެވެ. މިހާރު އޭނާ އަކީ ރާއްޖޭގައި ތިބި އަންހެން ކޯޗުންގެ ތެރެއިން ފާހަގަކޮށްލެވޭ ކޯޗެކެވެ. ކޯޗިން ދާއިރާއިން ރަނގަޅު ތައުލީމާއި ތަޖުރިބާ ހޯދަމުން މި ދާއިރާގައި ފައިތިލަ ސާބިތުކުރަމުން އަންނަ ފިސާރި ކަނބަލެކެވެ.

ގައުމީ ޓީމަށް ފުރަތަމަ ކުޅެން ޝިޔާނާ އަށް ފުރުސަތު ލިބުނީ 2012ގަ އެވެ. އޭގެ ހަތަރު އަހަރު ފަހުން ކުޅުނު ފުޓްސަލް މެޗެއްގެ ތެރެއިން ކޮނޑުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރަށްދާނެ ޖެހުނެވެ. އޭގެ ދުވަސްތަކެއް ފަހުން ގައުމީ ޓީމާ އެކު ތަމްރީންކުރަނިކޮށް އަނެއްކާ ވެސް ކޮނޑުހުޅަށް އަނިޔާވެ ގޯލްކީޕަރެއްގެ ގޮތުގައި ކުރިއަށްދިޔުމުގެ ފުރުސަތު އެއްކޮށް ހަނިވި އެވެ.

ކްލަބް މޯލްޑިވްސްގެ މެޗެއްގެ ތެރެއިން ޝިޔާނާ ގޯލަށް ކުޅެނީ.


"ފުޓްސަލް މެޗެއްގެ ތެރެއިން ކޮނޑުހުޅު އެއްކޮށް ނެއްޓުނީ. ދެން އަނެއްކާ އޭގެ ފަހުން ލަންކާގައި ގައުމީ ޓީމް ކުޅުނު މެޗެއްގައި އިތުރަށް އަނިޔާވީ. 2017 ހިސާބު އެއީ. އޭގެ ފަހުން ކުޅުން އެއްކޮށް ހުއްޓާލީ. ދެން ކޯޗިންއަށް ވަންނަން ވިސްނީ" ފުޓްސަލް މުބާރާތްތަކުގައި މީގެ ކުރިން ސްޓެލްކޯ އަދި ވެމްކޯ ޓީމްގެ ގޯލު ބެލެހެއްޓި ޝިޔާނާ ބުންޏެވެ.

އެފްއޭއެމުން 2018 ގައި އަންހެން ކޯޗުން ތަމްރީންކުރަން ކުރިއަށްގެންދިޔަ އޭއެފްސީ "ސީ" ލައިސެންސް ކޯޗިން ޕްރޮގްރާމާ އެކު ކޯޗިންގެ ތެރެއަށް ރަސްމީކޮށް ވަތް ޝިޔާނާގެ މިހާރުގެ ހުރިހާ ވިސްނުމަކާ ވަގުތެއް ހުރީ ފުޓްބޯޅަ ކޯޗިން އަށެވެ. ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށް ނުގެންދެވުނު ފުޓްބޯޅަ ހަޔާތް ކޯޗިން އިން ހަރުފަތެއް މައްޗަށް ޖައްސަން އަޒުމު ކަނޑައެޅީ އެވެ. ކޮންމެ ދުވަހަކުވެސް ވިސްނަނީ މި ދާއިރާއިން ކުރިއަށްދިޔުމާ މެދު އެވެ. ނުވަތަ މި ދާއިރާގައި އަންހެނުންނަށް އޮތް ގޮންޖެހުންތައް ފުޑުފުޑުކޮށް ފުރުސަތުތައް ގިނަ ކުރެވޭނެ މަގެއް ހޯދުމަށެވެ.

"ސީ" ލައިސަންސަށް ފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަންގޭރީގެ ބުޑަޕެސްޓުގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ކޯޗިން ކޯހެއް އޭނާ ފުރިހަމަކުރި އެވެ. މިއީ މި ފަދަ ކޯހެއްގައި ދިވެހި އަންހެން ފުޓްބޯޅަ ކޯޗަކު ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި ކޯހުން އެންމެ މަތިން ފާސްވި އަންހެން ކޯޗަކީ ޝިޔާނާ އެވެ. އެންމެ މޮޅު ފަސް ކޯޗުންގެ ތެރޭގައި އޭނާ ހިމެނުނެވެ. މި ފުރުސަތާ އެކު އޭނާ އަށް ކޯޗިންގެ ދާއިރާގައި ކުރިއަށްދާން އިތުރަށް ހިތްވަރު ލިބުނެވެ. އަދި މި ދާއިރާއަށް އިތުރަށް ލޯ ހުޅުވުނެވެ.


އޭގެ ފަހުން ޖަޕާންގައި ފުރިހަމަ ކުރި ކޯހާއި މާލޭގައި ކުރިއަށްދިޔަ ޔުއެފާ އެސިސްޓް ބޭސިކް ކޯޗިން ކޯހުން ލިބުނު ފިލާވަޅުތަކަކީވެސް ޝިޔާނާ ދެކޭ ގޮތުގައި މި ދާއިރާއިން ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރެކެވެ.

މަޑު މަޑުން ކޯޗިންގެ އެހެނިހެން ކަންކަން ދަސްކުރަމުން އައިސް އޭނާ ވަނީ ދާދި ފަހުން އެފްއޭއެމުން ކުރިއަށްގެންދިޔަ އޭއެފްސީ "ބީ" ލައިސެންސް ކޯޗިން ކޯސްވެސް ފުރިހަމަކޮށްފަ އެވެ. ކޯހުގެ ސަނަދު އަދި ނުލިބުނު ނަމަވެސް އޭނާ ހުރީ އިތުބާރާ އެކުގަ އެވެ.

ކޯޗިން ކެރިއަރުގައި ޝިޔާނާގެ ފެށުން އައީ ގްރާސްރޫޓާ ހިސާބުންނެވެ. ތުއްތުކުދިންގެ ފިއެސްޓާތަކުގައި ޓީމްތަކަށް ކޯޗުކޮށްދެމުން ގޮސް މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް ދާދި ފަހުން ނިމުނު 17 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި ގާޒީ ސްކޫލަށް އޭނާ ކޯޗުކަން ކޮށްދިނެވެ. އާންމު ގޮތެއްގައި އަންހެން ކޯޗުން ސްކޫލް މުބާރާތްތަކުގައި އެސިސްޓަންޓް ކޯޗުގެ މަގާމް އަދާކުރި ނަމަވެސް މިފަހަރު ޝިޔާނާ ފެނުނީ ހެޑް ކޯޗުގެ ގޮތުގައި ގާޒީ ސްކޫލާ އެކު ތަފާތު ދެއްކި ތަނެވެ. އަމުދުން މިއީ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިން އުފައްދާ އިންޓަ ސްކޫލް މުބާރާތެއްގެ ބެންޗުން އަންހެން ހެޑް ކޯޗަކު ފެނުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

އިންޓަ ސްކޫލް މުބާރާތުގެ، ގްރޫޕް ސްޓޭޖުގައި ޝިޔާނާގެ އިރުޝާދުގެ ދަށުން ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ބޮޑު ތަފާތަކުން މޮޅުވި އެވެ. އެ ގޮތުން، 6-0 އިން ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ބަލިކުރިއިރު، މަޖީދިއްޔާ ސްކޫލް އަތުން 8-0 އިން މޮޅުވި އެވެ. މާފުށި ސްކޫލް އަތުންވެސް 6-0 އިން މޮޅުވި އެވެ. އިމާދުއްދީން އަތުން 4-0 އިން މޮޅުވި އެވެ. ކުއާޓާ ފައިނަލުގައި ގާޒީ ސްކޫލް ބަލިވީ ގުރައިދޫ ސްކޫލް އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

"ވަރަށް ހިތްހަމަޖެހޭ ކުރެވުނު މަސައްކަތާ މެދު. ބޭނުންވި ފެންވަރުގައި ޓީމް ކުޅުނު. ތަށި ހޯދޭ ވަރަށް މަސައްކަތްވެސް ކުރެވުނު. ތަންކޮޅެއް ނަސީބު ދެރަކޮށް ދިޔައީ" އިންޓަ ސްކޫލް މުބާރާތުގެ ތަޖުރިބާ ހިއްސާކުރަމުން ޝިޔާނާ ބުންޏެވެ.

ތެދެކެވެ. ޝިޔާނާގެ މަސައްކަތަށް 100 ދޭން ޖެހެ އެވެ. އެންމެ މުހިންމު ސަބަބަކީ މުބާރާތުގައި 17 ޓީމްގެ ތެރެއިން ހެޑު ކޯޗުގެ ޒިންމާ އަދާކުރި ހަމައެކަނި އަންހެން ކޯޗަކީ ޝިޔާނާ ކަމަށްވުމެވެ. ގޮންޖެހުންތައް ގިރާކޮށް އެކަނިމާއެކަނި ނިކުމެ ދެއްކި ހިތްވަރާއި ނަމޫނާ އަށް ތައުރީފު ހައްގެވެ. ބައެއް މީހުން "ނުވާނެއޭ" ބުނި ނަމަވެސް އެކަމަށް ބީރު ކަންފަތެއްދީ މަތީ ފަންތީގެ ފިރިހެން ކޯޗުންނާ އެއް ހަމައެއްގައި އޭނާ ފައިތިލަ ސާބިތު ކުރި އެވެ.

ސްކޫލް މުބާރާތުގައި ހޯދި ކާމިޔާބާ އެކު މިހާރު އޭނާ ފިޔަގަނޑު އިތުރަށް ހުޅުވާލީ އެވެ. ކުޑަ ކުދިންނަށް ހަމައެކަނި ކޯޗުކަންކޮށްދެވޭ ފެންވަރު ހުރި ކޯޗުކަމަށް މީހުން ބުނި ބުނުމަށް އަނެއްކާ ވެސް ވަރުގަދަ ރައްދެއްދޭން އޭނާ ތައްޔާރުވަނީ އެވެ. މިހާރު އޭނާގެ އަމާޒުހުރީ އެކި މުބާރާތްކުގައި ކުލަބުތަކަށް ކޯޗުކަންކުރުމެވެ. އެވަރުގެ ފުރުސަތަކަށް އޭނާ ހުރީ އުއްމީދު ކޮށްގެންނެވެ.

ޝިޔާނާ ގައުމީ އަންހެން ޓީމުގެ ޕްރެކްޓިހުގެ ތެރެއިން: ކްލަބް ކޯޗިންގައި ވެސް މަސައްކަތް ކުރަން އުންމީދުކުރޭ.


މުއައްސަސާތަކުން ހިންގަމުން އަންނަ ބައެއް މުބާރާތްތަކުގައި ވެސް މިހާރު އޭނާ އަށް އަންނަނީ މަޑުމަޑުން ފުރުސަތު ލިބެމުންނެވެ. ސިފައިންގެ މުއައްސަސާ އިން ހިންގާ އިންޓަ ޑިޕާޓްމެންޓް މުބާރާތުގައި ޓީމާކާ ހަވާލުވެ، އޭނާ، އެ ޓީމު ފައިނަލަށްވެސް ގެންގޮސްދިނެވެ. ފުރަތަމަ ފަހަރަށް ސިފައިންގެ ޓީމަކަށް އިރުޝާދުދިން އަންހެން ކޯޗު ޝިޔާނާ އަށް ފައިނަލުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ނަމަވެސް އޭނާ ހުރީ އުފަލުންނެވެ. ކެރިގެން އާ ޗެލެންޖަކާ ކުރިމަތިލައި ރަނގަޅު ކާމިޔާބެއް ލިބުމުގެ ހިތްހަމަޖެހުމާއެކުގަ އެވެ.

މި ހުރިހާ ކަމަކުން ޝިޔާނާ ސާބިތުކޮށްދޭން ބޭނުންވަނީ އެއްކަމެކެވެ. އަންހެނުންނަށް ވާނެކަމެވެ. އަންހެނުންނަށް މި ދާއިރާގައި މަސައްކަތް ކުރެވިއްޖެނަމަ ފުރުސަތު ހޯދޭނެކަމެވެ. ޝިޔާނާ ހުރީ ފިރިހެނުން "ޑޮމިނޭޓްކުރަމުން އަންނަ ފުޓްބޯޅަ ކޯޗިން" ދާއިރާ އަށް އޭނާގެ ފަހަތުން ގިނަ އަންހެނުން އަންނާނެކަމުގެ އިތުބާރާ އެކުގަ އެވެ.

"އަސްލު އަޅުގަނޑު ބޭނުންވަނީ އަންހެން ކުދިންނަށް މި ދާއިރާއިން ކުރިއަށްދާން ފުރުސަތު ހޯދައިދޭން. އަންހެން ކޯޗުން އަންހެން ޓީމްތަކަށް ކޯޗުކަންކުރަން. އަންހެން ކުދިން މި ކުޅިވަރަށް ނިކުންނަ މިންވަރު އިތުރުވެސް ވާނެތާ އަންހެނެއް ކޯޗުކަންކުރަންޏާ. އެއީ އެންމެ ބޮޑު ބޭނުމަކީ" ސްކޫލް މުބާރާތްތަކާއި ފިއެސްޓާތަކުގައި ހިލޭ ސާބަހަށް މިއަދާހަމައަށް ކޯޗުކޮށްދިން ޝިޔާނާ ބުންޏެވެ.

ދެން ޝިޔާނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުރިއާ ހިލާފަށް ފުޓްބޯޅަ ކުޅޭ އަންހެން ކުދިން އިތުރުވުމެވެ. މި ކުޅިވަރަށް ނިކުންނަ ޒުވާން ކުދިން އިތުރުވުމެވެ.

"ކުރިން ގައުމީ ޓީމު ހަމަކުރަން ވެސް މީހުން އެތަން މިތަނުން ގެންނަން މި ޖެހެނީ. މިހާރު ގައުމީ ޓީމްގައިވެސް ގިނައީ އާ ކުދިން. އެބަފެނޭ މިކަމަށް ކުދިން ޝައުގުވެރިވާ މިންވަރުވެސް. މިސާލަކަށް 2019ގައި އެފްއޭއެމްގެ އަންހެން އެކަޑެމީ ފެށިއިރު 250 ހަކަށް ކުދިން އެންރޯލްވި. އެވެސް ވަރަށް ބޮޑަށް މީހުންގެ ވިސްނުން ބަދަލުވެފައި އޮތްކަން އިނގޭ ކަމެއް." 2019 އިން ފެށިގެން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޝިޔާނާ ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އަންހެން ކުޅުންތެރިން އިތުރުވުމުގެ އިތުރުން ކުޑަކުދިން މިކަމުގެ ތެރެއަށް އައުމުގައި އަންހެން ކޯޗުން އިތުރުވުން ވެސް ފާހަގަކޮށްލެވެ އެވެ. މަޑު މަޑުން އަންހެން ކޯޗުން ދަނޑުތަކުގައި ގިނަވުމަކީ ބެލެނިވެރިންނަށް އަންހެން ކުދިން މި ކުޅިވަރަށް ފޮނުވަން ހިތްވަރު ލިބޭނެ ކަމެއްގެ ގޮތުގައި އޭނާ ދެކެ އެވެ.

ގާޒީ ސްކޫލްގެ މެޗެއްގެ ތެރެއިން ޝިޔާނާ: އޭނާ ވަނީ ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޝިޔާނާގެ ކޯޗިން ކެރިއަރުގެ އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި އޭނާ ފާހަގަކުރަނީ 2019ގެ ސައުތު އޭޝިއަން ގޭމްސްގައި އަންހެން ފުޓްބޯޅަ ޓީމަށް ލިބުނު މެޑައްޔެވެ. އެފަހަރު ލިބުނު ލޯ މެޑައްޔަކީ އަންހެން ފުޓްބޯޅައަށް އާ އުއްމީދެއް ގެނެސްދިން ކަމެއްގެ ގޮތުގައި އޭރުވެސް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ޝިޔާނާ ވަނީ ބުނެފަ އެވެ.

އޭނާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރުގައި ފުރުސަތުތައް ފަހިކޮށްދިނުމަށް ހަރަކާތްތެރިވާ އެއް އެމްބެސެޑަރެވެ. އެ ކުދިންނަށް ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރަށް ބޭރުގެ މުބާރާތްތަކުން ފުރުސަތު ހޯދައިދިނުމުގައި ވެސް އޭނާ އެހީވެ އެވެ. ޝިޔާނާގެ އެހީތެރިކަމާ އެކު އިންޑިއާގައި އޮތް މުބާރާތަކުން ރާއްޖޭގެ ލޯފަންކުދިން ރަނގަޅު ކާމިޔާބީތަކެއްވެސް ހޯދި އެވެ. މި ގޮތުން ފިރިހެން ޓީމުން ދެ ވަނަ ހޯދިއިރު އަންހެން ޓީމުން ތިން ވަނަ ހޯދި އެވެ.

މިހާރު ޝިޔާނާގެ އަމާޒު ހުރީ ކޯޗިންގެ އިތުރު މަތީ ސަނަދުތައް ހޯދުމަށެވެ. "އޭ" ލައިސަންސް ހޯދައި އޭގެ ފަހުން ޕްރޯ ލައިސަންސް ނަގާ ފުރަތަމަ އަންހެން ކޯޗަށްވުމުގެ އަޒުމުގަ އެވެ. ނަމަވެސް އެހިސާބަށް ދިޔުމަށް ބުރަ މަސައްކަތްތަކެއް ކޮށް ގިނަ ގޮންޖެހުންތަކެއް ހުރަސްކުރަން ޖެހޭކަން އޭނާ ގަބޫލުކުރެ އެވެ.

ޝިޔާނާގެ އެންމެ ބޮޑު އުއްމީދަކީ އަންހެން ކޯޗުންނަށް ޓީމުތައް ހަވާލުކުރަން ސްކޫލުތަކުންނާއި ކުލަބުތަކުން އަދި މުއައްސަސާތަކުން ވެސް ފަސް ނުޖެހޭނެ ދުވަހެއް ފެނުމެވެ. އެ ފުރުސަތު ލިބޭނަމަ އަންހެނުންނަށް ވެސް މިކަން ވާނެކަން ޝީޔާނާ އެބަ ދައްކައިދެ އެވެ. ހުރިހާ ގޮތަކަށް ބަލާއިރު ވެސް ޝިޔާނާ ހުޅުވައި މިދިނީ ރާއްޖޭގެ އަންހެން ފުޓްބޯޅަ ކޯޗުންނަށް މުހިންމު ދޮރެކެވެ.