Advertisement

ާމާޓީނޭޒް 100 ގޯލު ހަމަކޮށްފި، އިންޓަގެ ލީޑު ކުރިއަށް!

26 ފެބުރުވަރީ 2024 - 10:31 0


ާމާޓީނޭޒް 100 ގޯލު ހަމަކޮށްފި، އިންޓަގެ ލީޑު ކުރިއަށް!

26 ފެބުރުވަރީ 2024 - 10:31 0

މިލާން (ފެބްރުއަރީ 26) - ލަޓާރޯ މާޓީނޭޒްގެ ދެ ގޯލާ އެކު، އިންޓަ މިލާނުން 4-0 އިން ލެއްޗޭ ބަލިކޮށް، އިޓާލިއަން ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

މި މެޗުގައި ޖެހި ދެ ގޯލާ އެކު، މާޓީނޭޒް ވަނީ އިންޓަ އަށް ލީގުގައި އެކަނި، 101 ލަނޑު ޖަހައިދީފަ އެވެ. މާޓީނޭޒް، 26، މި ސީޒަނުގައި ތަފާތު ފޯމެއްގައި ހުރިއިރު، ލީގުގައި ކުޅުނު 23 މެޗުން 22 ގޯލު ޖަހާފައިވެ އެވެ.

އިންޓަ ލީގުގެ އެއް ވަނައިގައި އޮތީ، ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ވެސް ނުވަ ޕޮއިންޓް ކުރީގަ އެވެ. އިންޓަ އަށް 25 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް އަށް 26 މެޗުން ހަމަކުރެވުނީ، 57 ޕޮއިންޓެވެ. ޔުވެންޓަސް ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ވަނީ ފްރޮސިނޯނޭ އަތުން 3-2 އިން މޮޅުވެފަ އެވެ.

ރަށުންބޭރުގައި ކުޅުނު އިންޓަ އިން 15 ވަނަ މިނިޓްގައި ލީޑުނެގީ މާޓީނޭޒް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފު ފެށިގެން ޑާވިޑޭ ފްރަޓޭސީ ގޯލެއް ޖަހައި، އިންޓަ އަށް ލީޑުފުޅާކޮށްދިންތާ ދެ މިނިޓް ފަހުން، މާޓީނޭޒް ވަނީ އިންޓަގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އިންޓަގެ ފަހު ލަނޑު ޖެހީ، ސްޓެފަން ޑި ވްރައި އެވެެ.

ޔުވެންޓަސް އިން ޑޫސާން ވްލާހޮވިޗްގެ ގޯލުން ލީޑުނަގާފައިވަނިކޮށް، ފްރޮސިނޯނޭ އިން ވަނީ ވަލީދު ޗެދީރާ އާއި މާކޯ ބްރެޝިއަނީނީގެ ލަނޑުތަކުން ނަތީޖާ އަނބުރާލައިފަ އެވެ. އެކަމަކު، ވްލާހޮވިޗް އިތުރު ގޯލެއް ޖަހައި، ޔުވެންޓަސް އަށް އެއްވަރުކޮށްދިނެވެ.

މެޗު އެއްވަރުވާން ދަނިކޮށް، ޔުވެންޓަސް މޮޅުވީ އިތުރު ވަގުތުގެ، ފަސް ވަނަ މިނިޓްގައި ޑަނިއޭލޭ ރުގާނީ ޖެހި ގޯލުންނެވެ.

ލީގުގައި ރޭ އޭސީ މިލާން އާއި އެޓަލަންޓާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެެގެންނެވެ. ރަފައެލް ލެއާއޯ ތިން ވަނަ މިނިޓްގައި މިލާނަށް ލީޑުނަގައިދިން މި މެޗުގައި، އެޓަލަންޓާ އަށް ޕެނަލްޓީ އަކުން އެއްވަރުކޮށްދިނީ، ޓެއޫން ކޫޕްމައިނާސް އެވެ.

މިލާން، ލީގުގެ ތިން ވަނައިގައި އޮތީ 26 މެޗުން 53 ޕޮއިންޓާ އެކު އެވެ.