Advertisement

ދެވަނަ ފަހަރަށް ފާސްކުރި އިންތިހާބު ފަސް ކުރާ ބިލު ތަސްދީގުކުރުމަށް ރައީސަށް ފޮނުވައިފި

28 ފެބުރުވަރީ 2024 - 19:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް : ދެވަނަ ފަހަރަށް ފާސްކުރި އިންތިހާބު ފަސް ކުރާ ބިލު ތަސްދީގުކުރުމަށް ރައީސަށް ފޮނުވައިފި - ފޮޓޯ: މަޖިލިސް އިދާރާ / އަދަދު


ދެވަނަ ފަހަރަށް ފާސްކުރި އިންތިހާބު ފަސް ކުރާ ބިލު ތަސްދީގުކުރުމަށް ރައީސަށް ފޮނުވައިފި

28 ފެބުރުވަރީ 2024 - 19:03 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް މިއަދު ފާސްކުރި ބިލު ތަސްދީގުކުރުމަށް ރައީސަށް ފޮނުވައިފި އެވެ.

ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓުން ފާސްކުރި އެ ބިލު ރައީސް އޮފީހަށް ފޮނުވިކަން ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރް އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު "އަދަދު" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. މިއަދުގެ ވޯޓުގައި އެ ބިލު ފާސްނުކުރަން ވޯޓުދިނީ 14 މެންބަރުންނެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.

އެހެންކަމުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ރައީސް މުއިއްޒު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ.

ރައީސް މިހާރު ހުންނެވީ ރަސްމީ ދަތުރެއްގައި ނ. އަތޮޅުގަ އެވެ. މެންދުރުފަހު ބިލު ފާސްކުރި ފަހުން ރައީސް ވަނީ އެ އަތޮޅު ހޮޅުދޫއިން މިލަދޫއަށް ދަތުރުކުރައްވާފަ އެވެ.

މި ބިލު ފުރަތަމަ ފާސްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުވުމުން މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ މިދިޔަ އާދީއްތަ ދުވަހެވެ.

މިއަދުގެ ވޯޓާ އެކު ދުސްތޫރީ ހަމަތަކުގެ މަތިން ގާނޫނުގައިވާ ގޮތަށް ރައީސް އަމަލުކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އަށް ވިދާޅުވީ، ގާނޫނުގައިވާ ގޮތަށް ރައީސް އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް ތަސްދީގުކުރައްވާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ދާދި ދެންމެއަކު އެ ފާސްވީ ދެއްތޯ، ކުއްލިއަކަށް އަދި މުއްދަތެއް ދަންނަވަން އަވަސް ދެއްތޯ، އެހެން ނަމަވެސް ދުސްތޫރުގައި ކަނޑައަޅާފައި އޮތް ގޮތަށް، ގާނޫނާ ގަވާއިދު އޮތް ގޮތަށް ރައީސް ކުރިއަށް ގެންދަވާނެ" ހަލީލު ވިދާޅުވި އެވެ.

ރޯދަމަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ހިނގާ ފެބްރުއަރީ 11، ގަ އެވެ. އެ ބިލު ތަސްދީގު ކުރުމަށް މަޖިލީހުގެ އިދާރާއިން ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގަ އެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރި ނަމަ މަޖިލިސް އިންތިހާބު ދެން ބާއްވަން ޖެހޭނީ އޭޕްރިލް 20، ވަނަ ދުވަހަށް ފަހުގެ ތާރީހެއްގަ އެވެ.

ރޯދަމަހުގެ ފަހަށް އިންތިހާބު ލަސްކުރަން ޖެހޭގޮތަށް ގާނޫނަށް ބަދަލު ގެނެސްފި ނަމަ އެކަމަށް ތައްޔާރަށް ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބިލުގެ ކޮމެޓީ މަރުހަލާގައި ބުނެފައިވެ އެވެ. އަދި އިންތިހާބު ލަސްކޮށްފި ނަމަ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ވެސް އެ ކޮމިޝަނުން ލަފާކޮށްފައިވެ އެވެ.