Advertisement

އެއް މަހުން ދެ ލައްކަ ޓޫރިސްޓުން އައިސް މުޅިން އާ އެރައިވަލްސް ރެކޯޑެއް

28 ފެބުރުވަރީ 2024 - 12:05 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފަތުރުވެރިން -- ފޮޓޯ: އަދަދު


އެއް މަހުން ދެ ލައްކަ ޓޫރިސްޓުން އައިސް މުޅިން އާ އެރައިވަލްސް ރެކޯޑެއް

28 ފެބުރުވަރީ 2024 - 12:05 0

މި މަހުގެ ތެރޭގައި އެކަނި ވެސް ރާއްޖެއަށް ދެ ލައްކަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. މިއީ ރާއްޖޭގެ ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ ޓޫރިޒަމް ސިނާއަތުގެ ތާރީހުގައި އެއް މަހުން އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަހެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ އެރައިވަލް ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް 392،389 ފަތުރުވެރިން ރާއްޖެ އައިސްފި އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 15.7 އިންސައްތައިގެ ކުރި އެރުމެކެވެ.

މި މަހަށް އެކަނި ބަލާއިރު ހޯމައިގެ ނިޔަލަށް 200،004 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 166،762 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގައި އެންމެ ކުރީގައި އޮތީ ޗައިނާ އެވެ. އެގައުމުން އެކަނި ވެސް މިމަހު 26ގެ ނިޔަލަށް ރާއްޖެއަށް 52،709 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް

  1. ޗައިނާ - 52،709
  2. ރަޝިއާ - 37،877
  3. އިޓަލީ - 37،393
  4. ޔޫކޭ - 34،798
  5. އިންޑިއާ - 25،751
  6. ޖަރުމަނު - 24،253
  7. ފްރާންސް - 15،506
  8. އެމެރިކާ - 12،615
  9. ޕޮލޭންޑް - 9،938
  10. ސްވިޓްޒަލޭންޑް - 8،718

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ހަމަކުރުމެވެ. މިދިޔަ މަހު ފައިސަލް ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގަ ހިމެނޭ އިންޑިއާ އާއި ޗައިނާ މާކެޓު ހުރި ވަރުގަ ހިފެހެއްޓިއްޖެ ނަމަ 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ނަން ގަތް ޗައިނާ އާއި އިންޑިއާއަކީ ވޭތުވި އަހަރުތަކުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ދެ ގައުމެވެ. މިހާރު ޗައިނާ މާކެޓު މައްޗަށް ޖެހިލާފައިވާއިރު، އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިލާފަ އެވެ.

ރާއްޖޭގައި މިހާރު 1،160 ޓޫރިސްޓް ޕްރޮޕަޓީ ހިންގަމުންދެ އެވެ. އެއީ 175 ރިސޯޓާއި 830 ގެސްޓްހައުސް އާއި 140 ސަފާރީގެ އިތުރުން 15 ހޮޓަލެވެ. މި ތަންތަނުގައި ޓޫރިސްޓުން ބޭނުންކުރަން ހުރި އެނދުގެ އަދަދަކީ 61،831 އެވެ.