Advertisement

ޗައިނާގެ ފުޓްބޯޅަ ކުޅުންތެރިންގެ ޓެޓޫތައް ފިލުވަން އަންގައިފި

30 ޑިސެންބަރު 2021 - 11:10 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ ފުޓްބޯޅަ ކުޅުންތެރިތާ ޒާންގް ލިންޕެންގް.


ޗައިނާގެ ފުޓްބޯޅަ ކުޅުންތެރިންގެ ޓެޓޫތައް ފިލުވަން އަންގައިފި

30 ޑިސެންބަރު 2021 - 11:10 1

ބެއިޖިން، ޗައިނާ (ޑިސެމްބަރު 30) - ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ޖަހާފައިވާ ޓެޓޫތައް ފިލުވަން އަންގައި، އާ ޓެޓޫ ޖެހުން "ހަރުކަށިކޮށް މަނާކޮށްފައިވާ" ކަމަށް އެ ގައުމުގެ ކުޅިވަރާ ބެހޭ އިދާރާ އިން ބުނެފި އެވެ.

ޓޭޓޫ ޖެހުމަކީ ޗައިނާގައި މާ ބޮޑަށް ބަލައިގަންނަ ކަމެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް ޒުވާނުންގެ މެދުގައި އެކަން ވަނީ ޓްރެންޑަކަށް ވާން ފަށާފަ އެވެ. ގިނަ ފުޓްބޯޅަ ކުޅުންތެރިން އުޅެނީ ޓެޓޫތައް ފޮރުވުމަށް އަތާއި ފައި އެއްކޮށް ނިވާވާ ހެދުން ލައިގެންނެވެ.

ޗައިނާ ސްޕޯޓްސް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނުގައި ބުނީ ގައުމީ ޓީމުގެ ކުޅުންތެރިން އެއްވެސް އާ ޓެޓޫއެއް ޖެހުމަކީ "ވަރަށް ހަރުކަށިކޮށް މަނާކޮށްފައިވާ" ކަމެއް ކަމަށެވެ.

"ޓެޓޫ ޖަހާފައިވާ ކުޅުންތެރިން އެ ފިލުވަން އިލްތިމާސް ކުރަން. ހާއްސަ ހާލަތްތަކުގައި، ތަމްރީނާއި މުބާރާތުގައި އުޅޭ އިރު، ހެދުން އަޅަން ޖެހޭނީ ޓެޓޫ ނުފެންނަ ގޮތަށް، ޓީމުގެ އެހެން މެމްބަރުންގެ ވެސް ހުއްދައާ އެކު."

އޭގެ އިތުރުން އުމުރުން 20 އަހަރުން ދަށުގެ ގައުމީ ޓީމުތަކަށް މެމްބަރުން ހޮވާއިރު، ޓެޓޫ ޖަހާފައިވާ އެއްވެސް ކުޅުންތެރިއެއް ނެގުން މަނާވާނެ ކަމަށް އެންގި އެވެ.

ބައެއް މީހުން ވަނީ ސޯޝަލް މީޑިއާ ވެއިބޯގައި އެ ނިންމުމަށް ފާޑުކިޔާފަ އެވެ. އެގޮތުން ފުޓްބޯޅަ ކުޅެވޭނީ ހަމައެކަނި ކޮމިއުނިސްޓް ޕާޓީގެ މެމްބަރުންނަށް ކަމަށް ހެދުން ރަނގަޅު ވާނެ ކަމަށް މީހުން ބުނެފައި ވެ އެވެ.

މީގެ ކުރިން ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ ޓެޓޫ ނުފެންނަ ގޮތަށް އުޅުމަށް ފުޓްބޯޅަ ކުޅުންތެރިންނަށް އަންގާފަ އެވެ. އަދި ޒުވާން ކުޅުންތެރިންނަށް ހާއްސަ ކޭމްޕުތަކާއި ޑްރިލްތަކަށް ދުރު ހިސާބުތަކަށް ފޮނުވާލާފައި ވެ އެވެ.

ބައެއް ސަޕޯޓަރުން ވަނީ ފުޓްބޯޅައަކީ ކުޅިވަރެއްގެ ބަދަލުގައި ސިޔާސީ ކަމަކަށް ހަދައިގެން އުޅޭ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.

މިދިޔަ އަހަރު ޔުނިވާސިޓީއެއްގެ އަންހެން ފުޓްބޯޅަ މެޗެއް ކެންސަލް ކުރީ، ކުޅުންތެރިންގެ އިސްތަށިގަނޑުގައި ކުލަ ޖައްސާފައިވާ ނަމަ ބައިވެރިނުވެވޭނެ ކަމަށް އެންގުމުންނެވެ.

ރައީސް ޝީ ޖިންޕިންގެ އުއްމީދަކީ ޗައިނާގައި ވޯލްޑް ކަޕް މުބާރާތް ބާއްވައި، ތަށި އުފުލާލުމެވެ. ނަމަވެސް އަންނަ އަހަރު އޮންނަ ވޯލްޑް ކަޕް މުބާރާތުގެ ކޮލިފައިން ގްރޫޕުގައި ޗައިނާ އޮތީ ހަ ޓީމުގެ ތެރެއިން ފަސް ވަނައިގަ އެވެ. މުބާރާތަށް ކޮލިފައި ވާނީ ގްރޫޕުގެ އެއް ވަނަ އަދި ދެ ވަނަ ޓީމެވެ.