Advertisement

މުޒާހަރާ ހުއްޓާލުމުން ކޫއްޑޫގެ އޮޕަރޭޝަން ފަށައިފި

21 ފެބުރުވަރީ 2024 - 21:31 0

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. -- ފޮޓޯ: އަދަދު


މުޒާހަރާ ހުއްޓާލުމުން ކޫއްޑޫގެ އޮޕަރޭޝަން ފަށައިފި

21 ފެބުރުވަރީ 2024 - 21:31 0

ފައިސާ ނުލިބިގެން މަސްވެރިން ކޫއްޑޫގައި ކުރަމުން ދިޔަ މުޒާހަރާ ހަތަރު ދުވަހަށް ފަހު މިއަދު ހަވީރު ހުއްޓާލުމާއެކު، އެތަނުގެ އޮޕަރޭޝަން ފަށައިފި އެވެ.

މަސްވެރިން ކިރުވި މަހަށް 300 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ނުލިބި ހުރެގެން މި މަހު 18 ވަނަ ދުވަހުން ފެށިގެން 27 ދޯންޏެއްގެ މަސްވެރިން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ދިޔައީ މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާ ކުރަން ފެށުމާއެކު މަސް ކިރުވުމާއި އެހެން އޮޕަރޭޝަންތައް އޮތީ ހުއްޓާލައިފަ އެވެ.

މުޒާހަރާ ހުއްޓާލީ މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުންނެވެ.

ފިޝަރީޒު މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުން އަބަދުވެސް ސަރުކާރުން އަހާނެ ކަމާއި އަބަދު ވެސް ސުލުހަވެރި މަޝްވަރާ އަށް ދޮރު ހުޅުވިފައިވާ ކަމަށެވެ.

"މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރި ސިނާއަތު ތަރައްގީކޮށް މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް މަސްވެރި އާއިލާތަކުގެ ތަނަވަސްކަން އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު،" ޝިޔާމް ވިދާޅުވި އެވެ.

މަސްވެރި އާއިލާތަކުގެ ދަރިން ތިބީ ގައުމު ހިންގުމުގައި ކަމަށާއި އެހެން ކަމުން މަސްވެރިން އަބަދު ވެސް ދައްކާ މިސާލަކީ އަންނަން އޮތް ޖީލުތަކަށް ވެސް ދެއްކޭ މިސާލެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މާލީ ދަތިކަމުގެ ސަބަބުން ކަމަށް ބުނެ މަސްވެރިންނަށް ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވެފައި ވާއިރު، މިއަދު ފައިސާ ދޫކުރަން ފެށީ، ކޫއްޑޫއާ ޖެހިގެން އޮތް ވިލިނގިއްޔަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށް ނިންމަވާފައި ވަނިކޮށެވެ. އެއީ ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުގެ މަންޒިލެކެވެ.