Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާގެ ޓީމުތައް ކަށަވަރު ވެއްޖެ

28 ފެބުރުވަރީ 2024 - 06:30 0

އަތޫފް އާތިފް

އަތޫފް އާތިފް


ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާގެ ޓީމުތައް ކަށަވަރު ވެއްޖެ

28 ފެބުރުވަރީ 2024 - 06:30 0

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ކުއާޓާ ފައިނަލަށް އއ. މަތިވެރި, ލ. ގަން, ވިލިމާލެ, ސ. ހިތަދޫ, ކ. ގާފަރު, ދ. ކުޑަހުވަދޫ, ތ. ތިމަރަފުށި އަދި ބ. އޭދަފުށި ދަތުރުކޮށްފި އެވެ.

ރޭ ރެހެންދި ފުޓްސަލް ދަނޑުގައި ވަނީ މި މުބާރާތުގެ ގަދަ 16 ގެ މެޗުތައް ކުޅެފަ އެވެ.

އއ. މަތިވެރިން ކުއާޓާގެ ޖާގަ ކަށަވަރުކުރީ ފ. ބިލެއްދޫ 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ނުވަވަނަ މިނެޓުގައި މަތިވެރިއަށް ލީޑު ނަގާދިނީ އަހުމަދު ފިރާޝް ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މަތިވެރީގެ ލީޑު ފުޅާކޮށްދިނީ އަހުމަދު ފިޒާން ޖެހި ގޯލުންނެވެ.

މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގެ ޖާގަ އެއް މަތިވެރިން ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މަތިވެރިން އެންމެ ދުރަށް ދިޔައީ ގަދަ 16 އަށެވެ.

އއ. މަތިވެރި އާއި ބިލެތްދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު


މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމުން ކުއާޓާ އަށް ދަތުރުކުރީ ޕެނަލްޓީގައި ހދ. ނައިވާދޫ 4-2 އިން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ގަމުން ހުރިހާ ޕެނަލްޓީ އެއް ކާމިޔާބުކުރިއިރު, ނައިވާދޫގެ ޔާމިން މުހައްމަދު އަދި އިސްމާއިލް ވަހީދު ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

މި މުބާރާތުގެ ކުއާޓާގައި މަތިވެރިން ނުކުންނާނީ ލ. ގަމާއި ދެކޮޅަށެވެ.

ރ. ދުވާފަރުގެ މައްޗަށް ޕެނަލްޓީގައި 5-2 ގެ ނަތީޖާއަކުން ކުރިހޯދާ ވިލިމާލެ އިން ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ހޯދައިފަ އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ވިލިމާލެއިންނެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުالله ޝައްފާން (ޝާކާ) އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ދުވާފަރުގެ ކެޕްޓަން މުހައްމަދު އިޝާމް (ޝަންޓެ) އެވެ. މި މެޗުގެ ޕެނަލްޓީ ޝޫޓް އައުޓްގައި ވިލިމާލޭގެ ހުރިހާ ޕެނަލްޓީ އެއް ކާމިޔާބުކުރިއިރު, ދުވާފަރުގެ އިސްމާއިލް އީސަ (މެސީ) އަދި ޝަންޓެގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ވިލިމާލެ އާއި ދުވާފަރު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު


ސ. ހިތަދޫ އިން ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ އދ. މާމިގިލީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ހިތަދޫ އަށް ލީޑު ނަގާދިނީ މުހައްމަދު ތިލްމީޒް އެވެ. އަދި މެޗުގެ ފަހު މިނެޓުގައި ހިތަދޫގެ ލީޑު ފުޅާކޮށްދިނީ ކެޕްޓަން ހާޒިމް ފައުޒީ އެވެ. މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި މާމިގިއްޔަށް ފަރަގު ކުޑަކޮށްދިނީ އަހުމަދު ނިޒާމް ޖެހި ގޯލުންނެވެ.

ކ. ގާފަރުން ކުއާޓާގެ ޖާގަ ކަށަވަރުކުރީ ދަޑިމަގު ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގެ 17 ވަނަ މިނެޓުގައި ދަޑިމަގުން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ކެޕްޓަން މުހައްމަދު ސާދު ނިޒާރެވެ. އެކަމަކު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ގާފަރުގެ ޝަނާން ރަޝީދު ޖެހި ގޯލުން ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި ޕެނަލްޓީ ޝޫޓްއައުޓްގައި ގާފަރުގެ ކީޕަރު މުހައްމަދު ޝަމްއާން ވަނީ ދެ ޕެނަލްޓީ މަތަކޮށްފަ އެވެ.

ކ. ގާފަރާއި ދަޑިމަގު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު


ކުޑަހުވަދޫ އިން ކުއާޓާ ފައިނަލުގެ ޖާގަ އެއް ހޯދީ ނ. ކެނދިކުޅުދޫ ގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ ކުޑަހުވަދޫގެ އަބްދުލް މުގުސިތު ދެ ގޯލު ޖެހިއިރު, ހުސެއިން އިފްހާމް ވަނީ ގޯލެއް ޖަހާފަ އެވެ. އަދި އަނެއް ގޯލަކީ ކެނދިކުޅުދޫގެ ކެޕްޓަން އަލީ ބުޝްރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ނަތީޖާތަކާއެކު ކުޑަހުވަދޫ އިން ކުއާޓާގައި ނުކުންނާނީ ގާފަރާއި ދެކޮޅަށެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށިން ކުއާޓާ ފައިނަލަށް ދަތުރުކުރީ 4-1 ގެ ނަތީޖާއިން ހއ. އުތީމު ބަލިކޮށްގެންނެވެ. މި މެޗުގައި ތިމަރަފުށީގެ އިބްރާހީމް ހަމްދާން ދެ ގޯލު ޖެހިއިރު, އިބްރާހީމް އަސްވަދު (ގަބޭ) އަދި އާދަމް ނާސިހް (އާދަންނަ) ވަނީ ގޯލެއް ޖަހާފަ އެވެ. އުތީމުގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު އައިހަމް (ފަތޯ) އެވެ.

ތިމަރަފުށި އާއި އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު


ބ. އޭދަފުށިން ސެމީ ފައިނަލުގެ ޖާގަ އެއް ކަށަވަރުކުރީ މާފަންނު އަތުން ޕެނަލްޓީގައި 7-5 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗުގެ ހަތަރު ވަނަ މިނެޓުގައި އިޝާން އިބްރާހީމް (ސައްޓު) ޖެހި ގޯލުން އޭދަފުށިން ލީޑު ނެގިއިރު, ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލީ ފާސިރު (ސެންޓޭ) ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މާފަންުނުގެ ހުސެއިން ސުހައިލް ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ނިޝާމް މުހައްމަދު ރަޝީދު އޭދަފުށީގެ ލީޑު ފުޅާކުރި އެވެ. މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ސުހައިލް ވަނީ އިތުރު ދެ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މި ނަތީޖާތަކާއެކު ކުއާޓާ ފައިނަލުގައި އޭދަފުށިން ނުކުންނާނީ ތިމަރަފުއްޓާއި ދެކޮޅަށެވެ.

ދ. ކުޑަހުވަދޫ އާއި ނ. ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު