Advertisement

ސޯލިހުގެ އެމެރިކާ ދަތުރުގެ ރަސީދުތައް ދޫކުރަން ލަފާދީ، އިސްތިއުނާފު މައްސަލަ ގެންނަނީ

23 ޖުލައި 2024 - 22:10 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބަންޑާރަނައިބު އަހުމަދު އުޝާމް: މެންބަރު އަޒާންގެ ނުރުހުމަށްފަހު އޭޖީ ވަނީ ސޯލިހުގެ އެމެރިކާ ދަތުރުގެ ރަސީދުތައް ނުދޭން އިސްތިއުނާފުކުރި މައްސަލަ އަނބުރާ ގެންދަން ނިންމަވާފަ - ފޮޓޯ: އޭޖީ އޮފީސް


ސޯލިހުގެ އެމެރިކާ ދަތުރުގެ ރަސީދުތައް ދޫކުރަން ލަފާދީ، އިސްތިއުނާފު މައްސަލަ ގެންނަނީ

23 ޖުލައި 2024 - 22:10 0

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ފެންނަ ފައިސާގެ ރަސީދުތައް ނުދިނުމަށް އެދި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ސޯލިހު ކުރެއްވި ދަތުރުގެ ހަރަދު ހޯދަން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު އެވެ.

ރަސީދުތައް ސިއްރުކުރުމަށް އޭރު ރައީސް އޮފީހުން ނިންމުމުން ހައިކޯޓަށް ހުށަހެޅި މި މައްސަލާގައި އެ ކޯޓުން ނިންމީ ބައެއް މައުލޫމާތުތައް އުނިކޮށްފައި ރަސީދުތައް ދޫކުރުމަށެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މި ސަރުކާރުންވެސް ވަނީ، މައުލޫމާތު ސިއްރުކުރަން ސޯލިހުގެ ސަރުކާރުން ނިންމި ނިންމުން ދިފާއުކޮށްފަ އެވެ.

އެކަމާ ގުޅިގެން ޕީއެންސީއަށް ނިސްބަތްވާ މެންބަރު އަޒާން ނުރުހުން ފާޅުކޮށް، ދައުލަތުގެ ސްޓޭންޑު ބަންޑާރަނައިބު އަހުމަދު އުޝާމް ބަދަލުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެއާއެކު މިއަދު ނެރުނު ބަޔާނުގައި ބަންޑާރަ ނައިބު އޮފީހުން ވަނީ ސްޓޭންޑް ބަދަލުކޮށް މައްސަލަ އަނބުރާ ގެންނަން ނިންމާފަ އެވެ.

އެ މައްސަލަ އިސްތިއުނާފުކުރަން ނިންމީ އޭރު ރައީސް އޮފީހުގެ އެދުމުގެ މަތިން ކަމަށާއި އެ މައްސަލާގެ އިސްތިއުނާފު ފޯމު ބާތިލްކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށް ވެސް ބަންޑާރަ ނައިބު އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހައި ކޯޓުން ކުރިން ކުރި ހުކުމާ އެއްގޮތަށް އަޒާން އަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހަށް ލަފާއަރުވާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަޒާން އޭރު ހޯދަން އެދުނީ ތިން މައުލޫމާތަކަށެވެ. އެއީ ދަތުރުކުރެއްވި ވަފުދުގެ ވަކިވަކި ބޭފުޅުންގެ ނަންތަކާއި ޓިކެޓަށް ކުރި ހަރަދުގެ އިތުރުން ހަރަދުގެ ޖުމުލަ އަދަދާއި އެ ހަރަދުތައް ކުރުމަށް ހިންގާފައިވާ ފައިސާގެ ރަސީދެވެ. އޭގެ ތެރެއިން ރަސީދު ފިޔަވައި އެހެން މައުލޫމާތުތައް ދޫކުރި އެވެ.

ރަސީދުތައް ހާމަކުރުމަށް ރައީސް އޮފީހުން އޭރު ދެކޮޅު ހަދާފައި ވަނީ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ނުރައްކާވުމަކީ ވެސް މައުލޫމާތު ހާމަކުރުމުން ކުރިމަތިވުމުގެ އިހުތިމާލު އޮތްކަމެއް ކަން ފާހަގަކޮށެވެ. ހައި ކޯޓުގެ ހުކުމުގައި އުނިކުރަން އެދުނު މައުލޫމާތު ތަކަކީ އެއީ އެވެ.