Advertisement

ރާއްޖެ މެޗުގައި ޗައިނާ އިން އާ ކުޅުންތެރިންތަކަކަށް ފުރުސަތު

11 ޖޫން 2021 - 13:50 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

2019 ވަނަ އަހަރު މާލޭގައި ކުޅުނު މެޗުގެ ތެރެއިން ޗައިނާ ލީ (ވ) ރާއްޖޭގެ އަކުރަމް ކައިރިން ބޯޅަ ފޮނުވާލަނީ


ރާއްޖެ މެޗުގައި ޗައިނާ އިން އާ ކުޅުންތެރިންތަކަކަށް ފުރުސަތު

11 ޖޫން 2021 - 13:50 0

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި ގިނަ ބަދަލުތަކެއް ގެނެސް އާ ކުޅުންތެރިންނަށް ފުރުސަތު ދޭން ޗައިނާގެ ކޯޗު ލީ ޓައި ނިންމައިފި އެވެ.

ސެންޓްރަަލައިޒްކޮށް ޗައިނާގައި ކުޅެން ނިންމި ކޮލިފައިންގެ ބާކީ މެޗުތައް ފަހުން ދުބާއީ އަށް ބަދަލުކުރީ ޗައިނާ އަށް އެތެެރެވޭން ބައެއް ޓީމުތަކަށް ހުއްދަ ނުލިބުމުންނެވެ. ޗައިނާގައި މިދިޔަ މަހު 30 ވަނަ ދުވަހު ކުޅުނު މެޗުން އެ ޓީމު ވަނީ 7-0 އިން ގުއާމް ބަލިކޮށްފަ އެވެ. މިދިޔަ ހޯމަ ދުވަހުގެރޭ ޗައިނާ އިން ވަނީ ފިލިޕީންސް އަތުން 2-0 އިން މޮޅުވެފަ އެވެ.

އެ ދެ މެޗަށް ޗައިނާ އިން ބޭނުންކުރީ ގާތްގަނޑަކަށް އެއް ކުޅުންތެރިންތަކެކެވެ. އެހެންވެ ޗައިނާ ކޯޗު ނިންމާފައިވަނީ މިރޭ ރާއްޖެ މެޗަށް ޓީމަށް ބަދަލުތަކެއް ގެންނާށެވެ. އެއީ ކޮލިފައިން ފަހު މެޗުގައި ސީރިއާއާ ދެކޮޅަށް ރަނގަޅަށް ތައްޔާރުވުމުގެ ބޭނުމުގަ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ ކޯޗު ލީ ޓައި ވަނީ އެކަމަށް އިޝާރާތްކޮށް ވާހަކަ ދައްކައިފަ އެވެ.

"ރަނގަޅު ވާހަކައެއް. ގާތްގާތުގައި އެއް ކުޅުންތެރިންތަކެއް ގޮވައިގެން ހުރިހާ މެޗެއް ނުކުޅެވޭނެ. އަހަރެމެން ރާއްޖެއާ ދެކޮޅަށް ނެރޭނީ މި މެޗުން މޮޅުވެވޭނެ ޓީމެއް ކަން ޔަގީންކޮށްދެން. ޗައިނާ ޓީމުގައި ކުޅުންތެރިންތަކެއް އެކި ފަންތި އަށް ބަހާފައި ނުހުންނާނެ. މީގެ ކޮންމެ ކުޅުންތެރިއަކު ވެސް މި ޓީމަށް މުހިއްމުވާނެ،" ކުރިން އެވަޓަން އަށް ކުޅުނު ލީ ޓައި ބުންޏެވެ.

ޗައިނާގެ ކޯޗު ލީ ޓައި.


ޗައިނާގެ ކެޕްޓަން ހާއޯ ޖުންމިން ބުނީ ރާއްޖެއާ ދެކޮޅަށް އޭނާ ނުކުޅުނަސް އެ މެޗަށް ކޯޗު ބޭނުން ކުރާނެ ކޮންމެ ކުޅުންތެރިއަކީ މެޗުން މޮޅުވާން ޓީމަށް އެހީތެރިވެދެވޭނެ ކުޅުންތެރިއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޗައިނާ އިން މި ފަހަރު ކޮލިފައިން އަށް އެކުލަވާލި ސްކޮޑުން ވަނީ ދާދި ފަހުން އެ ގައުމަށް ރަށްވެހިކަން ބަދަލުކުރި ހުރިހާ ކުޅުންތެރިންގެ ތެރެއިން ހަ ކުޅުންތެރިއަކަށް ފުރުސަތު ދީފަ އެވެ. އޭގައި ހިމެނެނީ ބްރެޒިލްގެ ހަތަރު ކުޅުންތެރިންނާއި އިނގިރޭސި ދެ ކުޅުންތެރިއެކެވެ.

ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނީ ޗައިނާއާ ދެކޮޅަށް ވެސް އަމާޒަކީ ޓީމެއްގެ ގޮތުގައި ވީ އެންމެ ރަނގަޅަށް ކުޅެ ނަތީޖާއެއް ނެރެވޭތޯ ބެލުން ކަމަށެވެ. އަދި ތައްޔާރީތަކަށް ބަލާއިރު މިއީ ރާއްޖޭގެ ކޯޗު މާޓިން ކޫޕްމަން ބުނި ގޮތަށް މިއީ މި ވަރުގެ މެޗުތަކެއް ކުޅެން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އަކޫ ބުންޏެވެ.

ގްރޫޕް އޭގެ އެއް ވަަނައިގައި ސީރިއާ އޮތީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެން 21 ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ޗައިނާ އަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އޮތް ދެ މެޗުން މޮޅުވެގެން ވެސް ޗައިނާ އަށް ސީރިއާއާ ހަމަނުކުރެވޭނެ އެވެ. އެކަމަކު ޗައިނާގެ އަމާޒަކީ ހުރިހާ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފުރުސަތެއް ހޯދައި ކޮލިފައިން އަނެއް ބުރުން ފުރުސަތު ހޯދުމެވެ. އެކަން ހާސިލްކުރަން ރާއްޖެ އާއި ސީރިއާ އަތުން މޮޅުވާން ޖެހެ އެވެ.

މި ގްރޫޕްގެ ތިން ވަނައިގައި ފިލިޕީންސް އޮތީ ހަ މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް ހަތް މެޗުން ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.

ރާއްޖެ އާއި ޗައިނާ މީގެ ކުރިން ކުޅުނު ފަސް މެޗުން ވެސް މޮޅުވީ ޗައިނާ އެވެ. މި ފަހަރުގެ ކޮލިފައިންގައި މާލޭގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުޅުނު މެޗުން ޕީޓަ ސެގާޓްގެ ކޯޗުކަމުގައި ކުޅުނު ރާއްޖެ އަތުން ޗައިނާ މޮޅުވީ 5-0 އިންނެވެ.

ދުބާއީގައި މިރޭ ކުޅޭ ޗައިނާގެ ހޯމް މެޗު ފަށާނީ ރާއްޖެ ގަޑިން 22:00 ގަ އެވެ.