Advertisement

އެންމެ އަަވަސް ސައްތަ ހެދުމުގެ ރެކޯޑް ނެމީބިއާގެ ލޮފްޓީ-އީޓަން އަށް

28 ފެބުރުވަރީ 2024 - 14:32 0


އެންމެ އަަވަސް ސައްތަ ހެދުމުގެ ރެކޯޑް ނެމީބިއާގެ ލޮފްޓީ-އީޓަން އަށް

28 ފެބުރުވަރީ 2024 - 14:32 0

ކިރްތީޕުރް، ނޭޕާލް (ފެބްރުއަރީ 28) - ބައިނަލްއަގުވާމީ ލެވަލްގެ ޓީ20 ކްރިކެޓް ފޯމެޓްގައި އެންމެ އަވަސް ސައްތަ (100 ލަނޑު/ސެންޗަރީ) ހެދުމުގެ ރެކޯޑް، ނެމީބިއާގެ ޖޭން ނިކޯލް ލޮފްޓީ-އީޓަން ހަދައިފި އެވެ.

އުމުރުން 22 އަހަރުގެ ލޮފްޓީ-އީޓަން މި ރެކޯޑް ހެދީ 33 ބޯޅައިން 100 ލަނޑު ހަދައިގެންނެވެ. ރެކޯޑް ހެދިއިރު، އޭނާ ވަނީ 11 ފަހަރު ހަތަރަކަށް ޖަހައި، އަށް ފަހަރު ހަޔަކަށް ބޯޅަ ޖަހައިފަ އެވެ.

ނެމީބިއާ، 20 ލަނޑުން މޮޅުވި މި މެޗުގައި، އެންމެ ފަހުން، ގައުމީ ލެވަލްގައި، ޓީ20 ގެ އެންމެ އަވަސް ސައްތަ ހެދި ކުޅުންތެރިޔާ، ނޭޕާލްގެ ކުޝާލް މައްލާ ވެސް ކުޅުނެވެ.

ކުޝާލް، މިދިޔަ ސެޕްޓެމްބަރު މަހު މި ރެކޯޑް ހެދީ މޮންގޯލިއާއާ ދެކޮޅަށް ނޭޕާލް ކުޅުނު މެޗުގައި 34 ބޯޅައިން 100 ލަނޑު ހަދައިގެންނެވެ.

މި އަހަރުގެ ޓީ20 ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅޭ ޓްރައި-ސީރީސް މުބާރާތުގައި ކުޅެނީ ނޭޕާލް އާއި ނެމީބިއާ އަދި ނެދަލެންޑްސް އެވެ. ނެމީބިއާ އިން ވަނީ ފުރަތަމަ މެޗުގައި ނޭޕާލް ބަލިކޮށްފަ އެވެ.

މުޅި ޓީ20 ކްރިކެޓް ފޯމެޓްގެ އެންމެ އަވަސް ސައްތަ ހެދުމުގެ ރެކޯޑް އޮތީ އިންޑިއަން ޕްރިމިއާ ލީގުގައި ވެސްޓް އިންޑީސްގެ ކްރިސް ގޭލް ކުޅެމުން ހެދި ސެންޗަރީ އެވެ. އެ ގޮތުން، އިންޑިއަން ޕްރިމިއާ ލީގުގެ 2013 ވަނަ އަހަރުގެ މުބާރާތުގައި ރޯޔަލް ޗެލެންޖާސް ބެންގަލޯ އަށް ކުޅެމުން ކްރިސް ގޭލް ވަނީ 30 ބޯޅައިން 100 ލަނޑު ހަދައިފަ އެވެ. އެއީ، ޕޫނޭ ވޯރިއާސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.