Advertisement

އެމްޑީޕީގެ ރައީސް ގޮތުގައި ޝާހިދުގެ ފުރަތަމަ ވާހަކަ: ހަރު އަޑުން ގޮވާލީ ވޯޓުގެ ހައްގު ޔަގީންކޮށްދޭން

21 ފެބުރުވަރީ 2024 - 22:03 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އެމްޑީޕީގެ ރައީސް ގޮތުގައި ޝާހިދުގެ ފުރަތަމަ ވާހަކަ: ހަރު އަޑުން ގޮވާލީ ވޯޓުގެ ހައްގު ޔަގީންކޮށްދޭން

21 ފެބުރުވަރީ 2024 - 22:03 1

ރޯދަ މަހުގެ ތެރޭގައި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުން ވެގެން ދާނީ، ގިނަ ބަޔަކަށް ތަކުލީފަކަށް ކަމަށާއި، އިންތިހާބު ރޯދަ މަހަށް ވުރެ ފަސްކުރަން ޖެހޭ ކަމަށް އެމްޑީޕީގެ އާ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އާންމު ތަނެއްގައި ފުރަތަމަ ފަހަރަށް ޝާހިދު ވާހަކަ ދެއްކެވީ، ތިމަރަފުށި ދާއިރާގެ އެ ޕާޓީގެ ކެންޑިޑޭޓު ފަތުހުﷲ ޖަމީލުގެ ކެމްޕެއިން ޖަލްސާއެއްގައި މިރޭ އެވެ. ޝާހިދުގެ ވާހަކަ ބިނާ ކުރެއްވީ ހައްގުތަކުގެ މައްޗަށެވެ.

މިހާރު އޮތް ސަރުކާރުގެ ފަރާތުން ފެންނަނީ އެއްވެސް ކަމެއް އިންތިޒާމެއް ނެތި ކުރަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ އާންމު ހައްގުތައް "ނިގުޅައިގަނެ"، ހުތުމުހުތާރު ވެރިކަމެއް "އަނެއްކާ ވެސް" އަށަގަތުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށް ވިދާޅުވި އެވެ.

ރޯދަ މަހު އިންތިހާބު ނުބާއްވާ ގޮތަށް، އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޒުކޮޅަށް ފޮނުވާފައި ކަން ޝާހިދު ފާހަގަކުރެއްވި އެވެ.

އޭނާ ތުހުމަތު ކުރެއްވީ، ރޯދަ މަހު އިންތިހާބު ނުބާއްވަން ސަރުކާރުން މަސައްކަތް ކުރަނީ ވޯޓުގެ ހައްގު ގިނަ ބަޔަކަށް ގެއްލުވާލުމަށް ފަހު އިންތިހާބު ބޭއްވުމަށް ކަމަށެވެ.

"ރޯދަ މަހު، ދޮށީ އުމުރުގެ ބޭފުޅުންނަށް، ހާއްސަ އެހީއަށް ބޭނުންވާ ބޭފުޅުންނަށް، ދާއިމީ ބައްޔެއްގައި ބޭސްފަރުވާ ހޯދަން ޖެހިފައި ތިއްބެވި ބޭފުޅުންނަށް، ވަރަށް ބޮޑު ތަކުލީފަކަށް،" ވޯޓުގެ ހައްގު ގެއްލޭ ކަމަށް ޝާހިދު ގަބޫލު ކުރައްވާ ސަބަބުތައް ކިޔައިދެއްވަމުން ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައީސް ތަސްދީގުނުކޮށް އެ ބިލު އިސްލާހު ކުރަން އަލުން މަޖިލީހަށް ފޮނުވި ނަމަވެސް ގާނޫނު އަސާސީގެ އިމުގެ ތެރެއިން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"ބިލު އިސްލާހު ކުރަން ފޮނުވިޔަސް، އަޅުގަނޑުމެން، އެމްޑީޕީން، އަނެއްކާ ވެސް، މަޖިލީހުގެ އަގުލަބިއްޔަތުން އެގޮތަށް ފާސްކުރާނަން، އޭރަށް ޖެހޭނީ ގާނޫނު އަސާސީގައި ދެން އެ އޮންނަ ތަރުތީބުގެ ތެރެއިން ބިލު ތަސްދީގު ކުރަން" ޝާހިދު ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަން ގޮވާލަން، ގާނޫނު އަސާސީގައިވާ ގޮތާ ހިލާފަށް ހައްގުތަކަށް އަރައިގަންނަން ތިކުރައްވާ މަސައްކަތް ހުއްޓާލުމަށް ގޮވާލަން،

ސަރުކާރުގެ ބައެއް އެހެން ސިޔާސަތުތަކަށް ވެސް އޭނާ ފާޑުވިދާޅުވެފަ އެވެ. އެމްޑީޕީގެ މި ފަހުގެ ސަރުކާރުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ވެސް ފޮރިން މިނިސްޓަރު ކަން ކުރެއްވި ޝާހިދު ވަނީ ސަރުކާރުގެ ހާރިޖީ އަދި އިގުތިސޯދީ ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކުރީ، ޔޫރަޕްގެ ޑިއުޓީ އަދި ޓެރިފަށް ލުއި ހޯދުމުގެ އިތުރުން މަހަށް އިތުރު މާރުކޭޓުތައް ހޯދައި ކަންކަން ތަރުތީބު ކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއިގެ އޭގެ ސަބަބުން ދިވެހިރާއްޖެއާއި މުޅި ދުނިޔެއަށް ވެސް ކުރިމަތިވި އިގުތިސޯދީ ތަދުމަޑުކަމުގެ ދުވަސްވަރު ވެސް އެމްޑީޕީގެ އޭރުގެ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖޭގެ ހާލަތު އަނެއްކާ ވެސް ރަނގަޅު ކުރުމަށް، އެމްޑީޕީގެ "ރަން ރީނދޫ ލަޝްކަރު" ފެތުރިގަނެ މުޅި ރާއްޖޭން އެ ޕާޓީއަށް އަގުލަބިއްޔަތު ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެެވެ.