Advertisement

ކެންޑިޑޭޓުންނަށް ހަދިޔާ ދިނީ އުފެއްދުންތައް ޕްރޮމޯޓް ކުރަން، ޓްވީޓް ކުރީ ހުއްދަ ނެތި: މިފްކޯ

27 ފެބުރުވަރީ 2024 - 20:47 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މަޖިލިސް ކޮމިޓީގައި މިފްކޯގެ ވެރިން ވާހަކަ ދައްކަވަނީ. އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން އަޅާފައިވާ ބައެއް ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ވެސް މި ކޮމިޓީގައި ހިއްސާކުރި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސަ


ކެންޑިޑޭޓުންނަށް ހަދިޔާ ދިނީ އުފެއްދުންތައް ޕްރޮމޯޓް ކުރަން، ޓްވީޓް ކުރީ ހުއްދަ ނެތި: މިފްކޯ

27 ފެބުރުވަރީ 2024 - 20:47 1

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް މިފްކޯއިން ހަދިޔާދީ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާއްމުކުރީ އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ނިޔަތުގައި ނޫން ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.

މިފްކޯއިން ރާއްޖޭގެ ބާޒާރުގައި ވިއްކާ އެކި ބާވަތުގެ މަސްދަޅުތަކާއި އެހެން ބައެއް އުފެއްދުންތައް ހިމެނޭ ޕާރުސަލްތަކެއް، އެކުންފުނީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު، ޕީއެންސީގެ ބައެއް ކެންޑިޑޭޓުންނަށް ހަދިޔާކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާ އެކްސްގައި އެކުންފުނީގެ ރަސްމީ އެކައުންޓުން އާއްމުކުރީ ފެބްރުއަރީ 1، ގަ އެެވެ. ކެންޑިޑޭޓުންގެ ނަމާއި ދާއިރާ ލިޔެ، މަރުހަބާގެ މެސެޖާ އެކު އާއްމުކުރި އެ ފޮޓޯތައް ފަހުން ޑިލީޓް ކުރި އެވެ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެެސްއޯއީ ކޮމިޓީ) އަށް އެ މައްސަލަ ހުށަހެޅުއްވި އެވެ. މިފްކޯއާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރެޓޭޝަން ބޯޑް (ޕީސީބީ)ގެ ވެރިން ހާޒިރުކޮށްގެން އެ ކޮމިޓީން މިއަދު ބައްދަލުވުމެއް ބޭއްވި އެވެ.

އެ ބައްދަލުވުމުގައި މެމްބަރު ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިފްކޯގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ ވިދާޅުވީ ކެންޑިޑޭޓުންނަށް ހަދިޔާ ދިނީ މިފްކޯއަށް ޒިޔާރަތްކުރައްވާ އިތްޒަތްތެެރިންނަށް ހަދިޔާ ދޭ އާއްމު އުސޫލުން ކަމަށެވެ.

"އޭގެ ތެރޭގައި [ހަދިޔާ ފޮށީގެ ތެރޭގައި] މިފްކޯގެ ޕްރޮޑަކްޓްތަކެއް މިހުންނަނީ. އެހެންވީމާ މާކެޓިންގެ ތެރެއިން ކުރެވޭ ކަމެއް އެ ކަމަކީ، މިފްކޯއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ހަމަ ކާޓެސީއެއްގެ ގޮތުގައި ހަވާލުކުރެވޭ އެއްޗެއް،" މުއާޒް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ އެ ދުވަސްވަރު މިފްކޯގެ ސީއީއޯ ބައްދަލުކުރައްވަން ވަރަށް ގިނަ ބޭފުޅުން އެދިވަޑައިގެންނެވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހަމައެކަނި ސަރުކާރުގެ ކެންޑިޑޭޓުންނެއް ވެސް ނޫން ކަމަށެވެ.

"ދެން ސީއީއޯގެ ވަގުތު ހުރި ގޮތަށް ބަލާފައި އެބަހުރި ވަރަށް ގިނަ ބޭފުޅުންނަށް ވަގުތު ދެއްވާފައި،" މުއާޒް ވިދާޅުވި އެވެ.

އެ ބައްދަލުވުންތަކަށް ފަހު ހަދިޔާދޭ ފޮޓޯ އާއްމުކުރީ އެކަަމަށް ހާއްސަކޮށްފައި ތިބޭ މުވައްޒަފުން އަމިއްލައަށް ކަމަށާއި އެގޮތަށް ކަންތައް ނުވާނެ އިންތިޒާމް މިހާރު ހަމަޖައްސާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު ވިދާޅުވީ ހަދިޔާ ދޭ ފޮޓޯތައް ޓްވީޓް ކުރާ ހިސާބަށް ދިޔައީ ބަލަން ޖެހޭ ވަރަށް ނުބެލިގެން ކަމަށާއި (ވެރިންގެ) އެޕްރޫވަލް ވެސް ނުލިބި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެކަހަލަ ކަންކަން ނުހިނގާނެކަން ކަށަވަރުކުރުމަށް ޓަކައި ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން ވަރަށް ގިނަ ބޭބޭފުޅުންގެ ފޯންކޯލްތައް ލިބެމުން ދާން ފެށީމާ އަޅުގަނޑު އެރޭ ޓްވިޓާ ހޭންޑުލް ބަލައިލީވެސް، ބަލައިލީމާ އަޅުގަނޑަށް މީއްޗިހި ފެނުނީމާ ގުޅާފައި ބުނެފިން ވަގުތުން އޭއްޗިހި ހަމަ ޑިލީޓް ކުރަން. އެހެންވީމާ އަޅުގަނޑު ހަމަ އަންގައިގެން އޭއްޗިހި ޑިލީޓް ކުރީ،" ސަމާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފްކޯގެ ވަސީލަތްތައް ބޭނުންކޮށްގެން ވަކި ކެންޑިޑޭޓަކަށް ކެމްޕޭން ކުރަން ވިސްނާފައި ނުވާނެ ކަމަށާ އެއީ މިފްކޯއިން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެހެން ނަމަވެސް ވަރަށް ބޮޑަށް ބޭނުންވާނެ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް އިޝްތިހާރުކޮށް އޭތި މާކެޓްކުރަން، ވީހާ ވެސް ގިނަ ބަޔަކާ ހަމަައަށް އޭއްޗިހި ގެނެސްދޭން،" ސަމާހު ވިދާޅުވި އެވެ.

ހަދިޔާ ދިނުން ތަކުރާރުކޮށް ދިފާއުކުރައްވަމުން އޭނާ ވިދާޅުވީ މިފްކޯގެ އިސްބޭފުޅުން ތަންތަނަށް ޒިޔާރަތްކުރާ އިރު އެ ހަދިޔާ ފޮށި ގެންދިއުމަކީ ވެސް ކުރިން ގެންގުޅުނު އުސޫލެއް ކަމަށެވެ.