Advertisement

މަޝްރޫއުތަކަށް މަޖިލީހުން ހުރަސްއަޅާ ކަމަށް ރައީސް ތުހުމަތު ކުރައްވައިފި

24 ފެބުރުވަރީ 2024 - 16:04 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް މުއިއްޒު; ހއ. ހޯރަފުށީގައި ވާހަކަދައްކަވަމުން މަޝްރޫއުތަކަށް މަޖިލީހުން ހުރަސްއަޅާ ކަމުގެ ތުހުމަތު ކުރެއްވި -- ފޮޓޯ: ރައީސް އޮފީސް


މަޝްރޫއުތަކަށް މަޖިލީހުން ހުރަސްއަޅާ ކަމަށް ރައީސް ތުހުމަތު ކުރައްވައިފި

24 ފެބުރުވަރީ 2024 - 16:04 0

ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ތުހުމަތު ކުރައްވައިފި އެވެ.

ހއ. ހޯރަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުން ކަމަށާއި, ހުރަސްތަކެއް ކުރިމަތނުވެ ބާރު ސްޕީޑުގައި މަޝްރޫއުތައް ހިންގުމަށް ރައްޔިތުންގެ މަޖިލީސް ތެރެއިން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށެވެ. އެއާ އެކު އެމަނިކުފާނު ވިދާޅުވީ ދުސްތޫރީ ނިޒާމުން ރާއްޖޭގެ ގާނޫނުއަސާސީ ބައްޓަންވެފައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް މަޖިލީހަށް ހުރަސް އެޅޭނެ ކަމަށެވެ.

"ސަރުކާރަކުން ކިތަންމެ ބޮޑު މަޝްރޫއެއް ހިންގަން ބޭނުންވިޔަސް, ގާނޫނެއް ހަދައިގެން ވިޔަސް, ގާނޫނަކަށް ބަދަލެއް ގެނެސްގެން ވިޔަސް އަދި އެނޫން ގޮތަކުން ވިޔަސް ރައްޔިތުންގެ މަޖިލީހަސް ހުއްޓުވޭނެ. އަދި ބަދަލުތައް ވެސް ގެނެވޭނެ. ހުރަސްތައް ވެސް ކުރިމަތި ކުރެވޭނެ" ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މަޖިލީހުން ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސް އެޅި ކަމަށާއި, އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ވީ ތިން މަސް ދުވަހުގެ ތެރޭގައި ވެސް މަޖިލީހުން ސަރުކާރަށް ހުރަސް އެޅި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު މިދިޔަ ތިން މަސް ތެރޭގައި ވެސް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން އެތައް މަސައްކަތްތަކެއް, އަޅުގަނޑު ވެފައި ހުރި ވައުދުތައް ފުއްދުމަށް ޕްލޭނެއް ހަދައިގެން 14 ހަފްތާއަށް ކަނޑައެޅި ޕްލޭނުގެ ތެރެއިން ހަމަ ކުރަމުން ކުރަމުން ދަނިކޮށް އެއްވެސް އަސާސެއް ނެތި އެތައް ހުރަސްތަކެއް ސަރުކާރު ހިންގުމަށް ކުރިމަތި ކުރުވަމުން ދާތަން." ރައީސް ވިދާޅުވި އެވެ.

އެ މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވި ގޮތުގައި މަޖިލީހަށް ހޮވާ މީހަކީ މަޝްރޫއުތަކަށް އެހީތެރިކަންދޭ, އަދި މަގުފަހިކޮޮށްދޭ މީހަކަށް ހެދުމަކީ ގައުމީ, ތަރައްގީ, ފަރުދީ އަދި ރަށު ފެންވަރުގައި ވެސް ވަރަށް މުހިންމު ކަމަށެވެ.

އުތުރުގެ ހަތަރަ އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވިދާޅުވީ, އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭ މީހުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަން ރައްޔިތުންގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރައްވަ މޭރުމުން ރައީސް ވާހަކަ ދެއްކެވި އިރު ރައީސް އޮފީހުން މިއަދު ބުނީ އެމަނިކުފާނުގެ ދަތުރުފުޅަކީ ކެމްޕޭން ދަތުރެއް ނޫން ކަމަށެވެ.