Advertisement

އައިސީޖޭގައި ދިވެހިން ތަމްސީލުކުރަނީ އިޓްލޮސްގައި ރާއްޖޭގެ ދިފާއުތައް ނުނެގި ކަމަށް ސަރުކާރުން ބުނާ ވަކީލުން

27 ފެބުރުވަރީ 2024 - 16:32 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖެ ތަމްސީލުކުރާ ދެ ވަކީލުން ކަމަށްވާ އޭމީ ސޭންޑާ އަދި ޑރ. ނައޯމީ ހާޓު : އިޓްލޮސްގައިވެސް މި ދެ ވަކީލުން ރާއްޖެ ތަމްސީލުކުރި -


އައިސީޖޭގައި ދިވެހިން ތަމްސީލުކުރަނީ އިޓްލޮސްގައި ރާއްޖޭގެ ދިފާއުތައް ނުނެގި ކަމަށް ސަރުކާރުން ބުނާ ވަކީލުން

27 ފެބުރުވަރީ 2024 - 16:32 0

ލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގެ މައްސަލާގައި، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގައި ރާއްޖެ ތަމްސީލުކުރަނީ، ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައިވެސް ރާއްޖެ ތަމްސީލުކުރި ދެ ވަކީލުންކަން އިނގިއްޖެ އެވެ.

އިއްޔެ އައިސީޖޭގައި ރާއްޖެ ތަމްސީލް ކުރެއްވީ އިނގިރޭސިވިލާތާއި ވޭލްސްގެ ބާގެ މެންބަރުން، އެސެކްސް ކޯޓް ޗޭމްބާސްގެ ބައިނަލްއަގުވާމީ ދެ ވަކީލުން ކަމަށްވާ އޭމީ ސޭންޑާ އަދި ޑރ. ނައޯމީ ހާޓެވެ.

އެ ވަކީލުން ރޭ އައިސީޖޭގައި ރާއްޖެ ތަމްސީލުކުރިއިރު، ކަނޑުގެ މައްސަލާގައި އިއްޔެ އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވަނީ އިޓްލޮސްގައި ކުރިއަށްދިޔަ މައްސަލާގައި އޭރުގެ ގާނޫނީ ޓީމުން ނެގި ދިފާއުގެ ސަބަބުން އެ މައްސަލަ އިސްތިއުނާފުކުރަން ގޮންޖެހުންތަކެއް ހުރި ކަމަށް ވަނީ ބުނެފަ އެވެ.

"މައްސަލައިގައި ނިމިދިޔަ ސަރުކާރުން ނަގާފައިވާ ދިފާއުތަކުގެ ސަބަބުންނާއި، އެ މައްސަލައިގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ގޮންޖެހުންތަކެއް [އެބަ] ހުރި," އިއްޔެ އޭޖީއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރުން މިހެން ބުނެފައިވާއިރު، އެ ދިފާއުތައް ނަގާ އިޓްލޮސްގައި ވަކާލާތު ކުރި ވަކީލުންގެ ޓީމުގައި، އިއްޔެ އައިސީޖޭގައި ވަކާލާތުކުރި ދެ ވަކީލުން ހިމެނޭކަން އޭޖީ އޮފީހުގެ އެކްސް އެކައުންޓުން 2020 އަދި 2022 ގައި ކުރި ޕޯސްޓުތަކުން ފެންނަން އެބަހުއްޓެވެ.

އިޓްލޮސްގެ ނިންމުމާއެކު އޭރު އިދިކޮޅުން އުފެއްދި ޗާގޯސް ކޯލިޝަނުން އޭރުގެ އެންމެ ބޮޑަށް ފާޑުކީ ދިވެހި ސަރުކާރުން އެ ކޯޓުގައި ވަކާލާތުކުރި ގޮތާ މެދު އެވެ. އެ މައްސަލާގައި އޭރުގެ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް މަޖިލީހަށް ވެއްދި އެވެ. އަދި ސަރުކާރުގެ ތަމްސީލުކުރި ވަކީލުންގެ ޓީމަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔެވެ.

ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުގެ މައްސަލާގައި އިޓްލޮސްއިން ކުރި ހުކުމް އިސްތިއުނާފުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް މި މަހުގެ 25 ގައި ސަރުކާރަށް 100 ދުވަސް ވީއުރު އެކަން ކުރެވިފައެއް ނުވެ އެވެ.

މި މައްސަލާގައި އިއްޔެ އޭޖީއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިޓްލޮސްއިން ގޮތް ނިންމުމަށް ރިއާޔަތްކުރި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ ލަފަޔަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އެއަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއް ނޫން ކަމުގަ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕިނިއަންއަކީ އެއަށް އަމަލުކުރަން ލާޒިމު ނިންމުމެއް ނޫން ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް އިޓްލޮސްއިން ވަނީ އިބްތިދާއީ މަރުހަލާގައި މިކަމާ މެދު ގޮތް ނިންމާފަ އެވެ. އެހާތަނަށް ދިވެހި ސަރުކާރުން ވަކާލާތުކުރަމުން އައީ ވެސް އެ ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.