Advertisement

އެސްއޯއީތަކުގެ ފައިދާ ޖަމާކުރަން ލާޒިމުކޮށް ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

24 ފެބުރުވަރީ 2024 - 11:52 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އެސްއޯއީތަކުގެ ފައިދާ ޖަމާކުރަން ލާޒިމުކޮށް ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

24 ފެބުރުވަރީ 2024 - 11:52 0

ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާ ގުޅޭ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުން ހުށަހެޅި ބިލުގައި ސޮވްރިން ފަންޑަށް އިންވެސްޓްކޮށްގެން ނަފާ ހޯދުމުގައި އަމަލުކުރަންޖެހޭ ސިޔާސަތުތަކާއ،ި ފަންޑު ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި ފަންޑާ ގުޅުންހުރި ދައުލަތުގެ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވަނީ ބަޔާންކޮށްފަ އެވެ.

އެ ފަންޑުގެ މަގުސަދަކީ ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސޯދީ ކާރިސާގެ ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުމެވެ.

ކުރިން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން އެ ފަންޑަށް ޖަމާކުރަނީ ޓޫރިސްޓުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އެވެ.

ނަމަވެސް ސޮވްރިން ފަންޑުގެ ބިލުގައިވާ ގޮތުން އެފަންޑަށް އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުމް ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 10 ޕަސެންޓާއި ސޮވްރިން ގެރެންޓީގެ ފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އާއި ފަންޑު ބެލެހެއްޓުމަށް އެކުލަވާލާ ގަވަނިން ކައުންސިލުގެ ލަފާގެ މަތިން ފަންޑަށް ޖަމާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެހެނިހެން ފައިސާ ޖަމާކުރާނެ އެވެ.

ސޮވްރިން ފަންޑުގެ މެނޭޖުކޮށް ބެލެހެއްޓުމަށް އެކުލަވާލާ ގަވަނިން ކައުންސިލުގެ ޒިންމާތަކާއި އެ ކައުންސިލުގެ އޮނިގަނޑާއި އައްޔަން ކުރާ މެމްބަރުންގެ ހުންނަންޖެހޭ ޝަރުތުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތުން ގަވަނިން ކައުންސިލުގެ ބެލުމުގެ ދަށުން ސޮވްރިން ފަންޑުގެ އިންވެސްޓްމަންޓް ކޮމިޓީއެއް އެކުލަވާލައި އިންވެސްޓުކުރުމުގެ ޕޮލިސީތަކާއި ސިޔާސަތުތައް ކަނޑައަޅަންޖެހެ އެވެ. އަދި އެ ބިލު ފާސްވެ، އަމަލުކުރަން ފެށުމުން ސޮވްރިން ފަންޑް އެޑްމިނިސްޓްރޭޝަން އޮފީހުގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އިދާރީ އޮފީހެއް އުފެދޭނެ ކަމަށް ވަނީ ބުނެފަ އެވެ. މިއީ މިނިވަންކަން ލިބިފައިވާ އަދި މާލީ ހިންގުން ވަކިކޮށްފައިވާ އޮފީހެކެވެ.

އޭގެ އިތުރުން ސޮވްރިން ފަންޑު އޮޑިޓްކުރުމާ ބެހޭ އުސޫލުތައް ވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ.

ސޮވްރިން ފަންޑާ ގުޅޭ ވަކި ގާނޫނެއް މިހާތަނަށް ހަދާފައި ނުވެ އެވެ. އެ ފަންޑު ބަލަހައްޓަމުން އަންނަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ހިމަނާފައިވާ ސޮވްރިން ފަންޑާ ގުޅޭ މާއްދާގެ ދަށުންނެވެ. ފަންޑު ބެލެހެއްޓުމުގެ ކަންކަން ކުރަމުން އަންނަނީ ފިނޭންސް މިނިސްޓްރީއާ އެކީ ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއެމްއޭއިންނެވެ.

ސަރުކާރުން ހުށަހެޅި މި ބިލު ފާސްވެއްޖެ ނަމަ ސޮވްރިން ފަންޑާބެހޭ ވަކި ގާނޫނެއް ވުޖޫދުކުރެވުނީ އެެވެ.