Advertisement

އާސެނަލް އެއް ވަނަ އަށް، ސިޓީ ވެސް ރޭހުގައި ދުލެއް ނުދޭ

7 އޭޕްރީލް 2024 - 05:17 0


އާސެނަލް އެއް ވަނަ އަށް، ސިޓީ ވެސް ރޭހުގައި ދުލެއް ނުދޭ

7 އޭޕްރީލް 2024 - 05:17 0

ލަންޑަން (އޭޕްރީލް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން 3-0 އިން މޮޅުވެ، އާސެނަލް ލީގުގެ އެއް ވަަނަ އަށް ޖެހިލަން ލިބުނު ފުރުސަތުގެ ބޭނުންހިފިއިރު، އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން 4-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ލީގުގެ ރޭހުގައި މުހިންމު މޮޅެއް ހޯދައިފި އެވެ.

ރޭގެ މޮޅާ އެކު، އާސެނަލް އެއް ވަނައިގައި އޮތީ 31 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 30 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސިޓީ އަށް 31 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން މިރޭ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެއްޖެނަމަ އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ސިޓީން ރޭ ޕެލަސް ބަލިކުރީ ފަހަތުން އަރަ އެވެ. މެޗު ފަށައިގެން މާގިނައިރެއްނުވެ، ހަތަރު ވަނަ މިނިޓްގައި ޕެލަސް އިން ވަނީ ޖިއާން ފިލީޕޭ މަޓޭޓާ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ޕެލަސް އަށް ލީޑުހިފަހައްޓައި ލެވުނީ ނުވަ މިނިޓް އެވެ. ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން، ކެވިން ޑި ބްރޭނާ ސިޓީ އަށް އެއްވަރުކޮށްދިނެވެ.

ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިިނިޓް ތެރޭ ރީކޯ ލެވިސް ގޯލެއް ޖަަހައި، ސިޓީ އަށް ލީޑުނަގައިިދިނެވެ. ޑި ބްރޭނާ ދިން ބޯޅައަކުން އާލިން ބްރައުޓް ހާލަންޑް ސިޓީގެ ތިން ވަނަ ގޯލު ޖެހިއިރު، ޑި ބްރޭނާ އިތުރު ގޯލެއް ޖަހައި، ސިޓީ އަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިނެވެ. ޕެލަސް އިން ބަދަލަކަށް ކުޅެން އެރި އޮޑްސަން އެޑޮއާޑް ވަނީ އެ ޓީމަށް ފަހުން ގޯލެއް ކާމިޔާބުކޮށްދީފަ އެވެ.

ބްރައިޓަން ދަނޑުގައި އާސެނަލުން ލީޑުނެގީ ޕެނަލްޓީ އަކުން ބުކާޔޯ ސަކާ ޖެހި ގޯލުންނެވެ. މިއީ، ބްރައިޓަންގެ ތޯރިގު ލަމްޓޭ އޭރިއާތެރެއިން އާސެނަލްގެ ގަބްރިއެލް ޖީސޫސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ހާފުގައި އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ، ކައި ހަވާޓްޒް އެވެ. މިއީ ޖޯޖީނިއޯ ދިން ބޯޅައަކުން އޭރިއާތެެރެއިން ހަވާޓްޒް ޖެހި ގޯލެކެވެ.

ބަދަލަކަށް ކުޅެން އަރައި، އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ، ލެއަންޑްރޯ ޓްރޮސާޑް އެވެ. ޓްރޮސާޑަކީ ބްރައިޓަން ދޫކޮށް އާސެނަލާ ގުޅުނު ކުޅުންތެރިއެކެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ލީގުގެ ހަތަރެއްގައި އޮތް އެސްޓަން ވިލާ ވަނީ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ 3-3 އިން އެއްވަރުވެފަ އެވެ. ވެސްޓް ހޭމް ޔުނައިޓެޑުން ވުލްސް ދަނޑުގައި މޮޅުވީ ފަހަތުން އަރައި 2-1 އިންނެެވެ. ފުލަމް ދަނޑުގައި ނިއުކާސަލް މޮޅުވީ 1-0 އިންނެވެ. އަދި ބާންލީ އަތުން އެވަޓަން 1-0 އިން މޮޅުވިއިރު، ލޫޓަން ޓައުން ވަނީ ބޯންމައުތުގެ މައްޗަށް 2-1 އިން ކުރިހޯދައިފަ އެވެ.