Advertisement

އާސެނަލް ފަހު ވަގުތު ބަލި، ނަޕޯލީ ދަނޑުގައި ބާސެލޯނާ އެއްވަރު

22 ފެބުރުވަރީ 2024 - 09:02 0


އާސެނަލް ފަހު ވަގުތު ބަލި، ނަޕޯލީ ދަނޑުގައި ބާސެލޯނާ އެއްވަރު

22 ފެބުރުވަރީ 2024 - 09:02 0

ނޭޕްލްސް (ފެބްރުއަރީ 22) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ޕޯޓޯ އަތުން ފަހު ވަގުތު އާސެނަލް 1-0 އިން ބަލިވިއިރު، ނަޕޯލީ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

އާސެނަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ޕޯޓޯގެ ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލެވިފައިނުވެ އެވެ. އާސެނަލްގެ ކައި ހަވާޓްޒް އާއި ވިލިއަމް ސަލީބާ ބޮލުން ފޮނުވާލި ބޯޅަތަކެއް ވަނީ ގޯލާ ސީދާނުވެ ބޭރަށް ގޮސްފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޕޯޓޯ އަށް ފުރަތަމަ ހާފުގައި ގޯލެއް ޖަހައިދޭން ނިކޯ ގޮންޒާލޭޒް އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ޕޯޓޯ އިން މި މެޗުގައި ލަނޑު ޖެހީ، އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ޖަލޭނޯ އެވެ. އޭނާ ފޮނުވާލި ބޯޅަ އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ އަށް ހުއްޓުވޭނެ ގޮތެއްނުވި އެވެ.

އާސެނަލުން 14 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމަށްޓަކައި، މިހާރު އޮތްގޮތަކީ، އަންނަ މަހުގެ 12 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން ނަތީޖާ އަނބުރާލުމެވެ. އާސެނަލުން މި ފަހަރު ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ރެކޯޑް ރަނގަޅުވުމަކީ، އެ މެޗަށް ދާއިރު އިތުބާރު ބޮޑުވާނެ ކަމެއްގެ ގޮތުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ގަބޫލުކުރެ އެވެ.

ރޭގެ މެޗުން ބަލިވުމާ އެކު، އާސެނަލުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް އަށް މެޗަށް ފަހު ނިމުން އައީ އެވެ.

ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ބާސެލޯނާ އިން ވަނީ 60 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީގެ ގޯލުން ލީޑުނަގައިފަ އެވެ. މިއީ، ޕެޑްރީ ނަގައިިދިން ބޯޅައަކުން، އޭރިއާތެރެއިން ލެވަންޑޯސްކީ ޖެހި ލަނޑެކެވެ.

ބާސެލޯނާ އަށް ލީޑުގައި އޮވެވުނީ 15 ވަރަަކަށް މިނިޓެވެ. ނަޕޯލީން ވަނީ އެއްވަރުކޮށްފަ އެވެ. އެ ޓީމަށް މެޗުގެ 75 ވަނަ މިނިޓްގައި ލަނޑު ޖަހައިިދިނީ ވިކްޓަ އޮސީމެން އެެވެ. ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ވަނީ އޮސީމެން ޖެހި ބޯޅަ ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އެ ބޯޅަ ފޮނުވާލުމުގައި އޮސީމެން ފެނުނީ ތަފާތު ދެއްކިތަނެވެ.

ނަޕޯލީގެ ގޯލްކީޕަރު އަލެކްސް މެރެޓް ވަނީ ރޭ ބާސެލޯނާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. އެޓޭކަށް ބަލާއިރު، ރޭ ވެސް ބާސެލޯނާ އިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރުމަކީ، ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ ބުނެފަ އެވެ.

އަދި އަންނަ މަހުގެ 12 ވަނަ ދުވަހު ބާސެލޯނާ ދަނޑުގައި ކުޅޭ ދެ ވަނަ ލެގަށް ނުކުންނާނީ އިތުބާރާ އެކުގައި ކަމަށް ވެސް ޒަވީގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.