Advertisement

ރައީސް ހަވީރު ވިދާޅުވީ އިންތިހާބު މާޗު 17ގައި ކަމަށް، މިރޭ ވިދާޅުވީ ގާނޫނާ ހިލާފު ކަމެއް ނުކުރައްވާނެ ކަމަށް؟!

28 ފެބުރުވަރީ 2024 - 23:52 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މަނަދޫގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންސީ


ރައީސް ހަވީރު ވިދާޅުވީ އިންތިހާބު މާޗު 17ގައި ކަމަށް، މިރޭ ވިދާޅުވީ ގާނޫނާ ހިލާފު ކަމެއް ނުކުރައްވާނެ ކަމަށް؟!

28 ފެބުރުވަރީ 2024 - 23:52 1

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މާޗު 17 ގައި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ނ. ހޮޅުދޫގައި ވިދާޅުވުމަށް ފަހު، މިރޭ އެހެން ރަށެއްގެ ތަގުރީރުގައި، ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެެވެ.

މިހެން އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ފާސް ކުރި ބިލު އަނބުރާ ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް މިއަދު ފާސްކޮށްފައި ވަނިކޮށެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ރައީސް މުއިއްޒު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ.

މަޖިލީހުން އެ ބިލު ފާސްކުރީ މިއަދު މެންދުރުފަހު 3:00 ހާއިރު އެވެ. ނަމަވެސް އޭގެ ދެ ގަޑިއިރު ފަހުން ނ. ހޮޅުދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ އިންތިހާބު އޮންނާނީ މާޗު 17، ގައި ކަމަށެވެ.

"މި ގައުމުގެ މުސްތަގުބަލް ބިނާ ކުރުމަށްޓަކައި ތިޔަ ބޭފުޅުން އަތް މައްޗަށް މި އަންނަނީ ވަރަށް މުހިންމު ޒިންމާއެއް އަދާކުރުމުގެ ދުވަސް، 17 މާޗުގައި އޮންނަ އިންތިހާބުގައި، އެ ދުވަހު ލާ ވޯޓުގައި ތިޔަބޭފުޅުން ނިންމަވައި ދެއްވަންވީ، މި ދެންނެވި މުސްތަގުބަލް" ރައީސް ވިދާޅުވި އެވެ.

ރައީސް މިފަދައިން ވާހަކަ ދެއްކަވާފައި ވަނީ، މިއަދުގެ ވޯޓާއެކު ދުސްތޫރީ ހަމަތަކުގެ މަތިން ގާނޫނުގައިވާ ގޮތަށް ރައީސް އަމަލު ކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަވަނިކޮށެވެ.

"ދާދި ދެންމެއަކު އެ ފާސްވީ ދެއްތޯ، ކުއްލިއަކަށް އަދި މުއްދަތެއް ދަންނަވަން އަވަސް ދެއްތޯ، އެހެން ނަމަވެސް ދުސްތޫރުގައި ކަނޑައަޅާފައި އޮތް ގޮތަށް، ގާނޫނާ ގަވާއިދު އޮތް ގޮތަށް ރައީސް ކުރިއަށް ގެންދަވާނެ" ބިލު ފާސްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ އެމަނިކުފާނު ހުންނެވީ ﷲ ގަންދީ ހުވައެއް ކުރައްވައިގެން ކަމަށާއި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންނަށް، މުޅި ރާއްޖޭގެ ރައްޔިތުންނަށް ދޭން ބޭނުންވާ ފުރިހަމަ ޔަގީންކަމަކީ ހަމަ އެއްވެސް ކަމެއް ނުކުރާނަމޭ ގާނޫނުއަސާސީއާ ހިލާފަކަށް، އެއްވެސް ކަމެއް އަޅުގަނޑުގެ ކިބަޔަކުން ނުފެންނާނެ، ނުވެސް ކުރާނަން، ގާނޫނުއަސާސީއާ ހިލާފަކަށް،"

"އެއީ އަޅުގަނޑު މިހުރީ ﷲ ގަންދީ ހުވާކޮށްގެން، އަޅުގަނޑަކީ އަދި ހުވައެއް ނުކުރިޔަސް ބުނާ ކޮންމެ ބަހެއްގައި އަޅުގަނޑުގެ އިތުބާރު އޮންނަން ބޭނުންވާ މީހެއް،"

ރައީސް ވިދާޅުވީ އެ ވާހަކަ ތަކުރާރުކޮށްލަން ޖެހުނީ މިހާރު ގައުމު އޮތް ހާލަތުން އެ ޔަގީންކަން ރައްޔިތުންނަށް ދޭން ބޭނުންވާތީ ކަމަށެވެ.

ނަމަވެސް، މިއަދު ފާސްކުރި ބިލް ތަސްދީގު ކުރައްވާނެ ކަމަށް ސާފުކޮށް ވިދާޅެއް ނުވެ އެވެ.

ރޯދަމަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ހިނގާ ފެބްރުއަރީ 11، ގަ އެވެ. އެ ބިލު ތަސްދީގު ކުރުމަށް މަޖިލީހުގެ އިދާރާއިން ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގަ އެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ.