Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަދަ 16 ގައި ކިންގުންގެ ވާދަވެރިކަން ބޮޑު، އާ ތަރިން ވެސް ގިނަ!

27 ފެބުރުވަރީ 2024 - 08:45 1

އަތޫފް އާތިފް

އަތޫފް އާތިފް

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ގާފަރު ޓީމުގެ ރިމާހު (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަދަ 16 ގައި ކިންގުންގެ ވާދަވެރިކަން ބޮޑު، އާ ތަރިން ވެސް ގިނަ!

27 ފެބުރުވަރީ 2024 - 08:45 1

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ފޯރިގަދަ ހިސާބު މިރޭ ފެށިގެންދާނެ އެވެ. މިރޭ ގަދަ 16 ގެ މެޗުތައް ކުޅޭއިރު, މި މެޗުތަކުން ބަލިވާ ޓީމަކަށް އޮތީ މުބާރާތުން ވަކިވުމެވެ. އެހެންވެ މިރޭ ކޮންމެ ޓީމަކުންވެސް ނުކުންނާނީ އިދިކޮޅު ޓީމު ބަލިކޮށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކުރަންކަން ޔަގީނެވެ.

ދިވެހިރާއްޖެ އިން ހޮވާލެވުނު އެންމެ ވަރުގަދަ 16 ޓީމުތަކުގެ ތެރެއިން އަށް ޓީމު މިރޭ މުބާރާތުން އަލްވަދާއު ކިޔާނެ އެވެ. މިރޭގެ މެޗުތައް ފޯރިގަދަވާ އަނެއް ސަބަބަކީ މިއިން ކޮންމެ ޓީމެއްގައި ކަހަލަ ގޮތަކަށް ފުޓްސަލްގެ ތަރިން ހިމެނެ އެވެ. ނުވަތަ މި ޓީމުތަކަކީ ފުޓްސަލް ކިންގުން ތިބި ޓީމުތަކެކެވެ. އެއާއެކު މި 16 ޓީމުން މި ފަހަރު އަރަމުން އަންނަ ޒުވާން ގިނަ ކުޅުންތެރިންތަކެއްގެ ކުޅުން ފެނިއްޖެ އެވެ. ފުޓްސަލްގެ މުސްތަގުބޮލު އުޖާލާކަން ހާމަވެއްޖެ އެވެ.

ލ. ގަން - ހުސެއިން ޝަރީފް (އޮންލީ)

އޮންލީ ނުދަންނަ ކުޅިވަރުގެ ހާއްސަކޮށް ފުޓްސަލްގެ މީހަކު ނުހުުންނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ގަމުގެ ކެޕްޓަން އޮންލީ އަކީ އެންމެ ފަހުގެ މުބާރާތުގެ ކިންގެވެ. މި ފަހަރުގެ މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ގަމު ޓީމާއެކު ދައްކަމުން އަންނަ އޮންލީ އަށް މި ފަހަރުގެ މުބާރާތުގައި އޮތީ ބޮޑު ދެ ޗެލެންޖެވެ. އެއީ ގަމާއެކު ދެވަނަ ފަހަރަށް ގޯލްޑަންގެ ތަށި އުފުލާލުމާއި މުބާރާތުގެ ކިންގުގެ މަގާމު ދިފާއު ކުރުމެވެ.

އަދަދާ ވާހަކަ ދައްކަމުން އޮންލީ ބުނީ މި ފަހަރުގެ މުބާރާތް ފެށިގެން ބަލި ޓީމެކޭ ބުނާވާރު ޓީމަކާ ނުކުޅެވޭ ކަމަށެވެ. ހާއްސަކޮށް ލ އަތޮޅު ޓީމުތަކުން ދިން "ފައިޓް" އޮންލީ ފާހަގަ ކުރި އެވެ. އެހެންވެ ލ. ގަން ޓީމުން އޮތީ މުބާރާތުގެ ގަދަ 16 އަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އޮންލީ ބުންޏެވެ.

ނައިވާދޫ - އަބްދުالله ޝާފިއު (ޝާއްޕެ)

ނައިވާދޫ އަކީ މި މުބާރާތުގެ މި އަހަރުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ. ހާއްސަކޮށް އަތޮޅު ބުރާއި ޒޯން ބުރުގައި ނައިވާދޫ އިން ދެއްކި މޮޅު ކުޅުމާއެކު އެ ޓީމުން މި ފަހަރުގެ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެކަމަކު ޒޯން ތަށި ނުލިބުމާއެކު ނައިވާދޫ އަށް ކޮންމެސް ވަރެއްގެ އަސަރުތަކެއް އެކަމުން ކުރާނެ ކަމަށް ގަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ.

އެކަމަކު މި ހުރިހާ ކަމަކާއެކު ވެސް އެ ޓީމުން ނަތީޖާ ނެރެން ބޭނުނުންވެއްޖެ ހާލަތުގައި އޭނާގެ ހުނަރުން އެކަން ކުރެވޭނެ ވަރުގެ ކުޅުންތެރިއަކު ނައިވާދޫގެ ސްކޮޑުގައި އެބަހުއްޓެވެ. އެއީ ނައިވާދޫ ޓީމަށް ލިބޭނެ ހިތްވަރެކެވެ. ހދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ޒޯން އެކެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝާއްޕެ އަކީ ފުޓްސަލް ދަނޑުތަކަށް އާ ނަމެއް ނޫނެވެ. ކިންގުންގެ ތެރޭގައި ގުނާލެވޭ ޝާއްޕެ ގަމާއި ދެކޮޅަށް ނައިވާދޫ ނުކުންނަ މެޗަށް ތައްޔާރުވާނީ ކަށިން ހިތްވަރުނެރެ އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށް ކުއާޓާގެ ޖާގަ ޔަގީންކުރުމުގެ އަޒުމުގައި ކަން ކަށަވަރެވެ.

އއ. މަތިވެރި - އަލީ އަލްސަން

އއ. އަތޮޅު ޗެމްޕިއަން ކަމާއި ޒޯން ހަތަރެއްގެ ޗެމްޕިއަންކަން މަތިވެރިން ހޯދިއިރު, އެ ޓީމަށް ނަތީޖާތައް ނެރެދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އުމުރުން 18 އަހަރުގެ އަލީ އަލްސަން އެވެ. އުމުރުން ކިތަންމެ ހަގަސް އަލްސަން އަކީ އިދިކޮޅު ޓީމުން ސަމާލުވާން ޖެހޭ ވަރުގެ ކުޅުންތެރިއެކެވެ. އެކަން އެނާ ވަނީ މި ފަހަރުގެ މުބާރާތުގައި ސާބިތު ކޮށްދީފަ އެވެ. ޒޯން ހަތަރެއްގެ ވަރުގަދަ ޓީމުތައް ކަމަށްވާ މާމިގިލި އަދި ފުޓުބޯޅައަށް މަރުދޭ މަހިބަދޫ ބަލިކުރުމުގައި ތަފާތަކަށްވީ އަލްސަން އެވެ.

"އެންމެ ބޮޑު ހިތްވަރެއް އަސްލު މިލިބެނީ މަތިވެރި ސަޕޯޓަރުންގެ ފަރާތުން. ބޭނުން ވަނީ މަތިވެރި ސަޕޯޓަރުންނަށް ބޮޑު އުފަލެއް ހަދިޔާ ކުރަން މިހާރުގެ އަމާޒަކީ ގޯލްޑަންގެ ތަށި" އަލްސަންގެ އަމާޒާ ބެހޭ ގޮތުން އަދަދަށް ބުންޏެވެ.

ފ. ބިލެތްދޫ - މުހައްމަދު ޒީދާން ޒުހުރީ

މި ފަހަރުގެ މުބާރާތުގައި އެންމެ ސަޕްރައިޒިން ޓީމުގެ ގޮތުގައި ފެންނަނީ ފ. އަތޮޅު ބިލެތްދޫ އެވެ. ފުޓުބޯޅަ އަދި ފުޓްސަލްގައި ވެސް ވަރުގަދަ ނަމަކަށްނުވި ނަމަވެސް ބިލެތްދޫ ޓީމުން މި ފަހަރުގެ މުބާރާތައް ކުރިމަތިލީ ކުރިއަށްވުރެ ބޮޑު ކާމިޔާބީ އެއް ހޯދުމުގެ އަޒުމުގަ އެވެ. އެކަން އެ ޓީމަށް ހާސިލްވެއްޖެ އެވެ. އެކަމަކު ގަދަ 16 އާއި ބިލެތްދޫ އިން ކުރިމަތިލަނީ އަދިވެސް އިތުރު ކާމިޔާބީ ހޯދަންށެވެ.

ޓީމެއްގެ ގޮތުަގައި ކުލެމުން އަންނަ ބިލެތްދޫ ޓީމުން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އެކަމަކު އެގެ ތެރެއިންވެސް މުހައްމަދު ޒީދާން ޒުހުރީ ވަކިން ތަފާތެވެ. ޓީމަށް ބޭނުންވާ ދަނޑިވަޅުތަކުގައި މުހިންމު ގޯލުތަކެއް މި ފަހަރުގެ މުބާރާތުގައި އޭނާ ވަނީ ޖަހާފަ އެވެ. އަދި މި ވަގުތު އޭނާ ހުރި ފޯމަކީ ބިލެތްދޫ ޓީމަށް ނަތީޖާ ނެރުމަށް މުހިންމު މެޗުތަކުގައި ލިބޭނެ ހިތްވަރެކެވެ.

ރ. ދުވާފަރު - މުހައްމަދު އިޝާމް (ޝަންޓެ)

ވަރުގަދަ މެޗުތަކަކަށްފަހު ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ދުވާފަރު ޓީމަށް ޒޯން ބުރުގައި ވެސް ހިންދެމިލެވޭނެ ގޮތެއް ނުވި އެވެ. އެކަމަކު މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުން އައިސް ދުވާފަރުން ޒޯން ޗެމްޕިއަންކަން ހޯދީ ޒޯން ބުރުގައި އެ ޓީމުގެ މައްޗަށް ކުރިހޯދި ކެނދިކުޅުދޫ ބަލިކޮށެވެ. ޒޯން އަދި އަތޮޅު ބުރުގައި ވެސް ދުވާފަރުގެ ތަފާތަކަށްވީ އެ ޓީމުގެ ކެޕްޓަން ޝަންޓެ އެވެ.

ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިިން ހިމެނޭ ދުވާފަރު ޓީމަށް އޮތް އެންމެ ބޮޑު އިތުބާރަކީ ވެސް ޝަންޓެ އެވެ. މި ފަހުން އެކި މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޝަންޓެ މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވެސް އަންނަނީ އެ ކުޅުން ތަކުރާރު ކުރަމުންނެވެ. ނަތީޖާއަކީ ޝަންޓެ އަކީ ޒޯން ދޭއްގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެ އެވެ.

ވިލިމާލެ - އަލީ ޝިޔާޙް

ތަރިން ގިނަ ޓީމެއްގެ ގޮތުގައި ފާހަގަކުރެވޭ ވިލިމާލެ ސްކޮޑަކީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށްވުރެ މޮޅޭ ބުނަން އުނދަގޫ ސްކޮޑެކެވެ. އެކަމަކު ޒޯން ބުރުގައި މާފަންނަު އަތުންވި ބައްޔާއެކު ގިނަ ބަޔަކަށް ހައިރާންކަން ގެނުވި އެވެ. އެކަމަކު ވިލިމާލެ ކުޅުންތެރިން ބަލަނީ އެއީ އެ ޓީމަށް ލިބުނު ފިލާވަޅެެއް ކަމަށެވެ.

ޒޯން ބުރުގައި ވިލިމާލެ ޓީމުގެ އެޓޭކުގެ އިތުރުން ޑިފެންސްގައި އެ ޓީމުގެ ތަރިއަކަށްވީ އަލީ ޝިޔާހް އެވެ. ވިލިމާލެ އިން ގަދަ 16 ގެ މެޗަށް މިރޭ ނުކުންނައިރު, އެ ޓީމުން އެންމެ ބޮޑަށް ބުރަ ވާނީ ޝިޔާގެ ކުޅުމަށްކަން ޔަގީނެވެ.

ސ. ހިތަދޫ - ހާޒިމް ފައުޒީ

މިއީ ހިތަދޫ އިން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް އެ ޓީމު ދައްކާ ކުޅުމުން އެ ޓީމަކީ މި މުބާރާތައް އާ ޓީމެކޭ ނުބުނެވޭނެ އެވެ. ހިތަދޫ އިން ގަދަ 16 ޓީމުގެ ތެރޭގައި ހިމެނުނީ އަތޮޅު ޗެމްޕިއަންގެ އިތުރުން ޒޯން ޗެމްޕިއަންވެސް ހޯދުމަށްފަހު އެވެ.

ހިތަދޫ އިން ޒޯން ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް ގދ. ވާދޫ ބަލިކޮށް ފައިނަލުގެ ޖާގަ ހޯދާ ފުވައްމުލަކު ސިޓީ ދަޑިމަގު ބަލިކޮށެވެ.

އަތޮޅު އަދި ޒޯން ބުރުގައި ވެސް އެ ޓީމުގެ ތަފާތަކަށްވީ ކެޕްޓަން ހާޒިމް ފައުޒީ އެވެ. ބަލިވާން ޓީމު ދިޔަ ނަމަވެސް ހާޒިމްގެ ފަރާތުން ފެނުނީ ހިތްވަރު އެލުވާނުލާ ކުޅެ މުހިންމު ގޯލުތަކެއް ޖެހި ތަނެވެ.

އދ. މާމިގިލި - އިބްރާހިމް މައިޝާން

ޒޯން ބުރުގައި މާމިގިލި ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަ އެވެ. އަނިޔާގެ ސަބަބުން ގަދަ 16 ގައި މިރޭ ހިތަދޫ އާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް މާމިގިލީގެ ގިނަ ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. މިއީ މާމިގިލި ޓީމަށް ލިބުނު ފޫ ނުބެއްދޭނެ ވަރުގެ ގެއްލުމެކެވެ. އެކަމަކު މާމިގިލި ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަށް ބެލިޔަސް ކޮންމެ ވަގުތަކުވެސް ނަތީޖާ ނެރެދެވޭނެ ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ މައި އެވެ. މި މުބާރާތުގައި ވެސް މައި ވަނީ މުހިންމު ދަނޑިވަޅުތަކުގައި މާމިގިލި ސަލާމަތް ކޮށްދީފަ އެވެ.

ކ. ގާފަރު - އިބްރާހީމް ރިމާހު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތައްޓަށް ވާދަކުރާ ޓީމުތަކުގެ ތެރޭގައި ގާފަރަކީ އަބަދުވެސް ހިމެނޭ ޓީމެކެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ގާފަރަށް މި ޝަރަފުވެރި ތަށީގައި އަތްލެވޭ ގޮތް ވަނީ ނުވެފަ އެވެ.

ވަރުގަދަ ސްކޮޑަކާއެކު މި ފަހަރުގެ މުބާރާތައް ވެސް ގާފަރުން ނުކުތީ ތަށި ހޯދުމުގެ އަޒުމުގަ އެވެ. މި ފަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ގާފަރު ޓީމުގެ މައި އެއް ތަނބަކީ ރިމާހު އެވެ. މި ފަހަރުގެ މުބާރާތުގެ ރަން ބޫޓަށްވެސް ވާދަކުރާ ރިމާހު ވަނީ ގާފަރުން އަތޮޅު ބުރުގައި އަދި ޒޯން ބުރުގައި ކުޅުނު މެޗުތަކުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ދަޑިމަގު - ސާދު

ވަރުގަދަ ސްކޮޑަކާއެކު މި ފަހަރުގެ މުބާރާތައް ނުކުތް ދަޑިމަގަކީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ. ހާއްސަކޮށް ޒޯން ބުރުގައި އެ ޓީމުން ދެއްކި ކުޅުމަކީ އެ ޓީމާމެދު ގިނަ ބަޔެއްގެ އުންމީދު އާވި ކުޅުމެކެވެ. އެހެން ނަމަވެސް ހިތަދޫ އަތުން ޒޯން ފައިނަލުގައި ބަލިވި ބަލި ހަނދާން ނައްތާލާ ކުއާޓާއިން ޖާގަ ހޯދަން ދަޑިމަގު ކުޅުންތެރިން ތިބީ އެއް ރޫހެއްގައެވެ.

ކުޑަހުވަދޫ - ޖުމައިލް ޖަމީލް (ޖުމްބެ)

މި މުބާރާތުގެ ސެމީ ފައިނަލަށް މިދިޔަ ދެ އަހަރުވެސް ދަތުރުކުރި އެއް ޓީމަކީ ކުޑަހުވަދޫ އެވެ. އެހެން ނަމަވެސް ފައިނަލުގެ ފުރުސަތެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. އެހެންވެ މި މުބާރާތައް ކުޑަހުވަދޫ ޓީމުން ނުކުތީ ފައިނަލަށް ދިޔުމުގެ އަޒުމުގަ އެވެ. އެކަން ހާސިލް ކުރުމަށް ކުޑަހުވަދޫ އަށް މިރޭ ޒޯން ދޭއްގެ ރަނަރަޕް ކެނދިކުޅުދޫ ބަލިކުރުން ނޫން ގޮތެއް ނެތެވެ.

ތަޖުރިބާކާރު ކުޅުންތެރިންގެ އިތުރުން ޒުވާން ގިނަ ކުޅުންތެރިންތަކެއް މި ފަހަރުގެ ސްކޮޑުން ފެންނައިރު, އޭގެ ތެރެއިންވެސް އެއް ކުޅުންތެރިއަކު ފާހަގަވެ އެވެ. އެއީ ޖުމްބެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގަދަ 16

އއ. މަތިވެރި - ފ. ބިލެތްދޫ : 20:00 (ގްރައުންޑް 1)

ހދ. ނައިވާދޫ - ލ. ގަން : 20:00 (ގްރައުންޑް 2)

ރ. ދުވާފަރު - ވިލިމާލެ (މާލެ ސިޓީ) : 21:00 (ގްރައުންޑް 1)

ސ. ހިތަދޫ - އދ. މާމިގިލި : 21:00 (ގްރަންޑް 2)

ކ. ގާފަރު - ދަޑިމަގު (ޏ.ފުވައްމުލަކު) : 22:00 (ގްރައުންޑް 1)

ދ. ކުޑަހުވަދޫ - ނ. ކެނދިކުޅުދޫ : 22:00 (ގްރައުންޑް 2)

ހއ. އުތީމު - ތ. ތިމަރަފުށި : 23:00 (ގްރައުންޑް 1)

މާފަންނު (މާލެ ސިޓީ) - ބ. އޭދަފުށި : 23:00 (ގްރައުންޑް 2)