Advertisement

މިޓޯމާ އަށް ސީޒަން ނިމިއްޖެ

28 ފެބުރުވަރީ 2024 - 13:54 0


މިޓޯމާ އަށް ސީޒަން ނިމިއްޖެ

28 ފެބުރުވަރީ 2024 - 13:54 0

ލަންޑަން (ފެބްރުއަރީ 28) - ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަށް ކުޅެމުން އަންނަ ޖަޕާނުގެ ވިންގް، ކައޯރޫ މިޓޯމާ، އަށް ދެން މި ސީޒަނުގެ ބަކީބައިގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ބްރައިޓަން އިން އެންމެ ފަހުން، އެވަޓަންއާ އެއްވަރުވި މެޗުގައި ވެސް މިޓޯމާ، 26، އަށް ނުކުޅެވުނެވެ. އޭނާ އަށް އެ މެޗު ގެއްލުނީ ވެސް ބުރަކަށްޓަށް ލިބިފައިވާ އަނިޔާއަކާ ހެދި އެވެ.

އެފްއޭ ކަޕްގައި ވުލްވްސްއާ ދެކޮޅަށް ބްރައިޓަން ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުގެ ކޯޗު، ރޮބާޓޯ ޑި ޒާބީ ބުނީ ބުރަކަށްޓަށް ލިބުނު އަނިޔާއާ ހެދި، ތިން މަހެއްހާ ދުވަހު މިޓޯމާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

"މާނަ އަކީ އޭނަ (މިޓޯމާ) އަށް މި ސީޒަނުގައި ނުކުޅެވޭނެއޭ،" ޑި ޒާބީ ބުންޏެވެ.

މިިދިޔަ އަހަރު ފަހުކޮޅު، މިޓޯމާގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ހެދި، މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. މި އަހަރުގެ އޭޝިއަން ކަޕްގަައި ޖަޕާނުން ނުކުތް ސްކޮޑުގައި މިޓޯމާ ހިމެނުނު ނަމަވެސް އަނިޔާއާ ހެދި، ގިނަ މެޗުތަކެއް އޭނާ އަށް ގެއްލުނެވެ. އޭނާ ވަނީ ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ބަދަލަކަށް ކުޅެން ނުކުމެފަ އެވެ.

މިޓޯމާ ގެއްލުމަކީ، ބްރައިޓަން އަށް ލިބޭނެ ގެއްލުމެކެވެ. އެ ގޮތުން، އެފްއޭ ކަޕާއި ޔޫރޮޕާ ލީގުގައި ވެސް ބްރައިޓަން މި ވަގުތު ވާދަކުރާއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމު އޮތީ ހަތް ވަނައިގަ އެވެ.