Advertisement

ވީއައިއޭގައި ނަރުދަމާ ޓްރީޓްމެންޓް ޕްލާންޓެއް އަޅަން އިންޑިއާގެ މޯހަން މުތާއާ ހަވާލުކޮށްފި

24 ފެބުރުވަރީ 2024 - 16:16 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ވީއައިއޭގައި ނަރުދަމާ ޓްރީޓްމެންޓް ޕްލާންޓެއް އަޅަން އިންޑިއާގެ މޯހަން މުތާއާ ހަވާލުކޮށްފި

24 ފެބުރުވަރީ 2024 - 16:16 1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނަރުދަމާ ޓްރީޓުމެންޓް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތަށް އިންޑިއާގެ މޯހަން މުތާ ކުންފުނި ހިމެނޭ ޖޮއިންޓް ވެންޗާއަކާ އެވެ.

އެސްއެމްސީ އިންފްރާސްޓްރަކްޗާ އާއި މޯހަން މުތާގެ އެ ޖޮއިންޓް ވެންޗާ އަށް މަސައްކަތް އެވޯޑުކުރީ 77 މިލިއަން ރުފިޔާއަށެވެ.

ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޝައްމާން ޝާކިރު "އަދަދު" އަށް ވިދާޅުވީ އެއީ ވީއައިއޭގެ އާ ޓާމިނަލާއި މުޅި އެއާޕޯޓުގެ ނަރުދަމާގެ ނިޒާމު ހަރުދަނާކުރަން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއަށް ބިޑުކުރި ކުންފުނިތަކުގެ ތެރެއިން ޓެކްނިކަލް އިވެލުއޭޝަން އިން އެންމެ މަތިން ޕޮއިންޓްސް ލިބުނީ މޯހަންމުތާގެ ޖޮއިންޓް ވެންޗާ ކުންފުންޏަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯހަން މުތާ އެކްސްޕޯޓަކީ އިންޑިޔާގެ އެންމެ ކުރިއަރާފައިވާ އެއް އެކްސްޕޯޓް ކުންފުންޏެވެ. ރާއްޖެއަށް ހިލަ އެތެރެކުރުމުގެ އިތުރުން އެކުންފުނިން އަންނަނީ ރާއްޖޭގައި ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތައްވެސް ހިންގަމުންނެވެ. އަދި ރާއްޖޭގައި 30 މިލިއަން ޑޮލަރު އިންވެސްޓުކޮށްގެން ރިސޯޓެއް ވެސް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް އެކުންފުނިން ވަނީ މިދިޔަ އަހަރު އިއުލާނުކޮށްފަ އެވެ.

ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އެމްއެމް އެކްސްޕޯޓުން ރާއްޖެއަށް ހިލަ އެތެރެކުރާ ޓަގު ބޯޓާއި ބާޖުތައް އެކިފަހަރު މަތިން ރާއްޖޭގެ އެކި ފަރުތަކަށް އަރައިގެން ލިބުނު ގެއްލުމުގެ ބަދަލުގައި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އިން ވަނީ އެކުންފުނި ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކޮށްފަ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން އަންނަނީ އެއާޕޯޓުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރެއިން އާ ރަންވޭ އާއި ސީޕްލޭން ޓާމިނަލް އަދި ކާގޯ ޓާމިނަލުގެ މަސައްކަތް ނިމި ބޭނުންކުރަން ފަށާފައިވާއިރު އާ ފިއުލް ފާމާއި ޕަސިންޖަ ޓާމިނަލުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ.