Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން ޗެމްޕިއަންކަން ގަން، އުތީމު، ހިތަދޫ އަދި ދުވާފަރަށް

25 ފެބުރުވަރީ 2024 - 06:37 0

އަތޫފް އާތިފް

އަތޫފް އާތިފް

ޒޯން ދޭއްގެ ޗެމްޕިއަން ހޯދި ދުވާފަރުގެ ޓީމު ތަށި އުފުލާލަނީ. ދުވާފަރުން ޗެމްޕިއަންކަން ހޯދީ ނ. ކެނދިކުޅުދޫގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދައިގެން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން ޗެމްޕިއަންކަން ގަން، އުތީމު، ހިތަދޫ އަދި ދުވާފަރަށް

25 ފެބުރުވަރީ 2024 - 06:37 0

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ޗެމްޕިއަންކަން ލ. ގަން, ހއ. އުތީމު, ސ. ހިތަދޫ އަދި ރ. ދުވާފަރުން ހޯދައިފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ވަނީ ހަތަރު ޒޯނެއްގެ ފައިނަލު މެޗު ކުޅެފަ އެވެ. އެއީ ޒޯން އެކެއް, ޒޯން ދޭއް, ޒޯން ހައެއް އަދި ޒޯން ހަތެއްގެ ފައިނަލް މެޗުތަކެވެ.

ޒޯން އެކެއްގެ ޗެމްޕިއަންކަން އުތީމުން ހޯދީ މިދިޔަ އަހަރު މި ޒޯންގެ ޗެމްޕިއަންކަން ހޯދި ހދ. ނައިވާދޫ ޕެނަލްޓީގައި ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އެކަމަކު ޕެނަލްޓީގައި އުތީމުން ނައިވާދޫގެ މައްޗަށް ކުރިހޯދީ 7-6 ގެ ނަތީޖާއަކުންނެވެ.

އުތީމު ޓީމު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މި މެޗުގެ ތިންވަނަ މިނެޓުގައި އުތީމުން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ނަބީލް އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނައިވާދޫގެ އަހުމަދު ހަމީދު ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އުތީމުގެ ކެޕްޓަން މުހައްމަދު ރިޝްމީ ޖެހި ގޯލުން އެ ޓީމުން އަލުން ލީޑު ނެގި އެވެ. އެކަމަކު ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި ނައިވާދޫގެ އަހުމަދު ހަމީދު އިތުރު ގޯލެއް ޖަހާ އަލުން ނަތީޖާ ހަމަހަމަ ކުރި އެވެ.

ޒޯން ދޭއްގެ ޗެމްޕިއަންކަން ދުވާފަރުން ހޯދީ ނ. ކެނދިކުޅުދޫގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ 17 ވަނަ މިނެޓުގައި ދުވާފަރަށް ލީޑު ނަގާދިނީ އިސްމާއިލް އީސަ (މެސީ) އެވެ. އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ދުވާފަރުގެ އާދަމް އިލްޔަސާއު ގޯލު ޖަހާ އެ ޓީމުގެ ލިޑު ފުޅާކޮށްދިނެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ކެނދިކުޅުދޫގެ މުހައްމަދު އައްޒާމް ގޯލު ޖަހާ ފަރަގު ކުޑަކޮށްދިނެވެ. އެކަމަކު ދެވަނަ ހާފުގެ 15 ވަނަ މިނެޓުގައި މެސީ އިތުރު ގޯލެއް ޖަހާ ދުވާފަރުގެ ލީޑު ފުޅާކޮށްދިނެވެ. ދުވާފަރުގެ ފަހު ލަނޑު މެޗުގެ ފަހު މިނެޓުގައި އެ ޓީމަށް ޖަހާދިނީ މުހައްމަދު އިސާމް (ޝަންޓެ) އެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށި ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމުން ވަނީ ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ގަމުން ތިމަރަފުށި ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަތަރުވަނަ މިނެޓުގައި ގަމަށް ލީޑު ނަގާދިނީ އަބްދުالله ޖުނައިދު (ޖެންނޭ) ޖެހި ގޯލުންނެވެ. އެކަމަކު މެޗުގެ 13 ވަނަ މިނެޓުގައި ތިމަރަފުށީގެ އާދަމް ނާސިހު (އާދަންނަ) ޖެހި ގޯލުން ތިމަރަފުށި ނަތީޖާ ހަމަހަމަ ކުރި އެވެ. ގަން މޮޅުކޮށްދިން ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

ޒޯން ހަތެއްގެ ޗެމްޕިއަންކަން ސ. ހިތަދޫ އިން ހޯދީ ދަޑިމަގުގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި މެޗުގައި ހިތަދޫގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ދެ ގޯލު ޖެހިއިރު, ކެޕްޓަން ހާޒިމް ފައުޒީ އާއި މުހައްމަދު ސަބާހް މަސްރޫރް, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ. ދަޑިމަގުގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ ކެޕްޓަން މުހައްމަދު ސާދު ނިޒާރެވެ.

މި މުބާރާތުގެ ދެ ވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.