Advertisement

ވަޒީރުންގެ ދިފާއުގައި މަޖިލިސް ކައިރި ކުރި މުޒާހަރާގައި ގޭންގުތަކުން ބައިވެރިވި: ކޮމިޝަނަރު

28 ފެބުރުވަރީ 2024 - 13:00 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސަރުކާރު މިނިސްޓަރުންގެ ދިފާއުގައި މަޖިލިސް ކައިރީ ކުރި މުޒާހަރާގެ ތެރެއިން: އެ މުޒާހަރާގައި ގޭންގުތަކުން ބައިވެރިވި ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވެއްޖެ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ވަޒީރުންގެ ދިފާއުގައި މަޖިލިސް ކައިރި ކުރި މުޒާހަރާގައި ގޭންގުތަކުން ބައިވެރިވި: ކޮމިޝަނަރު

28 ފެބުރުވަރީ 2024 - 13:00 0

މި ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ދިނުމަށް ގޮވާލައި، މިދިޔަ ޖެނުއަރީ 28، ގައި ރައްޔިތުންގެ މަޖިލީހުގެ އިމާރާތް ކައިރީގައި ކުރި މުޒާހަރާގައި ހަމަނުޖެހުންތަކަކާ ދިމާއަށް ދިޔައީ ގޭންގުތަކުގެ ބަޔަކު އޭގައި ބައިވެރިވި ހިސާބުން ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން، ސަލާމަތީ ހިދުމަތްތަކަށް ފާރަވެރިވާން މަޖިލީހުގައި އޮންނަ 241 ކޮމިޓީއަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އަދި ޕޮލިސް ކޮމިޝަނަރު ޝުޖާއު މިއަދު ހާޒިރުކުރި އެވެ.

މުޒާހަރާގައި ގޭންގުގެ ބަޔަކު ބައިވެރިވި ކަމަށް ފުލުހުން ބުނާ ކަން އެނގުނީ، ކޮމިޓީގެ މެންބަރުންނަށް ސުވާލު ކުރަން ދިން ފުރުސަތުގައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) އެ ކަން ފާހަގަ ކުރެއްވުމުންނެވެ.

"ފުލުހުން މަޖިލީހަށް ފޮނުވި މައުލޫމާތުގެ ލިޔުމުގައި އެބަ އޮތް، ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރު ފެންވަރު ބޭފުޅުންނާއި ސިޔާސީ މަގާމުތަކުގެ ބައެއް ބޭފުޅުންގެ އިތުރަށް ގޭންގު މެންބަރުންތަކެއް ބައިވެރިވި ކަމަށް،" ލިޔުމަށް ހަވާލާދެއްވައި ސަލީމް ވިދާޅުވި އެވެ.

ކޮމިޝަނަރު ޝުޖާއު ވިދާޅުވީ މުޒާހަރާއަށް ފުރަތަމަ އެއްވީ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި، ސަރުކާރުގެ އާންމު ސަޕޯޓަރުންތަކެއް ކަމަށެވެ. އޭރު މުޒާހަރާ ދިޔައީ ވެސް ސުލްހަވެރިކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މުޒާހަރާ ކުރަން ފެށިތާ އިރުކޮޅެއް ފަހުން ގޭންގުތަކަށް ނިސްބަތްވާ ބަޔަކު އެ ސަރަހައްދަށް އެއްވާން ފެށި ހިސާބުން ހަމަނުޖެހުމަކަށް ދާން ފެށި ކަމަށާއި އެ ހިސާބުން ފުލުހުންނާއި ގައުމީ ސަލާމަތީ ހިދުމަތް ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އެޅި ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ގޭންގުތަކަށް ނިސްބަތްވާ މީހުން އެއްވި ހިސާބުން މަސްލަހަތު ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ، ފުރަތަމަ އެއްވި އިރު އެ މީހުންނެއް ނެތް، މާ ފަހުން އެއްވާން ފެށީ،" ޝުޖާއު ވިދާޅުވި އެވެ.

އޭރު އެ ސަރަހައްދުން ދުރަށް ދިޔުމަށް ސަރުކާރުގެ އިސް ބޭފުޅުންނާއި އާންމު މީހުންނަށް ފުލުހުން ނަސޭހަތްތެރި ވާން ފެށުމުން ދުރަށް ޖެހިލި ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. ގޭންގުގެ ބަޔަކު އައިސް ހަމަޖެހުން ނަގާލަން މަސައްކަތް ކުރީ އޭގެ މާ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ، ސަރުކާރުގެ އިސް ބޭފުޅުން އެ ތަނަށް އެއްވި ވަގުތާއި ގޭންގުގެ މީހުން އެއްވި ވަގުތާއި ގޭންގުގެ މީހުން އެއްވީ ސަރުކާރުގެ ބޭފުޅުން އެ ސަރަހައްދުން ދުރަށް ޖެހިލި ވަގުތާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

ހިސާންގެ ސުވާލުތަކުގެ ޖަވާބުގައި ޝުޖާއު ވިދާޅުވީ އެފަދަ މައުލޫމާތުތަކަކީ، އާންމު ގޮތެއްގައި ވެސް ފުލުހުން ގްރައުންޑުގައި ތިބެގެން އެއްކުރާ މައުލޫމާތެއް ނޫން ކަމަށެވެ. އެ ވަގުތު ފުލުހުން އިސް ސަމާލު ކަމެއް ދިނީ، ތަނުގެ މަސްލަހަތާއި ރައްކާތެރިކަން ބެހެއްޓުމަށް ކަމަށް ވިދާޅުވި އެވެ.

ދެން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ސުވާލު ކުރެއްވީ، ސަރުކާރުގެ އިސް ބޭފުޅުންނާއި ފަހުން އެއްވި ގޭންގުގެ މީހުންނާ އެއްވެސް ގުޅުމެއް އޮތްތޯ އާއި، ދެބައި މީހުންގެ މެދު އެއްވެސް މުއާމަލާތެއް ހިނގިތޯ އެވެ. އެ ކަން ވެސް ފުލުހުން ސާފުކޮށްފައިނުވާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.