Advertisement

ޗައިނާގެ ކޯޗަކަށް އިވާންކޮވިޗް ހަމަޖައްސައިފި

25 ފެބުރުވަރީ 2024 - 17:27 0


ޗައިނާގެ ކޯޗަކަށް އިވާންކޮވިޗް ހަމަޖައްސައިފި

25 ފެބުރުވަރީ 2024 - 17:27 0

ބެއިޖިން (ފެބްރުއަރީ 25) - ޗައިނާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ކްރޮއޭޝިއާގެ ބްރާންކޯ އިވާންކޮވިޗް ހަމަޖައްސައިފި އެވެ.

އިވާންކޮވިޗް، 69، އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ އޮމާން ފުޓްބޯޅަ ޓީމުގެ ކޯޗަކަށެެވެ. އޭނާ އައީ 2020 ވަަނަ އަހަރުން ފެށިގެން، އޮމާން ފުޓްބޯޅަ ޓީމުގެ ކޯޗަކަށެެވެ. އިވާންކޮވިޗް، ޗައިނާގެ ކޯޗަކަށް މި ގެނައީ ކުރިން އެ މަގާމުގައި ހުރި ސާބިއާގެ، އަލެކްސަންޑަ ޖަންކޯވިޗް ވަކިކުރުމަށް ފަހު އެވެ.

ޖަންކޯވިޗް މަގާމުން ވަކިކުރީ، ދާދި ފަހުން ނިިމިގެންދިޔަ އޭޝިއަން ކަޕްގައި ޗައިނާގެ ނަތީޖާތަށް ދަށްވުމުންނެވެ. ޗައިނާ، ގްރޫޕް ސްޓޭޖުން ކެޓީ، ތަޖިކިސްތާނާއި ލެބަނަންއާ ކުޅެގެން ލަނޑެއް ނުޖެހި އެއްވަރުވިއިރު، ގަތަރު އަތުން ބަލިވުމުންނެވެ.

ޗައިނާ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ފުޓްބޯޅަ އަށް ހަރަދުކުރި ނަމަވެސް އެ ޓީމު މި ވަގުތު އޮތީ ފީފާ ރޭންކިން އަށް ބަލާއިރު، 88 ވަނައިގަ އެވެ. މިއީ މީގެ 10 އަހަރު ކުރިން ވެސް ޗައިނާ އޮތް ހިސާބެވެ.

ޗައިނީސް ސުޕަ ލީގުގެ ޝަންޑޮން ލުނެންގެ ކޯޗަކަށް ދެ އަހަރު މަސައްކަތްކުރި އިވާންކޮވިޗް، ވަނީ އީރާންގެ ސީނިއާ ޓީމާއި 23 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ.

ޗައިނާ ގައުމީ ޓީމާ، ކްރޮއޭޝިއާ ޓީމުގެ ކުރީގެ އެޓޭކިން މިޑްފީލްޑަރު، އިވާންކޮވިޗް ހަވާލުވިއިރު، މިއީ އެ ގައުމުގެ ފުޓްބޯޅަ އަށް އުނދަގޫ ދުވަސްތަކެއް ވެސް މެ އެވެ.

ދާދި ފަހުން ޗައިނާގެ ސީސީޓީވީ އިން ދެއްކި ޑޮކިއުމެންޓަރީއެއްގައި ވަނީ ޗައިނާ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، ލީ ޓައި، އެ ގައުމުގެ ފުޓްބޯޅައިގެ ދަށް ޑިވިޝަނުގެ މެޗުތަކެއް ފިކްސް ކުރުމުގައި ބައިވެރިވި ކަމަށް އެއްބަސްވެފަ އެވެ. އަދި އެ ޑޮކިއުމެންޓަރީގައި ޗައިނާ ފުޓްބޯޅަ ފެޑެރޭޝަނުގެ ކުރީގެ އިސް ވެރިޔާ، ޝެން ޒުޔުއާން ވަނީ އެތައް މިލިއަން ޑޮލަރުގެ ރިޝްވަތު ނެގި ކަމަށް، އެ ގައުމުގައި ކުރިއަށްދާ ކޮރަޕްޝަންގެ ތަހުގީގެއްގައި އެއްބަސްވެފަ އެވެ.

ޗައިނާގެ ރައީސް، ޝީ ޖިންޕިން، ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން، ކުރިއަށްގެންދާ ކޮރަޕްޝަންތަކުގެ ތަހުގީގުގައި، ފުޓްބޯޅައިގެ ތެރޭގައި ހުރި މައްސަލަތައް ވެސް އަންނަނީ ބަލަމުންނެވެ.