Advertisement

ރާއްޖޭގެ ބަސް އައިސީޖޭގައި އިއްވައިފި: ވަކާލާތު ކުރީ އިޒްރޭލުން ފެނަށް ދަތިކުރާ މައްސަލައިގައި

26 ފެބުރުވަރީ 2024 - 22:06 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އައިސީޖޭގެ އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ސާކިރު ބަޔާން ދެއްވަނީ - ފޮޓޯ: ސްކައި ނިއުސް ލައިވްގެ ވީޑިއޯ ޝޮޓެއް


ރާއްޖޭގެ ބަސް އައިސީޖޭގައި އިއްވައިފި: ވަކާލާތު ކުރީ އިޒްރޭލުން ފެނަށް ދަތިކުރާ މައްސަލައިގައި

26 ފެބުރުވަރީ 2024 - 22:06 0

ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގެ މައްސަލާގައި، އދ. ގެ އާންމު މަޖިލީހުން ނެރުނު ގަރާރެއްގެ ދަށުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފައަކަށް އެދިފައިވާތީ އެ ކޯޓުން ހިންގާ ޝަރީއަތަށް ރާއްޖޭން ބަޔާން ދީފި އެވެ.

މިރޭ ރާއްޖެ ގަޑިން 8:00 ޖަހާކަށް ހާއިރު ކުރިއަށް ދިޔަ އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވީ، ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއިޝަތު ޝާން ޝާކިރެވެ.

ސަފީރު އާއިޝަތު ޝާން ޝާކިރުގެ ބަޔާނުގައި އަލިއަޅުއްވައިލެއްވީ، އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ފަލަސްތީނުގައި ގާއިމު ކުރުމަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކޮށް ޒަމާނުއްސުރެން ރާއްޖޭން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ މައްޗަށެވެ.

މިއީ ރާއްޖޭގެ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެންމެ އިސްކަމެއް ދެއްވާ މައްސަލަ ކަން ފާހަގަ ކުރެއްވި އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އަހަރުތަކެއް ވަންދެން ދެމިގެން ގޮސްފައިވާ މި މައްސަލައަށް އައިސީޖޭ މެދުވެރިކޮށް އިންސާފު ހޯދުމަށް ލިބިގެންދާ މިއީ މުހިންމު ދަނޑިވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި 1967 ގެ ކުރިން ކަނޑައެޅިފައި އޮތް ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅަން ގޮވާލެއްވި އެވެ. އެ ގައުމު އިޒްރޭލުގެ އަތްދަށުން މިނިވަންކޮށް، މިނިވަން ދައުލަތެއް ގާއިމު ކުރަން ފުރުސަތު ދިނުމަކީ އެ ސަރަހައްދަށް ހަމަޖެހުމާއި އަމާން ކަން ގެނެސްދެވޭން އޮތް ގޮތް ކަމަށް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.

އެ އަޑުއެހުމުގައި ރާއްޖެ ތަމްސީލް ކުރައްވާ ބައިނަލް އަގުވާމީ ވަކީލުން ވެސް ބަޔާނެއް ދެއްވި އެވެ. ރާއްޖެ ތަމްސީލް ކުރެއްވީ އިނގިރޭސިވިލާތާއި ވޭލްސްގެ ބާގެ މެންބަރުން، އެސެކްސް ކޯޓް ޗޭމްބާސްގެ ބައިނަލްއަގުވާމީ ދެ ވަކީލެކެވެ. އެއީ އޭމީ ސޭންޑާ އަދި ޑރ. ނައޯމީ ހާޓެވެ.

ގާނޫނީ ވަކީލު އޭމީ ސޭންޑާގެ ބަޔާނުގައި އެންމެ ބޮޑަށް އަލިއަޅުއްވައިލައްވައި ފާހަގަކުރެއްވީ އެންމެ އަސާސީ އެއް ޒަރޫރަތު ކަމަށްވާ ފެނުގެ ވަސީލަތްތަކަށް އިޒްރޭލުން އަމަލު ކުރަމުންދާ ގޮތެވެ. އިޒްރޭލުން ގެންގުޅޭ ސިޔާސަތުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ފުށު އަރާ ސިޔާސަތެއް ކަން ވިދާޅުވި އެވެ. އޭގެ ގާނޫނީ ތަފްސީލްތައް އޭނާ ކިޔައިދެއްވި އެވެ.

ރާއްޖޭން ވަނީ ފަލަސްތީނުން އިޒްރޭލުން ހިނގަމުންދާ އަމަލަކީ ވަކި ނަސްލަކާ ދެކޮޅަށް އިންސާނީ ހައްގުތަކާއި ސިޔާސީ ހަމަތަކާ މުޅީން ހިލާފަށް ހިންގާ "އެޕާތައިޑް" އެއް ގޮތަށް ސިފަކޮށްފަ އެވެ.