Advertisement

އަނަސްގެ މަރު: ޕީޖީން ބޭނުންވަނީ މައްސަލަ އިސްތިއުނާފުު ކުރަން

26 ފެބުރުވަރީ 2024 - 12:26 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް: މަރުގެ ތުހުމަތު އޮތް މީހުން ސަލާމަތްވި ހުކުމް އިސްތިއުނާފު ކުރަން ބޭނުންވާ ކަން ޕީޖީން ބުނެފި


އަނަސްގެ މަރު: ޕީޖީން ބޭނުންވަނީ މައްސަލަ އިސްތިއުނާފުު ކުރަން

26 ފެބުރުވަރީ 2024 - 12:26 0

މީގެ ހަތް އަހަރެއްހާ ދުވަސް ކުރިން، ދުޝްމަނެއް ކަމަށް ހީކޮށް އޮޅިގެން ގޭންގެއްގެ ބަޔަކު ރ.މީދޫ، ފެންފިޔާޒުގޭ, މުހައްމަދު އަނަސް މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތު އޮތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ބޭނުންވާ ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ ހުކުމް އިސްތިއުނާފު ކުރުމުގެ ވިސްނުން އެ އޮފީހުން އެބަ ގެންގުޅޭ ކަމަށެވެ.

"މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އަދި ނުލިބޭ، ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށްފަހު، އެންމެ ފަހު ނިންމުމެއް ވަރަށް އަވަހަށް ގޮތެއް ނިންމާނަން،" އެ އޮފީހުން މިޑިއާތަކަށް ފޮނުވި ޓެކްސްޓް މެސެޖެއްގައިވެ އެވެ.

ޖުލައި 31، 2017 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ، އޭނާ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނާއި މަރާލުމުގެ ދައުވާ އުފުލި ތިން މީހެއްގެ މައްސަލަ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.

ހަމަލާ ދިން މީހުންގެ މޫނު ފާހަގަވާން ނެތް އިރު، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިބަސް ދިން މީހުނަށް ވެސް މޫނު ފާހަގަކޮށްދެވިފައެއް ނުވެ އެވެ.

މީގެ ހަތް އަހަރު ކުރިން އަނަސް މަރާލީ މާލޭގައި ހިންގާ ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ. އެ މަންޒަރުގެ ވީޑިއޯ ކުރިން އާންމުވެފައިވެ އެވެ. އެއިން ފެންނަ ގޮތުގައި، ވަޅި ހިފައިގެން ތިން ގްރޫޕެއް އައުމުން މަގުމަތީގައި ހުރި އަނަސް ދުވެފައި ބިރުން ވަންނަނީ ގަރާޖަށެވެ.

ގޭންގު މެންބަރުން އައިސް ގަރާޖު ތެރެއަށް ވަދެ ފަހަރަކު މީހަކު އަނަސް ގަޔަށް ވަޅި ހަރަމުންދިޔަ މަންޒަރު ވެސް ވީޑިއޯއިން ފެނުނެވެ.

އަނަސް މަރާލުމުގެ ދައުވާ ކުޑަކުއްޖެއްގެ މައްޗަށް ވެސް އުފުލި އެވެ. އޭނާގެ މައްސަލަ ގެންދިޔައީ ޖުވެނައިލް ކޯޓުގަ އެވެ. ދަށު ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމި ނަމަވެސް ހައި ކޯޓުން މައްސަލަ ބެލުމަށް ފަހު އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮކްޓޯބަރު، 2022، ގަ އެވެ.