Advertisement

ކާޑު ގެންނަން އެހެން ގައުމަކާއެކު އެއްބަސްވުމެއް ނެތް: އެސްޓީއޯ

27 ފެބުރުވަރީ 2024 - 08:48 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެސްޓީއޯ ކާޑު ގުދަން -- ފޮޓޯ: އިޔާން/އަދަދު


ކާޑު ގެންނަން އެހެން ގައުމަކާއެކު އެއްބަސްވުމެއް ނެތް: އެސްޓީއޯ

27 ފެބުރުވަރީ 2024 - 08:48 1

ރާއްޖެއަށް ކާޑު ގެނައުމަށް އިތުރު ގައުމަކާއެކު އެގްރީމެންޓެއް ހަދާފައި ނެތް ކަމަށް ސްޓޭޓް ޓްރޭޑިން އޮގައިނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިން އޮފިސާ ޔޫސުފް ޝާހު ވިދާޅުވީ، ކާޑު ގެނައުމަށް އެސްޓީއޯއިން އެހެން ގައުމަކާއިއެކު އެއްބަސްވުމެއް ވެފައި ނުވާނެ ކަމަށާއި ޓްރޭޑް އެގްރީމެންޓުގެ ދަށުން އެ ކުންފުނިން ކާޑު ގެންނަނީ އިންޑިއާއިން ކަމަށް ޝާހް ވިދާޅުވި އެވެ.

"އެސްޓީއޯއިން ކާޑު ގެންނަން ޓްރޭޑް އެގްރީމެންޓް ހަދާފަ އިންނަނީ އިންޑިއާއާއެކޮށް. އެހެން ގައުމަކާއެކު އެކަހަލަ އެއްބަސްވުމެއް ނެތް،" ޝާހު ފާހަގަކުރެއްވި އެވެ.

ކާޑު ގެނައުމަށް ވަކި ގައުމަކަށް ބަރޯސާ ވުމުގެ ބަދަލުގައި މިހާރު ތުރުކީއާއެކު ވެސް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޖެނުއަރީ 13، ގައި ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ބޭސިކް ކޮމޯޑިޓީޒް، ހަނޑޫ، ހަކުރު، ފުށް މިހާރު އެންމެ ދިމާއަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ ތުރުކީއާ އެކީގައި އެއްބަސްވުމުގައި ސޮއިކުރެވިފައި މިހާރު. ހަނޑޫ، ހަކުރު، ފުށާއި، އެކިއެކި ބާވަތްތައް، ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ބޭނުންވާވަރުގެ އިތުރަށް، 10 ޕަސެންޓް ލާފައި މިހާރު ވާނީ އެއްބަސްވުން ހެދިފައި،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައިވާކަމަށާއިި މި ފެބުރުވަރީ މަހުގެ ތެރޭގައި އެ ޝިޕްމަންޓު ރާއްޖެ އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ހަނޑޫ، ހަކުރު، ފިޔާ، ބިސް، އަދި އަލުވި، މފަދަ ތަކެތި އެކި ގައުމުތަކުން ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.