Advertisement

އާސެނަލާއި ސިޓީ ރޭހުގައި، ޔުނައިޓެޑް ބަލިވެ ހުއްޓުމެއް

25 ފެބުރުވަރީ 2024 - 09:36 0


އާސެނަލާއި ސިޓީ ރޭހުގައި، ޔުނައިޓެޑް ބަލިވެ ހުއްޓުމެއް

25 ފެބުރުވަރީ 2024 - 09:36 0

ލަންޑަން (ފެބްރުއަރީ 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ފުލަމް އަތުން 2-1 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑުގެ ރަނގަޅު ފޯމަށް ހުއްޓުމެއް އަތުވެއްޖެ އެވެ.

ސިޓީ އާއި އާސެނަލް މޮޅުވުމުން އެއް ވަނައިގައި އޮތް ލިވަޕޫލްގެ ލީޑު ވަނީ ޕޮއިންޓަކަށް ކުޑަވެފަ އެެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ 26 މެޗުން 60 ޕޮއިންޓާ އެކު އެވެ. ސިޓީ ދެ ވަނައިގައި 26 މެޗުން 59 ޕޮއިންޓް ހޯދައިގެން އޮތްއިރު، ތިން ވަނައިގައި އޮތް އާސެނަލަށް 26 މެޗުން ވަނީ 58 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ހަތަރެއްގައި އޮތް އެސްޓަން ވިލާ އިން ވަނީ އަމިއްލަ ދަނޑުގައި 4-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ. އެސްޓަން ވިލާ އަށް 26 މެޗުން ވަނީ 52 ޕޮއިންޓް ލިބިފަ އެވެ.

ސިޓީން ރޭ ބޯންމައުތު ބަލިކޮށްފައިވަނީ 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 24 ވަނަ މިނިޓްގައި ކާމިޔާބުކުރީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ފިލް ފޯޑެން އެވެ. ލަނޑު ޖަހަން، ބޯންމައުތުގެ ޑޮމިނިކް ސޮލާންކޭ ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި މި މެޗުގައި، ސިޓީގެ އާލިން ބްރައުޓް ހާލަންޑް ވެސް ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

އާސެނަލުން އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކުރީ 4-1 އިންނެވެ. ޗެމްޕިއަންސް ލީގުގައި ޕޯޓޯ އަތުން ބަލިވުމުގެ މާޔޫސްކަމުން އަރައިގަންނަން ރޭގެ މެޗުގައި އާސެނަލުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އާސެނަލުން ލީޑުނެގީ ނިއުކާސަލްގެ ސްވެން ބޮޓްމަން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އާސެނަލްގެ އަނެއް ލަނޑުތައް ޖެހީ، ކައި ހަވާޓްޒް، ބުކާޔޯ ސަކާ އަދި ޖަކޫބް ކީވިއޯ އެވެ.

ނިއުކާސަލުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ، ކުރިން އާސެނަލަށް ކުޅުނު ޖޯ ވިލޮކް އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ނައިޖީރިއާގެ ޑިފެންޑަރު، ކަލްވިން ބާސީ ޖެހި ގޯލުން ފުލަމް އިން ލީޑުނެގި މި މެޗުގައި، ޔުނައިޓެޑަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން، މިނިޓަކަށް ވެފައި ހުއްޓައި އެއްވަރުކޮށްދިނީ، ހެރީ މެގުއާ އެވެ. އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި، އަލެކްސް އިވޯބީ ޖެހި ގޯލުން ފުލަމް ވަނީ މޮޅުވެފަ އެވެ.

މިއީ، މި އަހަރު ފެށި ފަހުން ޔުނައިޓެޑް ލީގުގައި ބަލިވި ފުރަތަމަ ފަހަރެވެ. އަދި ފުލަމް އިން 1963 ގެ ފަހުން، ޔުނައިޓެޑް ދަނޑުގައި މޮޅުވި، ދެ ވަނަ ފަހަރެވެ.