27 ފެބުރުވަރީ 2024 - 23:10 0
ސާއިފް ޝިޔާދު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަޖިލީހުގެ ތަޅުމުގައި. ގިނަ މެމްބަރުންތަކެއް ވަނީ މި ބިލު އަނބުރާ ފޮނުވާލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި --- ފޮޓޯ: މަޖިލިސް އިދާރާ
27 ފެބުރުވަރީ 2024 - 23:10 0
މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވި އިންތިހާބާ ބެހޭ ބިލުގެ މައްސަލަ އެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.
ރޯދަމަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ހިނގާ ފެބްރުއަރީ 11، ގަ އެވެ. އެ ބިލު ތަސްދީގު ކުރުމަށް މަޖިލީހުގެ އިދާރާއިން ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ. ރައީސް އެ ބިލު އަނބުރާ ފޮނުވާލީ ފެބްރުއަރީ 26, ގަ އެވެ.
މާދަމާ މެންދުރު 13:00 ގައި އޮންނަ މަޖިލިސް ޖަލްސާގައި މި ބިލުގެ މައްސަލަ ހިމަނާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގަ އެވެ.
އޭގެ އިތުރުން އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ ކިޔުން ވެސް އެޖެންޑާގައި އެބައޮތެވެ. ހަމައެހެންމެ ސަރުކާރުން ހުށަހަޅާ ހަ ބިލެއްގެ ފުރަތަމަ ކިޔުން ވެސް އެޖެންޑާގައި ހިމަނާފައިވެ އެވެ.
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.
އޭގެ އިތުރުން، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ނ. ގައި ބުނަނީ، ބިލެއް ތަސްދީގު ކުރުމަށް ނުވަތަ އަނބުރާ ފޮނުވާލުމަށް ލިބޭ 15 ދުވަހުގެ މުއްދަތުގައި، މަޖިލީހަށް އެ ބިލެއް އަނބުރާ ނުފޮނުވައިފި ނަމަ "ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރީ ކަމަށް ބަލައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާން ވާނެ" ކަމަށެވެ.
މިއަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގަ އެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރި ނަމަ މަޖިލިސް އިންތިހާބު ދެން ބާއްވަން ޖެހޭނީ އޭޕްރިލް 20، ވަނަ ދުވަހަށް ފަހުގެ ތާރީހެއްގަ އެވެ.
Comment