Advertisement

މާޗު މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ޑޮމެސްޓިކް ރޭޓަށް ބަދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

27 ފެބުރުވަރީ 2024 - 09:55 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ކުޅުދުއްފުށީގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ މިސްކިތްތަކަށް ކަރަންޓު ބިލު ކުރާ ރޭޓު ބަދަލުވުމުން ސްޓެލްކޯ އާއި ފެނަކައަށް މިލިއަނުން ގެއްލުންވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


މާޗު މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ޑޮމެސްޓިކް ރޭޓަށް ބަދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

27 ފެބުރުވަރީ 2024 - 09:55 0

އަންނަ މާޗް މަހުން ފެށިގެން މިސްކިތްތަކަށް ކަރަންޓު ބިލު ކުރާނީ ގަވަމަންޓް ރޭޓުގެ ބަދަލުގައި ޑޮމެސްޓިކް ރޭޓުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ބޯމަތިވެފައި އޮއްވައި ބައެއް ރަށްތަކަށް ރައީސް ކުރައްވާ ދަތުރުތަކުގައި ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަގުހެޔޮ ރޭޓެއްގައި މިސްކިތްތަކަށް ކަރަންޓުގެ ލިބޭ ގޮތެއް ހޯދުމަށް ވަރަށް ގިނަ ކައުންސިލްތަކުން އެމަނިކުފާނު ގާތު އެދޭ ކަމަށެވެ.

"ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި މި އަންނަ މަހުން ފެށިގެން ކައުންސިލްތަކުން ކަރަންޓަށް ކުރަންޖެހޭ ހަރަދުތަކުގެ ތެރެއިން ހުރިހާ ރަށެއްގައި، އެއީ މާލެ ސިޓީ ވެސް މި ސިޓީ ވެސް، ހުރިހާ ސިޓީއަކާއި ހުރިހާ ރަށެއް ހިމެނޭ ގޮތަށް، ހުރިހާ ރަށެއްގެ މިސްކިތްތަކަށް, މިސްކިތްތަކުގެ ކަރަންޓު ހަރަދު އެ ކަރަންޓަށް ދައްކަންޖެހޭ ބިލުގައި މިހާރު އެ ދައްކަންޖެހެނީ ގަވަމަންޓު ރޭޓު ކިޔާ ރޭޓެއްގައި އެ ރޭޓުގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ތިރިކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

މިސްކިތްތަކަށް ބިލު ކުރާ ރޭޓު ބަދަލު ކުރަން ނިންމެވީ ސްޓެލްކޯ އަދި ފެނަކައިގެ ވެރިންނާ އެމަނިކުފާނު ވާހަކަ ދެއްކެވުމަށްފަހު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގާތު ވަރަށް ގިނަ ކައުންސިލްތަކުން އެ ވާހަކަ ދެއްކެވި. މިއަށް އެދެވޭ ހައްލެއް ގެނެވޭނެތޯ. އަޅުގަނޑު ދެން ސްޓެލްކޯ އާއި ފެނަކައާ އެ ދެ ތަނުގެ ވެރިންނާ ވާހަކަ ދައްކައިފިން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިސްކިތްތަކަށް ކަރަންޓު ބިލު ކުރާ ރޭޓު ބަދަލު ކުރުމުން ސްޓެލްކޯ އާއި ފެނަކަށް އެތައް މިލިއަން ރުފިޔާއަކުން ގެއްލުންވާނެ ކަމަށެވެ.

"ދެން އެތައް މިލިއަން ރުފިޔާއެއް ފެނަކަ އާއި ސްޓެލްކޯއަށް ގެއްލޭނެ، ހާއްސަކޮށް ފެނަކައަށް. ދެން އަޅުގަނޑުމެން ފެނަކައަށް އެހެން އުސޫލަކުން އެމީހުންނަށް އާމްދަނީ ހޯދައިދޭނެ ގޮތްތަކެއް ހޯދައިދޭނަން،" ރައީސް ވިދާޅުވި އެވެ.

މިސްކިތްތަކަށް ކަރަންޓު ބިލު ކުރާ ރޭޓު ބަދަލު ކުރަން ރައީސް ނިންމެވިއިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ހޫނު ގަދަ ކްލާސްރޫމްތައް ފިނިގަދަ ކުރަން އަންގަވާފައިވާނެ ކަމަށް ވެސް ރައީސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

"އާދެ، އަޅުގަނޑު މިހާރު ވާނީ އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިގޮތަށް ހުރި ސްކޫލް، ކްލާސް ރޫމްތަކުގެ މާހައުލު ރަނގަޅުކޮށްދޭން. އެއީ، އޭސީ ހަރުކޮށްގެން، ނޫނީވިއްޔާ ފިނިކުރެވޭނެ ކޮންމެވެސް ކަހަލަ ނިޒާމަކުން ފިނިކުރުމަށް. ވަރަށްގިނަ ސްކޫލްތަކުން އާދޭ ރިކްއެސްޓް. އެހެންވީމާ، އެ މަސައްކަތް އެބަ ކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.