Advertisement

ވައުދާ އެއްގޮތަށް 100 ދުވަސް ތެރޭ ކަނޑުގެ މައްސަލަ އިޓްލޮސްގައި އިސްތިއުނާފެއް ނުކުރެވުނު

26 ފެބުރުވަރީ 2024 - 16:18 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބަންޑާރަނައިބު އަހުމަދު އުޝާމު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު : ވައުދާ އެއްގޮތަށް 100 ދުވަސް ތެރޭ ކަނޑުގެ މައްސަލަ އިޓްލޮސްގައި އިސްތިއުނާފެއް ނުކުރެވުނު - ފޮޓޯ: ރައީސް އޮފީސް


ވައުދާ އެއްގޮތަށް 100 ދުވަސް ތެރޭ ކަނޑުގެ މައްސަލަ އިޓްލޮސްގައި އިސްތިއުނާފެއް ނުކުރެވުނު

26 ފެބުރުވަރީ 2024 - 16:18 0

ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރާނެ ކަމަށް މި ސަރުކާރުން ވީ ވައުދެއް ނުފުއްދުނެވެ.

ނޮވެމްބަރު 15، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނުގައި ވަނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަަށް ހުށަހަޅާނެ ކަމަށް ބަޔާންކޮށްފަ އެވެ.

ނަމަވެސް އެ މައްސަލާގައި މިއަދު އޭޖީ އޮފީހުން ނެރުނު ބަޔާނުގައި، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރަން ހުށަހެޅުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރަމުން ބުނީ ކުރީ ސަރުކާރުން މިކަމުގައި އަމަލުކުރީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް މި މައްސަލަ ދިރާސާކުރި ހަބީރުން ބުނެފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލާގައި ގޮތް ނިންމުމަށް ރިއާޔަތްކުރި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އެއަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއް ނޫންކަމުގައި އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެ އެވެ.

"ކަމާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށްޓަކައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ކަންކަން މި އޮފީހުން މިއަންނަނީ ކުރަމުން،" އެ ބަޔާނުގައިވެ އެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލާގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން އެ މަޖިލީހަށް ހުށަހަޅާ ނިންމާ ގޮތެއް ފަހުން ހާމަކުރާނެ ކަމަށެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕިނިއަންއަކީ އެއަށް އަމަލުކުރަން ލާޒިމު ނިންމުމެއް ނޫން ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް އިޓްލޮސްއިން ވަނީ އިބްތިދާއީ މަރުހަލާގައި މިކަމާ މެދު ގޮތް ނިންމާފަ އެވެ. އެހާތަނަށް ދިވެހި ސަރުކާރުން ވަކާލާތުކުރަމުން އައީ ވެސް އެ ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް އިޓްލޮސްގެ ފަނޑިޔާރުންގެ ބެންޗުން ނިންމީ އެ ޓްރައިބިއުނަލުން އައިސީޖޭގެ ނިންމުން ބަލައިގަނެ، ގޮތް ނިންމާނީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ބަލައިގެން ކަމަށެވެ. ފަހުން އެ ކޯޓުގައި ކުރިއަށް ދިޔައީ ކަނޑު ބައިކުރާނެ ގޮތަކާ މެދު ދެ ގައުމަށް އެއްބަސްނުވެވުމުން، އިޓްލޮސްއާ ގުޅޭ ޔުނިއިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީސް (އަންކްލޮސް) މުއާހަދާގައި ބަޔާންކުރާ އިކުއިޑިސްޓެންސް އުސޫލުން ކަނޑު ބައިކުރާނެ ގޮތާ ގުޅޭ މައްސަލަ އެވެ.