23 ފެބުރުވަރީ 2024 - 09:13 1
ލީވާން އަލީ ނާސިރު
އެސްޑީއެފްސީން ލޯނު އަދި ލީސިންގް ސްކީމެއް އިފްތިތާހުކުރުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: އެސްޑީއެފްސީ
23 ފެބުރުވަރީ 2024 - 09:13 1
ވިޔަފާރި ކަނބަލުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްޑީއެފްސީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން "ފަށާ މަދަދު" ލޯނު އަދި "ފަށާ މަދަދު ލީސިން" އިއްޔެ ތައާރަފުކޮށްފި އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14ގެ ވައުދުގައި ހިމެނޭ މި ވައުދު ކުރިއަށް ގެންދިޔުމަށްޓަކައި 100 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އެސްޑީއެފްސީން ބުނީ މުޖުތަމައުގެ ބަދަހި ކަމަކީ އެ މުޖުތަމައުއެއްގައި ދިރިއުޅޭ ދެ ޖިންސުގެ ފަރުދުންނަށް ވެސް އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމުގައި ވަޒަންހަމަ ފުރުސަތު ފަހިވެފައި އޮތުން ކަމަށެވެ.
މި ސްކީމުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތް ލިބި ދިނުމުގައި ދިމާވާ ދަތިތައް ހުރި ފަރާތްތަކަށެވެ.
މި ލޯނުގެ ދަށުން ހަ ޕަސެންޓު އިންޓްރެސްޓަކާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އެއް ލައްކަ ރުފިޔާއިން ފެށިގެން ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަކީ ހަތް އަހަރު ކަމަށް އެސްޑީއެފްސީން ބުނެ އެވެ.
މި ސްކީމުގެ މަގްސަދަކީ ދިވެހި ކަނބަލުންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި، ފްރީލާންސުކޮށް އަދި ގޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، އެ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމު ހަމަޖައްސައި ދިނުން ކަމަށެވެ.
މިގޮތުން އަށް ޕަސެންޓު އިންޓްރެސްޓަކާއެކު 10،000 ރުފިޔާއިން ފެށިގެން އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް މި ސްކީމުން ހަރުމުދާ ގަނެވޭނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.
މި ސްކީމުގެ ދަށުން ވަކި ފަރުދަކަށް ފައިނޭންސް ކުރެވޭ އަދަދު ކަނޑައެޅޭނީ އެ ފަރާތެއްގެ ބޭންކު އެކައުންޓުން ކަށަވަރު ކުރެވޭ އާމްދަނީއަށް ބެލުމަށް ފަހުއެވެ.
އެސްޑީއެފްސީން ފަށާ މަދަދު ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މާޗު 3، ގައި ހުޅުވާލުމަށް ނިންމާފައި ވާއިރު، ފަށާ މަދަދު ލީސިންއަށް އެދި ހުޅުވާލުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ ތެރޭގަ އެވެ. އެކަމަށް ވަކި ތާރީހެއް ކަނޑައަޅާފައި އޮތް ކަމަށް ހާމައެއް ނުކުރެ އެވެ.
Comment