Advertisement

ރިޓަޔާމަންޓް އުވާލައި ކްރޫސް އެނބުރި ޖަރުމަނު ޓީމަށް

23 ފެބުރުވަރީ 2024 - 10:21 0


ރިޓަޔާމަންޓް އުވާލައި ކްރޫސް އެނބުރި ޖަރުމަނު ޓީމަށް

23 ފެބުރުވަރީ 2024 - 10:21 0

މިއުނިކް (ފެބްރުއަރީ 23) - ޖަރުމަނު ގައުމީ ޓީމުން ރިޓަޔާކުރަން ނިންމި ނިންމުން ބަދަލުކޮށް، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް އެނބުރި ޖަރުމަނު ޓީމަށް އަންނަން ނިންމައިފި އެވެ.

ކްރޫސް، 34، ގައުމީ ޓީމަށް ކުޅުން ހުއްޓާލީ، 2021 ވަނަ އަހަރުގެ ޖުލައި މަހު، އެ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އެވެ. ޖަރުމަނުން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި، ކްރޫސް ވަނީ މިހާތަނަށް ޖަރުމަނު ޓީމަށް 106 މެޗު ކުޅެފަ އެވެ.

އަލުން ޖަރުމަނު ޓީމަށް ކުޅެން ކްރޫސް ނިންމީ، ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަންއާ ވާހަކަ ދެއްކުމަށް ފަހު އެވެ.

އިންސްޓަގްރާމްގައި ކްރޫސް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަންނަ މަހު އަލުން ޖަރުމަނު ޓީމަށް ކުޅެން ފަށާނެ ކަމަށެވެ. އެ ގޮތަށް ނިންމީ، ޖަރުމަނުގެ ކޯޗު ނާގަލްސްމަން ވެސް އެ ގޮތަށް އެދޭތީ އާއި އަމިއްލަ ނަފްސަށް ވެސް ގަބޫލުކުރެވެނީ މިއީ ރަނގަޅު ވަގުތެއް ކަމަށްވާތީ ކަމަށެވެ.

މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ހޯސްޓްކުރަނީ ޖަރުމަނުގަ އެވެ. ކްރޫސް ބުނީ އަމިއްލަ ގައުމުގައި އެ މުބާރާތް ކާމިޔާބު ކުރެވޭނެ ފެންވަރު ޖަރުމަނުގައި މިހާރު އޮތް ޓީމުގައި އެބަހުރި ކަމަށެވެ.

ކްރޫސް، އަލުން ޖަރުމަނު ޓީމަށް ކުޅެން ފަށާއިރު، އަންނަ މަހު އެ ޓީމުން އެކުވެރިކަމުގެ ދެ މެޗެއްގައި ކުޅެން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، އަންނަ މަހު ޖަރުމަނުން ބައްދަލުކުރާނީ، ފްރާންސާއި ނެދަލެންޑްސްްއާ ދެކޮޅަށެވެ.