Advertisement

155 މިލިއަން ޑޮލަރު: ބްރައިޓަންގެ ފައިދާ މެކުހަށް

4 އޭޕްރީލް 2024 - 11:58 0


155 މިލިއަން ޑޮލަރު: ބްރައިޓަންގެ ފައިދާ މެކުހަށް

4 އޭޕްރީލް 2024 - 11:58 0

ލަންޑަން (އޭޕްރީލް 4) - ޓެކުހަށް ދައްކަންޖެހޭ ފައިސާ އަދާކުރުމަށް ފަހު، ސީޒަނެއްގައި އެންމެ ބޮޑު ފައިދާއެއް ހޯދި އިނގިރޭސި ކްލަބްގެ ޝަރަފް، ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އިން ހޯދައިފި އެވެ.

ބްރައިޓަން އިން އާންމުކުރި މިދިޔަ އަހަރުގެ އެ ކްލަބްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކްލަބަށް ޓެކްސް އަށް ފަހު ވަނީ 155 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފަ އެވެ. މިއީ، މިހާތަނަށް އެއް ސީޒަނަށް ބަލާއިރު، އިނގިރޭސި ޓީމަކަށް ލިބުނު އެންމެ ބޮޑު ފައިދާ އެވެ.

ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، އެއް ސީޒަނަކަށް ބްރައިޓަން އަށް ވުރެ ބޮޑު ފައިދާއެއް މީގެ ކުރިން ހޯދުނީ ބާސެލޯނާ އަށް އެކަންޏެވެ. އެ ފަހަރު، ބާސެލޯނާ އިން 378 މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ އަހަރު ބްރައިޓަން އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިގެންދިޔަ ޑީލްތަކަށް ބަލާއިރު، ލިވަޕޫލަށް އަލެކްސިސް މެކް އަލިސްޓާ ވިއްކާލުމާއި، ޓޮޓެންހަމް ހޮޓްސްޕާސް އަށް ޔްވެސް ބިސޫމާ ދޫކޮށްލުމުގެ އިތުރުން، މާކް ކުކުރޭއާ، ޗެލްސީ އަށް ވިއްކާލި ޑީލްތައް ހިމެނެ އެވެ. މި ޓްރާންސްފާތަކުގެ ޖުމްލަ އަދަދު 147 މިލިއަން ޑޮލަރަށް އަރަ އެވެ.

ބޮޑު އަގުގައި، މޮއިސަސް ކައެސޭޑޯ އާއި ރޮބާޓް ސަންޗޭޒް، ޗެލްސީ އަށް ވިއްކާލި ޑީލްތަކުގެ ޖުމްލަ ފައިސާގެ ކަންކަން ނިމިގެންދާނީ މި އަހަރު ތެރޭގައި ކަމަށްވާތީ، އެ ޑީލްތައް މި އަހަރުގެ މާލީ ހިސާބުތަކުގެ ތެރޭގައި ނުހިމަނަ އެވެ. އެ ދެ ކުޅުންތެރިންނަށް އެކަނި ވެސް 144 މިލިއަން ޑޮލަރު ބްރައިޓަން އަށް ލިބޭނެ އެވެ.

ބްރައިޓަން އަށް ދެން ލިބުނު ފައިސާތަކަށް ބަލާއިރު، ޗެލްސީން އެ ޓީމުގެ ކޯޗު ގްރަހަމް ޕޮޓާ ގެންދިޔައިރު، ކޮންޓްރެކްޓް އުވާލަން ދެއްކި ފީގެ ބައެއް ވެސް ވަނީ އަދާކޮށްފަ އެވެ. ޕޮޓާ އާއި އޭނާގެ ކޯޗިން ސްޓާފުންގެ ކޮންޓްރެކްޓް ގަންނަން ޗެލްސީން ވަނީ 27 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.

ބްރައިޓަންގެ ޗީފް އެގްޒެކްޓިވް، ޕޯލް ބާބާ، ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ކްލަބަށް ލިބުނު ފައިދާ ޓީމު ވަރުގަދަ ކުރަން އިންވެސްޓްކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި، ބްރައިޓަން އިން އެ ޓީމުގެ ކޯޗު، އިޓަލީގެ ރޮބާޓޯ ޑި ޒާބީ މަޑުކުރުވަން އޭނާ އަށް ބޮޑު ޓްރާންސްފާ ބަޖެޓެއް ދޭން އަންނަނީ ތައްޔާރުވަމުންނެވެ.