Advertisement

ގައްދޫ ކައުންސިލުން ރައީސް މުއިއްޒަށް ރައްދު ދީފި، ބުނީ އަޅުދާސްތުނުވާނެ ކަމަށް

22 ފެބުރުވަރީ 2024 - 15:45 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް ޑރ.މުހައްމަދު މުއިއްޒު ގައްދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. އެމަނިކުފާނު ހުވަދުއަތޮޅަށް ވަޑައިގެންނެވީ އިއްޔެ. ފޮޓޯ: ރައީސް އޮފީސް


ގައްދޫ ކައުންސިލުން ރައީސް މުއިއްޒަށް ރައްދު ދީފި، ބުނީ އަޅުދާސްތުނުވާނެ ކަމަށް

22 ފެބުރުވަރީ 2024 - 15:45 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގދ. ގައްދޫއަށް ވަޑައިގެން އެ ރަށުގައި އިއްޔެ ބޭއްވެވި ޖަލްސާގައި ރަށު ކައުންސިލުގެ މެމްބަރުން ބައިވެރިނުުުވުމުން ފާޑުވިދާޅުވެފައި ވާތީ އެ ކައުންސިލުން ރައީސަށް މިއަދު ރައްދު ދީފި އެެވެ.

މުޅީން ވެސް ޕީޕީއެމްގެ މެމްބަރުން ތިއްބަވާ ގައްދޫ ކައުންސިލުން މިއަދު ނެރުނު ދިގު ބަޔާނެއްގައި ބުނީ ރައީސް ގައްދުއަށް ކުރައްވަނީ ރަސްމީ ދަތުރުފުޅެއް ކަަމަށް އެންގުމަށް ފަހު ފަހު ވަގުތު "ސިޔާސީ ހީލަތްތެރި މަގުސަދެއް ކުރިއަރުވަން ބޭނުންފުޅުވި" ދަތުރަކަށް ބަދަލުކޮށްލާފައިވާ ކަަމަށެވެ.

ގައްދޫ ކައުންސިލުގެ އިދާރާގައި އެ ކައުންސިލްގެ މެމްބަރުންނާ އެކު ބާއްވަން ނިންމެވި ބައްދަލުވުން އެހެން ތަނަކަށް ބަދަލުކުރި ކަމަށާއި އެގޮތަށް ބަދަލުކުރީ ކައުންސިލުގެ އިދާރާ އަކީ ރައްކާތެރި ތަނެއް ނޫން ކަމަށް ރައީސް ވިދާޅުވެފައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ގައްދޫ ކައުންސިލަށް ކުޑަައިމީސްވާ ގޮތަށް ސަރުކާރުގެ ވެރިން ކުރެއްވި ކަމަށް ބުނާ އެހެން ގިނަ ކަންތައްތަކެއް ތަފްސީލުކުރުމަށް ފަހު އެ ބަޔާނުގައި ބުނީ އެ ކައުންސިލުން ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އަޅުދާސްތުނުވާނެ ކަމަށެވެ. އިއްޒަތްތެރިން ސޮއިކުރާ ފޮތުގައި ސޮއިނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"...މި ކައުންސިލުން ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާހާ ގޮތަކަށް އަޅުދާސްތުވެ ގުލާނެއް ނުކުރާނެެ،" ގައްދޫ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

އެހެން ނަމަވެސް ގައްދޫ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ބޭނުންވާ ހުރިހާ ކަމަކަށް އެއްބާރުލުން ދިނުމުގައި އެ ކައުންސިލް ދެމިއޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ގައްދޫގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަރަށް ގިނަ ކައުންސިލުތަކަކާއި ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް، ގައްދޫ ކައުންސިލުން ލިބުނު އެއްބާރުލުން ކުޑަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދާ ހަމައަށް އައިރުގަ މި ފެށި ދަތުރުތަކުގަ ވަރަށް ގިނަ ކައުންސިލުތަކަކާ ބައްދަލުވެއްޖެ. ނަމަވެސް މި ރަށުގެ ކައުންސިލުގެ އެއްބާރުލުން ތަންކޮޅެއް ކުޑަކޮށް މި ލިބުނީ. ވަރަށް ހިތާމަކުރާ ކަމެއް،" ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މީގެ ކުރިން ދިޔަ ރަށްތަކުން ވެސް އިދިކޮޅު ޕާޓީ، އެމްޑީޕީގެ ކައުންސިލަރުންނާއި ބައްދަލުކުރެއްވި ކަމަށާއި، އެ ބޭފުޅުން ޖަލްސާތަކުގައި ބައިވެރިވެ އެއްބާރުލުން ދޭކަން ރައީސް ފާހަަގަކުރެއްވި އެވެ.

"މިއަދާ ހަމައަށް އައިއިރުގަ އަޅުގަނޑުމެންނާ ސިޔާސީ ގޮތުން މުޅިން ހިޔާލު ތަފާތު ޕާޓީ، އެމްޑީޕީގެ ކައުންސިލުތަކުގެ ރައީސުން، މޭޔަރުން ހުރިހާ ރަށެއްގަ ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގަތް. އެއީ އެކަންކަން ވާންޖެހޭނެ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.