Advertisement

ސަރުކާރަށް 100 ދުވަސް: ވެރިންގެ މާލީ ބަޔާންތައް ސިއްރު، ހާމަކުރާނެ ދުވަހެއް ނޭނގެ!

25 ފެބުރުވަރީ 2024 - 11:18 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ: ވެރިކަމަށް 100 ދުވަސް، ވެރިންގެ މާލީ ބަޔާން އާންމެއް ނުކުރޭ! - ފޮޓޯ: ރައީސް އޮފީސް


ސަރުކާރަށް 100 ދުވަސް: ވެރިންގެ މާލީ ބަޔާންތައް ސިއްރު، ހާމަކުރާނެ ދުވަހެއް ނޭނގެ!

25 ފެބުރުވަރީ 2024 - 11:18 1

މި ސަރުކާރުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރާނެ ކަމަށް ބުނެފައި ވާއިރު، ވެރިކަމަށް 100 ދުވަސް ވެގެން ދިޔައިރު ވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހިމެނިވަޑައިގަންނަވާ ގޮތަށް ވަޒީރުންނާއި ސަރުކާރުގެ ވެރިންގެ މާލީ ބަޔާން އާންމު ނުކުރި އެވެ.

މާލީ ބަޔާންތައް އާންމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ވިސްނުން ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ. ރައީސް އޮފީހުގެ އެ އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް މިހެން ވިދާޅުވީ ވެރިކަމުގެ ދެވަނަ ދުވަސް ކަމަށްވީ ނޮވެމްބަރު 19، 2023 ގަ އެވެ.

ނަމަވެސް، ވެރިކަމަށް 100 ދުވަސް ފުރުން މިއަދު ފާހަގަކުރަމުންދާއިރު، އަދިވެސް މާލީ ބަޔާންތަކުގެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ނުކުރެ އެވެ.

އޮޑިޓު އޮފީހުން "އަދަދު" ނޫހަށް މައުލޫމާތު ދެމުން ބުނީ ސަރުކާރުން ފޮނުވާފައިވާ މާލީ ބަޔާންތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ބަޔާންތައް އެ އޮފީހުން ހާމަނުކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން މިހާތަނަށް ރައީސް އޮފީހުގެ ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ. އަދި އެ މަސައްކަތް ގޮސްފައިވާ ހިސާބެއް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މި ބަޔާންތައް އާންމުކުރަނީ ރައީސް އޮފީހުގެ ވެބްސައިޓުގަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނާއި, ނައިބު ރައީސް ފައިސަލް ނަސީމާއި, ވަޒީރުންނާއި, ރައީސް އޮފީހުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރީ ވެރިކަމަށް 55 ވަނައަށް ވީ ދުވަހު ޖެނުއަރީ 10, 2019 ގަ އެވެ. އެ އޮފީހުގެ ރެކޯޑުތަކުން މި ބަޔާންތައް އެ ދުވަހު ހާމަކޮށްފައި ހުރިކަން އެނގެ އެވެ.

އޭގެ މަސްތަކަކަށް ފަހު, އެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި, ޑެޕިއުޓީ މިނިސްޓަރުންގެ މާލީ ބަޔާންތައް ވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢު ކުރި އެވެ. އަދި, އަހަރަކު އެއްފަހަރު މާލީ ބަޔާންތައް އާންމުކުރި އެވެ.

ކެމްޕޭން ތެރޭގައި ރައީސް މުއިއްޒު ވިދާޅުވީ ގާއިމުކުރަން މަަސައްކަތް ކުރައްވާނީ "އެއްވެސް ކަމެއް ނުފޮރުވާ، ސާފު ސަރުކާރެއް" ކަމަށެވެ.

"ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނަން. ރައްޔިތުންނަށް ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނަން," ރިޔާސީ ކެމްޕޭނުގައި ލ. ގަމުގައި ސެޕްޓެމްބަރު 25 ގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އިން މަތި ނުވާނެ ކަމަށެވެ. އެކަމަކު މިއަދާ ހަމައަށް ހަމައެކަނި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓްރީތަކުގައި ނައިބުންގެ ގޮތުގައި ވެސް މަދުވެގެން 305 މީހުން އެބަ ތިއްބެވެ. އެ މީހުންގެ މުސާރައަށް މަހެއްގެ މައްޗަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.