Advertisement

ރަޝިއާ އޮލިމްޕިކް ކޮމިޓީގެ އެޕީލް ކޯޓުގައި ކާމިޔާބެއް ނުވި

24 ފެބުރުވަރީ 2024 - 12:16 0


ރަޝިއާ އޮލިމްޕިކް ކޮމިޓީގެ އެޕީލް ކޯޓުގައި ކާމިޔާބެއް ނުވި

24 ފެބުރުވަރީ 2024 - 12:16 0

ޒިއުރިކް (ފެބްރުއަރީ 24) - އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ރަޝިއާގެ އޮލިމްޕިކް ކޮމިޓީ (އާރްއޯސީ) ސަސްޕެންޑް ކުރަން ނިންމާފައިވާ ނިންމުން އެޕީލް ކުރަން ހުށަހެޅި ނަމަވެސް، ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.

އޮލިމްޕިކް ޗާޓަރާ ހިލާފުވެފައިވާތީ، އައިއޯސީ އިން ރަޝިއާ ސަސްޕެންޑްކުރަން ނިންމީ، މިދިޔަ އޮކްޓޫބަރު މަހު އެވެ. ފެބްރުއަރީ، 2022 ގައި ޔޫކްރެއިނަށް އަރައި، ރަޝިއާ އިން ކުރަން ފެށި ހަނގުރާމައިގައި މިހާތަނަށް ޔޫކްރެއިނަށް ނިސްބަތްވާ ހަތަރު ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

އައިއޯސީ އިން ރަޝިއާ އޮލިމްޕިކް ކޮމިޓީ ސަސްޕެންޑްކުރުމުން، އެ ގައުމަށް އޮލިމްޕިކްސްއާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ރަސްމީ ހައިސިއްޔަތެއް ނެތެވެ.

ރަޝިއާ އޮލިމްޕިކް ކޮމިޓީން އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު، ފާހަގަކުރި ކަންތައްތަކަކީ، މިއީ ސިޔާސީ މަންފާއެއް ހޯދުމުގެ ގޮތުން، އަޅާފައިވާ ފިޔަވަޅެއް ކަމަށާއި އެކަން އިސްތިއުނާފްކުރަން ބޭނުންވާ ކަމަށެވެ.

ކާސް އިން އެ މައްސަލަ ކޯޓުން ބޭރުކުރިއިރު، ބުނެފައިވަނީ، މިއީ ސިޔާސީ ކަމެއް ހޯދުމުގެ ބަދަލުގައި، އޮލިމްޕިކް ޗާޓަރުގެ ރައްކާތެރިކަމަށް ބަލައި އެޅި ފިޔަވަޅެއް ކަމަށެވެ.

ރަޝިއާ އިން މި މައްސަލަ އެޕީލް ކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ، މި އަހަރު ޕެރިހުގައި ބާއްވާ އޮލިމްޕިކްސްގައި ވާދަކުރުމުގެ ރަސްމީ ހައިސިއްޔަތު ހޯދުމަށެެވެ. އެކަމަކު، ކާސް އިން މައްސަލަ ކުރިއަށްނުގެންދަން ނިންމުމާ އެކު، ރަޝިއާ އޮލިމްޕިކް ކޮމިޓީގެ އުންމީދުތައް ފެނަށް ދިޔައީ އެވެ.

މިދިޔަ ޑިސެމްބަރު މަހު، އައިއޯސީން އިއުލާނުުކޮށްފައިވާ ގޮތުގައި، ޕެރިހުގައި ޖުލައި 26، އިން އޮގަސްޓް 11 އަށް ކުރިއަށްދާ އޮލިމްޕިކްސްގައި، ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުން ވާދަކުރާނީ ގައުމެއް ތަމްސީލް ނުކުރާ ގޮތަށް، ނިއުޓްރަލް އެތުލީޓެއްގެ ރެޖިސްޓްރޭޝަނެއްގެ ގޮތުގަ އެވެ.

އައިއޯސީން ރަޝިއާ އާއި ބެލަރޫސް އެތުލީޓުންނާ މެދު މި ފިޔަވަޅު އަޅާފައިވާއިރު، އެ ދެ ގައުމަށް ފިޔަވަޅެއް ނާޅައިފިނަމަ ޔޫކްރެއިންގެ އޮލިމްޕިކް ކޮމިޓީން ވަނީ ޕެރިސް އޮލިމްޕިކްސް ބޮއިކޮޓްކުރާނެ ކަމުގެ އިންޒާރުދީފަ އެވެ.