Advertisement

ހަފުތާ 14: ވައުދުތައް ފުއްދަން ފެށުމަށް "މަސައްކަތް ފެށިފައި"

25 ފެބުރުވަރީ 2024 - 10:12 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް ޑރ. މުއިއްޒު. ފުރަތަމަ 100 ދުވަހުގެ ތެރޭގައި 161 ވައުދެއް ފުއްދަވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ---


ހަފުތާ 14: ވައުދުތައް ފުއްދަން ފެށުމަށް "މަސައްކަތް ފެށިފައި"

25 ފެބުރުވަރީ 2024 - 10:12 0

ނޮވެމްބަރު 17, 2023, ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަތީ ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވެވަޑައިގެން އެ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަމާއެކު އެވެ. ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ގައުމުގެ އިސްތިގުލާލާއި ސިޔާދަތާއި އުމުރާނީ ތަރައްގީ އާއި އިގުތިސާދާއި އިޖުތިމާއީ ހަމަޖެހުމާއި ފަރުދުންގެ ކުރިއެރުމާ ގުޅޭ އެތަކެއް ވައުދުތަކެއް އެމަނިކުފާނު ވެވަޑައިގެންނެވި އެވެ.

އެ ވައުދުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން އެދިވަޑައިގަންނަވާތީ އެމަނިކުފާނު ވަނީ 900 އަށްވުރެ ގިނަ ސަފުހާ ހިމެނޭ ވައުދު ފޮތެއް ވެސް ނެރުއްވައިފަ އެވެ. އެއާއެކު, ވެރިކަމުގެ ފުރަތަމަ 100 ދުވަހު މައިގަނޑު އަށް ދާއިރާއަކުން 161 ވައުދެއް ފުރިހަމަ ކުރައްވަން ވައުދުވެވަޑައިގެން, "ހަފްތާ 14" އެޖެންޑާ ލޯންޗު ކުރެއްވި އެވެ.

މިއަދަށް ވެރިކަމަށް 100 ދުވަސް ފުރިހަމަވެ މާމުއި ހަނދަވަރުގެ މޫސުން މިއޮތީ ނިމިފަ އެވެ. މިއަދަކީ "ހަފްތާ 14" އެޖެންޑާގެ ރިޕޯޓު ދޭ ދުވަހެވެ. މި ލިޔުމުގައި ބަލައިލާނީ ރައީސް މުއިއްޒު ވެވަޑައިގެންނެވި މުހިންމު ވައުދުތައް ފުއްދުނު މިންވަރަށެެވެ.

މިނިވަންކަމާއި ސިޔާދަތު

މިއީ ރައީސް މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭން ބިނާކުރެއްވި މައިގަނޑު ދެކަން ހިމެނޭ ވައުދުތަކުގެ ދާއިރާ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި, މިދިޔަ ސަރުކާރުން ވެފައިވާ ސިއްރު އެއްބަސްވުންތައް ހާމަކުރުމާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު ވައުދުތަަކެވެ.

ގިނަ ރައްޔިތުން އެމަނިކުފާނާ މި އެޖެންޑާ ހަވާލުކުރި ނަމަވެސް ސަރުކާރުގެ ފުރަތަމަ 100 ގެ ތެރޭގައި ފެނިފައިވަނީ މި ވައުދުތައް ފުއްދުމާ ގުޅޭގޮތުން ސަރުކާރަށް ޖަވާބުދާރީވާން ދަތިވި ވައުދުތަކެއްގެ ގޮތުގަ އެވެ.

ދިވެހިރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން ކަމަށް ބަޔާންކޮށްފައިވާ ވައުދުގެ މަސައްކަތްވެރިކަމާ ހަވާލުވި ދުވަހު ރައީސް ފުއްދެވި ކަމަށް އެމަނިކުފާނުގެ ސަރުކާރުން ބުނެ އެވެ. ތެދެކެވެ. އެ ވާހަކަ ރަސްމީކޮށް އިންޑިއާ ސަރުކާރުގައި ރައީސް ދެންނެވި އެވެ. މިހާރު އެއްބަސްވެފައި އޮތީ މެއި 10, 2024 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔުމަށެވެ.

ކޮޕްގެ ހަވާސާގައި ރައީސް އިންޑިއާގެ ބޮޑުވަޒީރާ ނަރެންދުރަ މޯދީއާ ބައްދަލުކުރައްވަނީ. މި ބައްދަލުވުމުގައި އިންޑިއާ ސިފައިން ބޭލުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނޭ --- ފޮޓޯ: ރައީސް އޮފީސް


ނަމަވެސް, އިންޑިއާގެ އެ އޮޕަރޭޝަންތައް ރާއްޖޭގައި މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ. ސިފައިންގެ ބަދަލުގައި މަދަނީން ފޮނުވާނެ ކަމަށް ވަނީ ބުނެފަ އެވެ. އެހެން ނަަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މަދަނީންގެ ގޮތުގައި އިންޑިއާ ސިފައިން ރާއްޖެ އެތެރެ ވުމުގެ ބޮޑު ފުރުސަތެއް އެބައޮތެވެ. އެކަން ސަރުކާރަށް ހުއްޓުވޭނެ ކަމުގެ ޔަގީންކަމެއް "މަސައްކަތް ފެށިފައި" އޮތް ވައުދެއް ނަމަވެސް ގިނަ މީހުންނަށް ނެތެވެ.

ނިމިދިޔަ ސަރުކާރުން އެހެން ގައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވައިލުމުގެ "މަސައްކަތް ފެށިފައި" ވާ ކަމަށް ސަރުކާރުން ބުނެ އެވެ.

އެތައް ސަތޭކެ އެއްބަސްވުމެއް އިންޑިއާ އާއެކު ވެފައިވާކަން ހާމަކުރުމަށް ފަހު، ކުރިއަށް ނުގެންދަން ނިންމީ ހައިޑްރޯގްރަފީ އެއްބަސްވުން އެކަންޏެެވެ. އެހެން ނަަމަވެސް އެއްބަސްވުމުގައި ގައުމުގެ ސިޔާދަތަށް ގެއްލުން ލިބޭ ގޮތަށް އޮތް މާއްދާއެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އިތުރު އެއްބަސްވުމެއްގެ ހިލަމެއް ވެސް ނެތެވެ. އެއިން އެއްބަސްވުމަކާ ގުޅިގެން މީހަކަށް ފިޔަވަޅެއް ވެސް ނާޅަ އެވެ.

ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއއިން ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުން މި ލިޔުން ޝާއިއުކުރުމާ ހަމައަށް ފުއްދިފައި ނުވެ އެވެ. އެ ވައުދު އޮތީ ބޭރުގެ ދެ ތަޖުރިބާކާރުންގެ ދިރާސާ ރިޕޯޓެއްގައި ތާށިވެފަ އެވެ.

އިސްލާމް ދީނާއި ގައުމިއްޔަތު

ރާއްޖޭގެ ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒެއް ގާއިމުކުރި ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެތަނުގައި އަދި މިވަގުތަށް ހުރީ ނަންބޯޑެކެވެ. އެތަނަށް މުވައްޒަފުން ނެގުމުގެ ކަންކަން ކުރަމުންދާއިރު އަދި ރަސްމީ އޮފީހެއް ވެސް ހުރިކަން އެނގޭކަށް ނެތެވެ.

ދިވެހި ޒުވާނުން އިސްލާމް ދީނަށް އަހުލުވެރި ކުރުވައި ހަރުދަނާ ޖީލެއް ބިނާ ކުރުމުގެ އަމާޒުގައި "ރިސާލަތު" ޕްރޮގްރާމު ލޯންޗު ކުރުމުގެ ތެރެއިން. ޕްރޮގްރާމްގެ ދަށުން މައުލޫމާތު ފޯރުކޮށް ދެމުން ދާނީ އިސްލާމްކަން، އީމާންކަން އަދި އިހްސާންކަން، މި ތިން މައުލޫއަށް --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


އޭގެ އިތުރުން, ތަރިކަ ކޮލެޖު ގާއިމުކުރުމާއި, އެ ކޮލެޖުގެ ރިސާޗު ޕްރޮގްރާމްތަކާއި, ގައުމީ ޗާޕުހާނާ ގާއިމުކުރުމުގެ މަސައްކަތްތަކުގައި ވެސް އަދި ކުރިއަށްދަނީ އޮނިގަނޑު ދެއްޔަށް ތިރިކޮށް ފާސްކުރުމުގެ ކަންކަމެވެ. "މަސައްކަތް ފެށިފައި" ކަމަށް ބަޔާންކޮށްފައިވާތީ މި ވައުދު ވެސް ސަރުކާރުން ބުނަނީ ފުއްދިފައިވާ ކަމަށެވެ.

ގެދޮރުވެރިކަމާއި އުމުރާނީ ތަރައްގީ

ފްލެޓުތަކުގެ ކުލި ކުޑަކުރިއިރު ފަތުރުވެރިކަމުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަނީ ސޯޝަލް ހައުސިން ކެޓަގަރީއެއް ހާއްސަކޮށްފަ އެވެ. އަދި, އަނެއްކާ ވެސް ހައުސިންއަށް އާ ޕޯޓަލްއެއް ވަނީ ތައާރަފުކޮށްފަ އެވެ.

ދިވެހިރާއްޖޭގެ ބިމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. މުޅި ޖުމުލަ ވަކިވަކިން ލިޔެފައި އޮތް ތިން ވައުދެއް މި ބިލުން ފުރިހަމަވެ އެވެ.

ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް ގާއިމުކުރުން "ޑޭޓާ އެއްކުރުން" ސްޓޭޖުގައި އޮތްއިރު ފަސް ޕަސެންޓް ކުޑަ އިންޓްރެސްޓުގައި ބޯހިޔާވަހިކަމަށް ދޫކުރާ ލޯނާ ގުޅޭ ސިޔާސަތު އަދި އާންމެއް ނުކުރެ އެވެ. އެކަމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ.

ސިނަމާލެ އާއި މާލެހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަދި ނުފެށެ އެވެ. މިހާތަނަށް އާންމުކޮށްފައިވަނީ ފްލެޓުތަކުގެ ކުރެހުންތަކެކެވެ. ގެދޮރުވެރިކަމުގެ މިންގަނޑުތައް އެކުލެވޭ ބިލެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް އަދި ފޮނުވާފައި ނުވެ އެވެ.

އެއްމެދު އިމާރާތްތަކާއި ގުޅޭ ގާނޫނީ އޮނިގަނޑު އެކުލަވާލިއިރު 'ޕްރޮޕަޓީ މެނޭޖްމަންޓް' އަދި 'ސްޓްރާޓާ ކޮމިއުނިޓީ މެނޭޖްމަންޓް'ގެ ދާއިރާތަކުން ކޯސްތަކެއް ވަނީ ފަށާފަ އެވެ.

އެއާޕޯޓު ތަރައްގީކުރަން ސަރުކާރުން އިއުލާނުކުރި ޕްރޮޖެކްޓުގެ ކުރެހުމެއް. މިއީ 25 މިލިއަން ޕެސެންޖަރުން ގެނައުމަށް އަމާޒުކޮށް ގެންދާ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ބުނޭ ---


ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ނިމިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. ވީއައިއޭ ޑިވެލޮޕްމަންޓު ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށާފައިވީ ނަމަވެސް އެ ކޮމިޓީގެ ސަބަބުން މި މަސައްކަތް އަވަސްވި މިންވަރެއް އަދި ވަޒަން ކުރެވޭކަށް ނެތެވެ.

ބޭރުގެ ކުންފުންޏަކަށް 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭގޮތަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އެ މަސައްކަތް ފެށުމަށް ފަހު އަށް މަހުން ހިއްކަން ނިންމާފައިވާ 1153 ހެކްޓަރުގެ ތެރެއިން ފަސް ޕަސެންޓު ވެސް އަދި ނުހިއްކެ އެވެ.

އާބަން ސެންޓަރުތައް ގާއިމުކުރަން ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި އާންމުކޮށްފައިވެ އެވެ. ލޭންޑް ޔޫސް ޕޭލްންތަކާ ގުޅޭގޮތުން ވެފައިވާ ވައުދު ވެސް ހުރީ "މަސައްކަތް ފެށިފައި' ހިސާބުގަ އެވެ. ގައުމީ ތަރައްގީގެ ޕްލޭން ވެސް އޮތީ އެ ހިސާބުގަ އެވެ.

އެއަޕޯޓުތައް ތަރައްގީކުރުމުގެ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި އިއުލާނުކޮށްފައި ނުވެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ކުއްލިއަކަށް ބޮޑެތި އެއާޕޯޓު މަޝްރޫއުތަކުގައި ސޮއިކުރާ ތަނެވެ. ޕްލޭނެއްގެ ދަށުން ކުރާ ކަމެއް ކަމަށް ނުފެނެ އެވެ.

އައްޑޫ ބްރިޖުގެ އެއްބަސްވުމުގައި ސޮއިކުރަނީ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ --- ފޮޓޯ: ރައީސް އޮފީސް


އައްޑޫ ބްރިޖު މަޝްރޫއުއަށް "ބޭނުންވާ މަސައްކަތް ފެށިފައި" ވާއިރު ތިލަމާލެ ބްރިޖުގެ ހާލަތު ވެސް މި ސަރުކާރުން ވަނީ ދަނެގަނެފަ އެވެ. ލ. ގާދޫގައި ބަންކަރިން ހިދުމަތް ފެށުމުގެ މަޝްރޫއުގެ "މަސައްކަތް ފެށިފައި" ވެ އެވެ. އެކަމުގެ އިތުރު ތަފްސީލެއް ނެތެވެ. މަސް މާރުކޭޓު ވެސް ފެށުމުގެ މަރުހަލާގަ އެވެ.

މީހުން އާބާދުވެފައިވާ ހުރިހާ ރަށްރަށެއްގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އާންމެއް ނުކުރެ އެވެ. މާލެ އަދި އެހެން ސިޓީތަކުގެ ހުރިހާ މަގުތައް ހެދުމުގެ މަޝްރޫއެއްގެ ވެސް ތާވަލު އެކުލަވާލައި އާންމެއް ނުކުރެ އެވެ.

މި ބައިގައި ހިމެނޭ ގިނަ ވައުދުތަކުގައި ދައްކާފައިވަނީ ތްރީޑީ ކުރެހުންތަކެވެ. އަދި, މަޝްރޫއުތައް އިފްތިތާހު ކުރުމުގެ ނަމުގައި ހަފްލާތަކެއް ބޭއްވި އެވެ. އެކަމަކު އަމަލީ މަސައްކަތް ނުފެށޭކަން ފާހަގަކުރެވެ އެވެ.

އިގުތިސާދާއި ތިމާވެށި

ފައިސާ ޗާޕުކުރުން ހުއްޓާލައި އެސްޑީއެފަށް އަލުން ޑޮލަރު ޖަމާކުރަން ފަށާފައިވާއިރު އޭގެ ބިލެއް ވެސް މަޖިލީހަށް ވަނީ ވައްދާފަ އެވެ. އިންވެސްޓްމަންޓް ބޭންކެއްގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. އަދި, އެ ބޭންކެއް ވުޖޫގައި ނެތެވެ.

ދަރަނިތައް 'ރީފައިނޭންސް'ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމުގެ އަމަލީ ނަތީޖާއެއް ހާމައެއް ނުކުރެ އެވެ. ހަމައެކަނި ފަސްކުރާނެ ކަމަށް އަނގަބަހުން ޔަގީންކަން ދީފައިވަނީ ޗައިނާގެ ލޯނުތަކެވެ.

އައިއެމްއެފްގެ ވެރިންނާ ސަރުކާރުގެ އިސްވެރިން ބައްދަލުކުރައްވަނީ. ސަރުކާރުގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ގިނަ ފިޔަވަޅުތަކެއް އަޅަން އެ އިދާރާއިން ވަނީ ލަފާ ދީފައި --- ފޮޓޯ: ރައީސް އޮފީސް


ރިއަލް އެސްޓޭޓް ވިޔަފާރިގެ ބިލެއް މަޖިލީހަށް ލާފައިވާއިރު ވަކި ވަޒީފާތަކެއް ދިވެހިންނަށް ހާއްސަކުރާނެ ކަމަށް ރައީސް ވަނީ އިއުލާނުކުރައްވައިފަ އެވެ. އަދި, އެންމެނަށް ވަޒީފާ ދޭނެ ސިޔާސަތެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. މަސްވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ހުރި ހުރިހާ ވައުދެއް އެ މިނިސްޓްރީން ވަނީ ފުއްދައިފަ އެވެ.

މި ދާއިރާގައި ހިމެނޭ ގިނަ ވައުދުތަކުގެ އަމަލީ ސިފައެއް ނުފެނުނު ނަމަވެސް ގިނަ ވައުދުތައް ހުރީ "މަސައްކަތް ފެށިފައި" ސްޓޭޖުގަ އެވެ.

އަންހެނުންނާއި, ޒުވާނުން, ފަންނިއްޔާތު އަދި ކުޅިވަރު

ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި އަންހެނުން އިތުރުކުރުމުގެ "މަސައްކަތް ފެށިފައި" ވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް މި ސަރުކާރުގެ މަތީ ފަންޑީގައި އަންހެނުން މަދުކަމުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ އެވެ. ކުންފުނިތަކު ބޯޑުތަކުގައި އަންހެނުންގެ ދައުރު އިތުރުވި ނަމަވެސް ދައުލަތުގެ އެހެން މަގާމުތަކަށް އަންހެނުން ތިބި ނިސްބަތް މަދުކަން ފާހަގަކުރެވެ އެވެ.

ރައީސް މުއިއްޒު މަގާމުތަކަށް އައްޔަނުކުރި ބައެއް ބޭފުޅުންނާ އެކު. މި ސަރުކާރުގައި އަންހެނުން މަދުވުމުގެ ސަބަބުން ފާޑުކިޔުން އަމާޒުވި --- ފޮޓޯ: ރައީސް އޮފީސް


އަންހެނުންނަށް ހާއްސަ ލޯން ސްކީމެއް ފަށާފައިވާއިރު ރާއްޖޭގެ އަންހެނުންގެ އުފެއްދުންތައް އިޝްތިހާރު ކުރަން ވެސް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ކޮޕީރައިޓާ ގުޅޭ ބިލު މަޖިލީހަށް ވާއިރު މި ބައިގައި ވެސް ހުރި ގިނަ ވައުދުތަކަކީ ވެސް ކަރުދާހަށް ތިރިކޮށްފައިވާތީ "ފުދިފައިވާ ވައުދު" ކަމަށް ސަރުކާރުން ބުނާ ވައުދުތަކެކެވެ. އެކުލަވައިލަން ބުނެފައިވާ ޕްރޮގްރާމްތަކަށް ބޭނުންވާ "ފްރޭމްވޯކް" ނިމުމުން ވައުދު "ފުދިފައިވާ" ކަމަށް ސަރުކާރުން ބުނެ އެވެ.

ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތަމައު

އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމުގެ މަސައްކަތް ފެށިފައިވާއިރު ޕްރިވެންޓިވް ހެލްތު ކެއާގެ ބިލު ވެސް މަޖިލީހަށް ވަނީ ލާފަ އެވެ. ނަމަވެސް, ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ބިލެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިފައި ނުވެ އެވެ.

އޭޓީއެމް ހިދުމަތް ގާއިމުކޮށްފައި ނެތް ރަށްރަށުގައި އެ ހިދުމަތް ފޯރުކޮށްދިނުމުގެ ޕްލޭނެއް އެކުލަވާލައި އާންމުކޮށްފައި ނުވެ އެވެ. އެ ޕްލޭން ތަންފީޒުކުރަން ފެށިކަމެއް ނޭނގެ އެވެ.

އިސްރަށްވެހީންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއެއް ފެށުމުގެ ގޮތުން މާލޭގައި ހުޅުވީ މިދިޔަ ސަރުކާރުން ބޮޑު ބައެއް ނިންމާފައިވާ ތަނެކެވެ. އަތޮޅު ތެރޭގައި މިފަދަ ތަނެއް އަދި ނުހުޅުވަ އެވެ. އެކަމަކު ވެސް "މަސައްކަތް ފެށިފައި" ވާތީ މި ވައުދު ވެސް ފުދުނު ކަމަށް ސަރުކާރުން ބަލަ އެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރަން ޗައިނާ ކުންފުންޏަކަށް ދީފައިވާއިރު 1,000 ފަގީރުން ހައްޖަށް ފޮނުވުމުގެ ޕްރޮގްރާމްގެ ސިޔާސަތު ވަނީ ކަނޑައަޅާފަ އެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާދިނުމުގެ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރަން ފެށި ނަމަވެސް އަދި އެފަދަ ފަރާތަކަށް ވަޒީފާއެއް ދިން ކަމެއް ނޭނގެ އެވެ.

ބޭރު ގައުމުތަކުގައި ހޮސްޕިޓާ ބަދަލުކުރަން ނަގާ ފީ، އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދޭނެ ކަމަށް ބުނި ނަމަވެސް އެ ފީ ހަރަދުގެ 10 އިންސައްތައަށް ވުރެ އިތުރުވާނަމަ ދައްކަން ޖެހެނީ އަމިއްލައަށެވެ.

ތައުލީމާއި ތަމްރީނު

ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔައިދޭން ޕައިލެޓް ޕްރޮގްރާމްތައް މިހާރު ފަށާފައިވާއިރު އެ މާއްދާއަށް ސިލަބަސް ތައްޔާރުކުރި ގޮތެއް އެނގެން ނެތެވެ. ސިލަބަހުގައި އޮތީ ކޯއްޗެއް ކަމެއް އެނގެން ނެތެވެ. މުދައްރިސުންނާއި, ބެލެނިވެރިންނާއި, ދަރިވަރުންގެ ހިޔާލު މިފަދަ ބޮޑު ކަމެއް ފަށަން ނިންމާފައިވާއިރު ހޯދާފައި ނުވެ އެވެ.

އަރަބިއްޔާގެ އަމަލީ މަސައްކަތް ފެށި ކަމަށް ސަރުކާރުން ބުނާ ކޮށި. އެތަނުގައި އަމަލީ އެއްވެސް މަސައްކަތެއް އެފަދަ ނިޝާނެއް ވެސް ނެތް.


ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ފެށި ކަމަށް ބުނި ނަމަވެސް އަމަލީ މަސައްކަތެއް ނުފެށެ އެވެ. ހަމައެކަނި ޖަހާލީ މަސައްކަތު ބޯޑެކެވެ.

ކަނޑައަޅާ ރަށްރަށުގައި ދަނާލު ބިނާކުރުމުގެ މަޝްރޫއެއް އިއުލާނުކޮށްފައިވާއިރު 'މަލްޓިޕަރޕަސް ހޯލް'ފަދަ ވަސީލަތްތައް ގައިމުކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށްފައި ނުވެ އެވެ.

ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހު

މި ބައިގައި ހިމެނޭ ގިނަ ވައުދުތަކަކީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވުޒާރާތަކެއް އުފެއްދުމާ އެކު ފުދުނު ވައުދުތަކެވެ. އެއީ ވަކިވަކި ދާއިރާތަކަށް މިނިސްޓްރީތައް ކަނޑައެޅުމާ ގުޅޭ ވައުދުތަކެކެވެ. އަދި މި ދާއިރާގައި ހުރި ބިލުތައް ވެސް ވަނީ ހުށަހަޅާފަ އެވެ.